އިސްތިއުފާ ދިނީ މަސްލަހަތަށް، އިހުމާލެއް ނުވަން: ޝިދާތާ

ޖެންޑާ މިނިސްޓްރީ އާއި ސަރުކާރަށް ރައްޔިތުންގެ އިތުރުބާރު ކުޑަވިޔަ ނުދޭން މިވަގުތު އެންމެ މަސްލަހަތު ހުރި ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް ވިޔަސް މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި އިހުމާލުވެފައި ނުވާނެ ކަމަށް ކުރީގެ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.


އިތުބާރު ނެތް ކަމުގެ ވޯޓުން މަގާމުން ދުރުކުރުމުގެ ފިއްތުން ކުރިމަތިކޮށްފައި ވަނިކޮށް ޝިދާތާ މިއަދު ވަނީ ޖެންޑާ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާގެ އިސްތިއުފާ ގަބޫލުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޖެންޑަ މިނިސްޓަރު ކަމަށް އައިޝަތު މުހައްމަދު ދީދީ އައްޔަންކުރައްވައިފަ އެވެ.

ޝިދާތާ ނެރުއްވި ބަޔާނުގައި ވިދާޅުވީ އާއްމުންގެ ކަންބޮޑުވުން ހުރި އަދި މި ދުވަސްވަރު ފެންމަތިވެގެން އުޅޭ މިނިސްޓްރީއާ ގުޅުން ހުރި މައްސަލަަތަކުގައި އޭނާ އަދި މިނިސްޓްރީގައި އޭނާ އެކު މަސައްކަތް ކުރި އެއްވެސް މުވައްޒަފެއްގެ އިހުމާލެއް ނެތް ކަމަށެވެ. އެހެންވިޔަސް މިވަގުތު އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ފެނިވަޑައިގަތީ އިސްތިއުފާ ދެއްވުން ކަަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި އިހުމާލުވެވަޑައިނުގަންނަވާ ކަން، އެކިއެކި ތަހުގީގުތަކާއި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ހޯދުންތަކުން ކުރިއަށް އޮތް ތަނުގައި ހާމަވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ. މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ސަރުކާރު ކޯލިޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރިހަމަ ތާއީދު އޮތް ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދުކުރަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ފަށާފައިވާ މަސައްކަތްތަކާ އެކު ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެން ހަރުދަނާ ގޮތެއްގައި މި ވުޒާރާ ހިންގި ރާއްޖޭގެ އަންހެނުންނާއި ކުޑަކުދިންނަށް އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު އިތުރަށް ރަނގަޅު ވުމެވެ،" ޝިދާތާ ވިދާޅުވި އެވެ.

"އަދި މިނިސްޓްރީއާ މެދު ދައުލަތާއި ރައްޔިތުންގެ އިތުބާރު އިތުރުވެގެން ދިއުމެވެ."

އޭނާ ވިދާޅުވީ ނޮވެމްބަރު 17، 2018، ގައި މިނިސްޓަރަކަށް އައްޔަންކުރެއްވުމުން މިއަދާ ހަމައަށް މަސައްކަތް ކުރެއްވީ ލިބިވަޑައިގެން ހުންނެވި އިލްމާއި ލަޔާގަތާއި ގާބިލިއްޔަތު ތަންދިން މަތީ ދަރަޖާގައި، ރައީސާއި ކެބިނެޓުގެ މަޝްވަރާއާ އެކު ހަރުދަނާ ގޮތެއްގައި ވުޒާރާ ހިންގަވަން ކަމަށެވެ. ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެވަޑައިގަތް ނަމަވެސް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ދާއިރާގެ ހާލަތު ރަނގަޅުވެ، ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށް ވިދާޅުވި އެވެ.

މިއަދު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދިވެހި އަންހެނުންނާއި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ދިމާވަމުންދާ ބޮޑެތި މައްސަލަތައް ހުރުމާ އެކު ވެސް އެފަދަ ކަންކަމާ މީގެ ކުރިން އަޅާލެވިފައިނުވާ މިންވަރަށް އަޅާލެވި ދެމެހެއްޓެނިވި ހައްލުތައް ހޯދުމުގެ މަސައްކަތް ފެށިފައިވުމެވެ. --ޝިދާތާ

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން ދިޔަ ކަންކަމުގެ ސަބަބުން ވޭތުވެދިޔަ 10 ވަރަކަށް އަހަރު ވެސް އޮތީ އިޖުތިމާއީ ގޮތުން އަޅާލަން ޖެހޭ ދާއިރާތަކުގެ ވާހަކަ ދައްކާނެ ފުރުސަތު ނުލިބި ކަމަށް ޝިދާތާ ވިދާޅުވި އެވެ. އެކަން ބަދަލުވެ، ސަރުކާރާއި ރައްޔިތުންގެ ސަމާލުކަން ނުލިބި ހުރި ގިނަ މައްސަލަތައް އިންތިހާ އަށް މި ފަހުން އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

މަގާމުގައި ހުންނެވި އިރު އޭނާގެ މަސައްކަތާ ގުޅުން ހުރި ދާއިރާއިން އެއްބާރުލުމާއި އެހީތެރިކަން ދިން ސަރުކާރާއި މިނިވަން މުއައްސަސާތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރުދުންނަށް ވެސް ޝިދާތާ ޝުކުރު އަދާކުރެއްވި އެވެ. ކުރިއަށް އޮތް ތަނުގައި ވެސް އޭނާ ހުންނަވާނީ ސިޔާސީ ދާއިރާގައި ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމުގައި ކަމަށް ވެސް ވިދާޅުވި އެވެ. މީގެއިތުރުން އަދާލަތު ޕާޓީ އިތުރު ހަރުފަތަަކަށް ގެންދިއުމުގައި ޕާޓީއާ އެކު ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.

ޝިދާތާ އަށް ޕްރެޝަރު ބޮޑުވެ، މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި ނާގާބިލް ކަމުގެ ފާޑުކިއުން އަމާޒުވީ، ކުޑަކުދިންނާ ގުޅުން ހުރި ސީރިއަސް ގިނަ މައްސަލަތަކެއް ފެންމަތިވުމުންނެވެ. އޭގެތެރޭގައި، ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުގެ ތެރޭގައި ކައިވެނީގެ ނަމުގައި ކުދިން ރޭޕްކުރުމާއި ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބަލަހައްޓާ ހިޔާ އާއި ފިޔަވަތީގައި ދިމާވަމުންދިޔަ މައްސަލަތައް ހިމެނެ އެވެ.