މި އަންނަަ ޖެނުއަރީ މަހު އޮންނަ ކައުންސިލް އިންތިހާބުގައި އަދާލަތު ޕާޓީން 147 ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނި ގޮތުގައި އެ ޕާޓީގެ ކެންޑިޑޭޓުން ވާދަ ކުރާނީ 128 ރަށު ކައުންސިލަށާއި 16 އަތޮޅު ކައުންސިލުގެ އިތުރުން ތިން ސިޓީ ކައުންސިލަށެވެ.
ސިޓީ ކައުންސިލްގެ ތެރެއިން އެ ޕާޓީން ކުރިމަތިލާން ނިންމާފައިވަނީ މާލޭގެ ތިން ދާއިރާ އަކަށެވެ. އެއީ ހުޅުހެންވޭރާއި ގަލޮޅު ދެކުނުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އަށެވެ.
އަދާލަތު ޕާޓީގެ ރަޖިސްޓްރާގެ ނައިބު ހުސައިން ވަފީރު މިއަދު ވިދާޅުވި ގޮތުގައި އެ ޕާޓީން ކައުންސިލްތަކަށް ކުރިމަތިލަނީ އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އާ ގުޅިގެން، އެއްބަސްވެވޭ ގޮތެއްގެ މަތިން ދާއިރާތައް ފުށުނާރާނެ ގޮތަކަށެވެ.
"މިސާލަކަށް ތިން މެމްބަރުން ހިމެނޭ ރަށު ކައުންސިިލެއްގައި އެމްޑީޕީން ދެ ކެންޑިޑޭޓުން ވާދަ ކުރަންޏާ އަދާލަތުން ވާދަކުރާނީ އެކަކު. ހަމަ އެގޮތަށް އަދާލަތުން ދެ ކެންޑިޑޭޓުން ވާދަކުރަންޏާ އެމްޑީޕީން ވާދަ ކުރާނީ އެންމެ ކެންޑިޑޭޓެއް،" ވަފީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަދާލަތު ޕާޓީން ކުރިމަތިލާ ރަަށްރަށް، އެ ޕާޓީގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެ ކަމަށެވެ. ކައުންސިލްގައި އެ ޕާޓީން ވާދަ ކުރާނެ ކަން އިއުލާނު ކުރި ނަމަވެސް އަދި ކުރިމަތިލުމަށް ފޯމު ހުށަހަޅާކަށް ހުޅުވައެއް ނުލަ އެވެ.
ވަފީރު ވިދާޅުވީ އިންތިހާބު ބޯމަތިވަމުން އަންނަ އިރު، އެ ޕާޓީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ދޭން ޖެހޭ ފައިސާ އަދިވެސް ނުދިނުން ކަމަށެވެ. އަދި އެ ކޮމިޝަނުން މިހާތަނަށް އެއްވެސް ކައުންސިލެއްގެ ބައި އިލެކްޝަން ބާއްވާފައި ނުވާ އިރު، ގައުމުން ބޭރުގައި ވޯޓުފޮށި ނުބަހައްޓަން ނިންމުމުގައި ޕާޓީތަކުގެ ލަފައެއް ހޯދާފައި ނުވާތީ ކަންބޮޑުވުން ފާޅުކުރި އެވެ.
އަދާލަތުގެ އިތުރުން އެމްޑީޕީން ވެސް ވަނީ އިންތިހާބުގައި އެ ޕާޓީން 511 ކެންޑިޑޭޓުން ވާދަކުރާނެކަން އިއުލާނުކޮށްފަ އެވެ.