ހިޔަލީ، އެލައިޑްގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ދެއްވައިފި

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެލައިޑްގެ ޗެއާމަންގެ މަގާމުން މުހައްމަދު ރަޝީދު (ހިޔަލީ) މިއަދު އިސްތިއުފާ ދެއްވައިފި އެވެ.


ގާތްގަނޑަކަށް 190 މުވައްޒަފުން ހިމެނޭ އަދި އިންޝުއަރެންސް ކެޕޭސިޓީ 140 މިލިއަން ޑޮލަރަށް އަރާފައިވާ އެލައިޑުގެ ކުރިއެރުމަށް ވޭތުވެދިޔަ ހަ އަހަރު ހިޔަލީ ކޮށްދެއްވި މަސައްކަތަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެލައިޑްގެ ޗެއާމަންގެ މަގާމަށް އޭނާ އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.

ޑީއާރްޕީގައި ވެސް އިސްކޮށް ހިޔަލީ އުޅުއްވި އެވެ. އަދި ފަހުން ޕީޕީއެމް އުފެއްދުމުގައި ވެސް ހިޔަލީ އިސްކޮށް ހަރަކާތްތެރިވެވަޑައިގަތެވެ. ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ހިޔަލީ ވަނީ ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް 2018 ގެ ފަހުކޮޅު ޕީޕީއެމް ދޫކޮށްލައްވައި އެމްޑީޕީ އަށް ސޮއި ކުރައްވައިފަ އެވެ.

ކުޅިވަރަށް ވެސް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ހިޔަލީ ވަނީ، ރައްޔިތުންގެ މަޖިލީހުގެ އައްޑު އަތޮޅުގެ ގޮނޑި ހަތަރު ދައުރު ފުރުއްވައިފަ އެވެ.