16 ފެބުރުއަރީ 2020 - 11:10
ދިވެހި ސިނަމާ އިން އެންމެ ފުރަތަމަ ވިދައިލި ބަތަލާ މަރިޔަމް ރަޝީދާ އަހަރުތަކެއް ފަހުން އާ ފިލްމަކަށް ސޮއިކޮށް، އޭގެ މަސައްކަތް ފަށައިފި އެވެ.
އެކްޓަރު މުހައްމަދު ރަޝީދު (ދަރާ) އާ އެކު މަގުބޫލު ސްކްރީން ޖޯޑެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ރަޝީދާ ސޮއިކޮށްފައި ވަނީ ލ. އަތޮޅުގައި މިހާރު ޝޫޓްކުރަމުން އަންނަ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ ދެވަނަ ފިލްމު "ނީނާ" އަށެވެ.
އެ ފިލްމުގައި ރަޝީދާ ފެނިގެންދާ "ނީނާ" އިން ތައާރަފުކުރާ އާ އެކްޓަރު ޝަރަފު އަބްދުﷲ ގެ މަންމަ ލަތީފާގެ ރޯލުންނެވެ. ލަތީފާ އެ ނަމަކީ ރަޝީދާގެ އައިކޮނިލް ސްކްރީން ނަމެކެވެ. "ލަތީފާ" އަށް ކުރީގެ ބަތަލާ ހާޖަރާ ފިލްމުތަކުގައި ބަވައިލާ މަންޒަރުތައް ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ކަމަކަށްވެފައިވެ އެވެ. އެހެންވެ "ނީނާ" ގައި ރަޝީދާ ކެރެކްޓާ އަށް ލަތީފާގެ ނަން ދިނީ ޓްރިބިއުޓެއްގެ ގޮތުގައި ކަމަށް އެ ފިލްމުގެ ޓީމުން ބުންޏެވެ.
ރަންޒަމާނުގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ފިލްމުތަކެއް ކުޅެފަ އެވެ. މީގެ 36 އަހަރު ކުރިން ރާއްޖޭގައި މަންޒަރުތަކެއް ނެގި މިސްރުގެ ފިލްމު "ޔޫސުފް އެންޑް ޒައިނަބު" އިން އެކްޓިން އަށް ނުކުތް ބަތަލާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ލޭކަރުނަ"، "ހާލި" އަދި "އިތުބާރު" ފަދަ ފިލްމުތައް ހިމެނެ އެވެ.
ރަޝީދާ ފަހުން ކުޅުނު ފިލްމުތަކުގެ ތެރޭގައި "ކަށްވަޅަށްދާންދެން" ހިމެނެ އެވެ. އަދި އައްޑޫގައި ވަރަށް ބޮޑު ބައި ޝޫޓްކުރި ކުރީގެ ޑައިރެކްޓަރު އަބްދުލް ފައްތާހްގެ ސިލްސިލާ "ރޭޝަމް" ގައި ވެސް ރަޝީދާ މަސައްކަތްކޮށްފައިވެ އެވެ.
"ނީނާ" އަކީ މިދިޔަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ބަވަތި" އަށް ފަހު އައި ފިލްމްސް ހަދާ ދެވަނަ ފިލްމެވެ. މީގެ ލީޑް ތަރިންނަކީ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި ޝަރަފާއި ޖުމައްޔިލް ނިމާލެވެ.
މި އަހަރު "ނީނާ" ގެނެސްދޭން އަމާޒު ހިފާފައި އޮތަސް އަދި ވަކި ތާރީހެއް އިއުލާނެއްނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލޫ
16 February 2020
ސިފަ އެއް ކޮށް ގެއްލިފަ އިނަސް އަދި ވެސް ތި މަރިޔަން ބަލާލަން ބޭނުން... މޮޅު އެކްޓަރެއް... ކުޑަ އިރު ބެލިން ތި މަރިޔަން ގެ ފިލްމް ތައް... ބަޓް ސޭޑް ޝީ އިޒް ސޯ ޗޭންޖްދް
ދިދަ ދަނޑި
18 February 2020
ސަލޫ ތީ ޗޭންޖް ނުވާނެ މީހެއްތަ؟؟
އަރުހަމް
16 February 2020
ލަތީފާ އަކީ ދިވެހި ފިލްމް އިތުބާރުގައި މަރިޔަމް ރަޝީދާގެ ނަން! ދޮންމަންމައެއްގެ ނުބައި ރޯލް ދައްކާދީފައިވާ ފިލްމަކީ އެދުވަސްވަރުގައި ނިކުތް އެންމެ ރީތި އެންމެ އާއިލީ އެއް ފިލްމް!
އަސްލަމް ނިއު
16 February 2020
ލިލިއަން އަދި ނިޝާ ބަލާލަން ވަރަށް ބޭނުން
ބަބުރަންޖީ ހާޖީ
16 February 2020
އަދި ދަރާބެ ހިމަނާލިނަމަ ވަރަށް ފައްކާވީސް.
ނަޔާ
16 February 2020
ވަރަށް އުފާވެއްޖެ. މިހާރު ދެން ތިގޮތަށް ބަލާލަން ބޭނުންވަނީ ދޮންމަންމަ ފިލްމުގަ އުޅޭ ކުޑަހާޖަރާ. އަދި ލިލިއަން.
ކަނބާ
16 February 2020
ތީ އޮރިޖިނަލް ސްޓާރެއް. ތިވަރެއް ނުހުންނާނެ.