މިނިވަން50 ވީ ކޮރަޕްޝަންގެ ހާއްޔަކަށް، 87 މައްސަލަ ހުށަހެޅި!

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ކުރީގެ ސަރުކާރުން ހިންގި މަޝްރޫއުގައި އެކި ފަރާތްތަކާ ހަވާލުކުރި މަސައްކަތްތަކާ ގުޅޭ ގޮތުން ޖުމްލަ 87 މައްސަލަ ހުށަހެޅި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.


އެއް މަޝްރޫއަކާ ގުޅޭ ގޮތުން މިހާ ގިނަ މައްސަލަތަކެއް ތަހުގީގުކޮށްދޭން އެދިފައިވާ އިރު، މިނިވަން50 އަކީ ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައި ކުރިން ތުހުމަތު ކުރި އެވެ. އެ މަޝްރޫއުގައި ގަވާއިދާ ޚިލާފަށް ދައުލަތުގެ ބަޖެޓުން ހޭދަކުރިކަމަށް އޮޑިޓަ ޖެނެރަލް ނެރުއްވި، ހޯމް މިނިސްޓްރީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވެސް އޮތީ ބުނެފަ އެވެ.

ބީލަމަށް ނުލައި ބޭނުން ބަޔަކާ އެކި މަސައްކަތް ހަވާލުކުރަން ފެށުމުން މައްސަލަ ޖެއްސި ނަމަވެސް އެކަށީގެންވާ ގޮތެއްގައި އޭރު ފިޔަވަޅެއް ނޭޅެ އެވެ.

ކޮރަޕްޝަނަށް ތުހުމަތުކޮށް އޭސީސީ އަށް ހުށަހަޅާފައިވާ ގިނަ މައްސަލަތަކުގެ ތަހުގީގާ ގުޅޭ ގޮތުން ކޮމިޝަނުން މިިދިޔަ ހަފުތާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މައުލޫމާތު ހިއްސާކޮށްފަ އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މިނިވަން 50އާ ގުޅޭ ގޮތުން ހުށަހެޅި ގިނަ މައްސަލަތަކުގެ ތެރެއިން 48 މައްސަލައެއްގެ ތަހުގީގު ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ވެސް 39 މައްސަލައެއްގެ ތަހުގީގު އެބަ ދާ ކަމަށް ވިދާޅުވި އެވެ.

ތަހުގީގު ނިމުނު މައްސަލަތަކުގެ ތެރެއިން ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އަދަދު އެ ކޮމިޝަނުން އަދި ސާފެއް ނުވެ އެވެ.

މިނިވަން50ގެ ގިނަ މައްސަލަތަކެއް އޭސީސީން ބަލަމުން އަންނަ އިރު، އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައިވާ ގޮތުން މާލޭގައި ހިންގި ހަރަކާތްތަކަށް 66 މިލިއަން ރުފިޔާ ޚަރަދުކުރީ ގަވާއިދާ ޚިލާފަށެވެ. އަވަސް އަރުވާލައިގެން މިނިވަން50 ގެ ހަރަކާތްތަކާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ބީލަމަށް ނުލައި ފިނޭންސްގެ ޚާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ އާއި މާލިއްޔަތު ގަވާއިދާ ޚިލާފަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

މާލިއްޔަތު ގާނޫނާ ހިލާފަށް އަދި ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ހާއްސަ ހުއްދައާ ހިލާފަށް ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލު އެ ރިޕޯޓުގައި ވަނީ އާއްމުކޮށްފަ އެވެ. އޭގެ ތެރޭގައި މާލޭގައި ކުލަބޮކި ދިއްލަން ބޭނުންވާ ޕެނަލް ހަރުކުރުމަށް 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރުމާއި ހެވިކަމާއި ކުޅިވަރުގެ ދިއްލުންތަކާއި އަޑަށް ބޭނުންވާ ތަކެތި ކުއްޔަށް ގެނެސް، ގަލޮޅު ދަނޑުގައި އިންސްޓޯލް ކުރުމަށް 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރުން ހިމެނެ އެވެ.

އަދި މާލެ އާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގައި ކުލަބޮކި ދިއްލައި ޒީނަތްތެރި ކުރުމަށް 9.3 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ކުޅިވަރު އީދުގެ މިއުޒިކް ޝޯ އަށް، 2.7 މިލިޔަން ރުފިޔާ އަދި މި ހަރަކާތްތައް ލައިވް ކުރުމަށް ޕީއެސްއެމަށް ބޭނުންވާ އެކި ސާމާނު ގަތުމަށް 5.2 މިލިއަން ރުފިޔާ ހަަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި އެވެ.

މި އޮޑިޓާ ގުޅިގެން ވެސް ފިޔަވަޅެއް ނާޅާ އެވެ.