26 ފެބުރުއަރީ 2020 - 18:16
އަމިއްލަ މީހެއްގެ ލޯނެއްގެ މައްސަލައަކާ ގުޅިގެން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާ ދެމެދު ބޮޑު ޒުވާބެއް ހިނގައިފި އެވެ.
މަޖިލީހުގައި މިއަދު ބޭއްވި އެސްއޯއީ ކޮމިޓީގައި ވަނީ އަމިއްލަ ފަރާތަކުން ހުށަހެޅި، ޕެލިކަން ނަމަކަށް ކިޔާ ބޯޓެއް ފަރަށް އަރާ، ފުންނުކުރެވި އޮވެ، އެ ބޯޓު ހެދުމަށް ނެގި ލޯނު ވެރިފަރާތަށް ނުދެއްކި، މޯގޭޖްކޮށްފައިވާ އަމިއްލަ މުދާތައް ބީއެމްއެލް އިން ނަގަން އުޅޭތީ، އެކަމުގައި ލުއިތަކެއް ހޯދައިދިނުމަށް މަޖިލީހުން ކޮށްދެވޭނެ ކަމެއް އޮޅުން ފިލުވުމަށްޓަކައި ފޮނުވާފައި ސިޓީއާ ގުޅިގެން މަޝްވަރާކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން މެންބަރު ބޮންޑޭ ވިދާޅުވީ، މިއީ ކޮމިޓީން ބަލަން ޖެހޭ މައްސަލައެއް ކަމަށާއި ރާއްޖޭގެ ވަރަށް ގިނަ އާއިލާތަކަށް، ލޯނު ނުދެއްކި، އެމީހުންގެ ހަރުމުދާތައް ބޭންކުން ނެގުމުން، ބޮޑު ނިކަމެތި ކަމެއް ލިބެމުންދާ ކަމަށެވެ.
"މީގައި ފާހަގަކުރެވޭ ފެލިކަން ބޯޓު ގެއްލުންތައް މާލީ ގޮތުން އިތުރުވަމުން ގޮސް، އާއިލާގެ ގޯތި ގެދޮރުވިއްކާ ހިސާބަށް އެބަދޭ. ދެން ބޭންކުން ވެސް އޮވޭ ގޮތްތަކެއް. މީގައި ބޭންކުން މިއަރާ އިންޓްރެސްޓް އެހެން ގޮތަކުން ނަމަވެސް މި އިންޓްރެސްޓް ހުއްޓޭނެ ގޮތެއް ބަލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވީ، ދިވެހި ނިކަމެތި އާއިލާއަކަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި އާދައިގެ ރައްޔިތަކަށް ދިމާވާ މައްސަލަތަކުގައި ވެސް، "ބޮޑެތި މީހުންނާ" އެއްހަމައެއްގައި ކޮމިޓީގައި މައްސަލަ ބަލަން ޖެހޭ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ނާޝިޒު ވިދާޅުވީ، މިއީ ދެ ފަރާތެއްގެ ދެމެދުގައި ހިނގާފައިވާ ވިޔަފާރި މުއާމަލާތެއް ކަމަށާއި އެކަމުގެ ތެރެއަށް ކޮމިޓީން ވަނުމުގެ މެންޑޭޓެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ރާއްޖޭގައި ލުއި ލޯނާއި އެނޫން ގޮތްގޮތުން ލޯނު ނަގައިގެން، އެ ފައިސާ ނުދެއްކި އިންޓަރެސްޓްގެ މައްޗަށް އިންޓަރެސްޓް އަރައި، ސަލާމަތް ނުވެވި، ތަކްލީފު އުފުލަމުންދާ އެތައް ބައެއް ތިބޭ އިރު، މިފަދަ އެއް މައްސަލައެއް ބެލުމަކީ ރަނގަޅު އުސޫލެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ ބޭންކްތަކާ އެކި މުއާމަލާތް ކުރެވެމުންދާ އިރު އެވަދެވެނީ ކޮން ކަހަލަ މުއާމަލާތެއްގެ ތެރެއަށް ކަމާއި އޭގެން ދެން ދިމާވާނެ ކަންކަން ވެސް އެނގޭނެ. މިހާރު އޮތް ބޭންކިން ނިޒާމަށް އެއަށް ވުރެ ލުއި ގޮތްތަކެއް ހޯދައިދޭން އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މިއީ ކޮމިޓީގެ ގަވައިދުގެ މެންޑޭޓް އޮތް ގޮތުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާޝިޒު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ބޮންޑޭ ވިދާޅުވީ، ތި ދެއްކެވީ ހައިރާންވެ އަންތަރީސްވާ ވަރުގެ ވާހަކަތަކެއް ކަމަށާއި ބޭންކް އޮފް މޯލްޑިވްސް އާއި ރާއްޖޭގެ ޝަރުއީ ކޯޓުތައް ވެސް ހިނގަނީ އޮންނަ އުސޫލުން ނޫން ކަމަށެވެ. މި ސަރުކާރު އައި ފަހުން ވެސް ބޭންކުން އެތައް މިލިއަން ރުފިޔާއެއްގެ ލޯނެއް ކަނޑައިފައި އެބަ އޮތް ކަމަށް ވިދާޅުވި އެވެ. އެހެން ކަމުން މި މައްސަލަ ކޮމިޓީން ނުބެލޭނެ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޝިޒަށް އިޝާރާތް ކުރައްވައި ބޮންޑޭ ވިދާޅުވީ، މި މައްސަލައިގައި ތިގޮތަށް ވާހަކަދެއްކެވި އިރު ބޭންކަށް ލޯނު ނުދައްކައިގެން ރީތި ބީޗް ރިސޯޓް ނަގާ، އޭގެ ބަދަލު ދައްކަން ޖެހުނީ ވެސް ނާޝިޒު ކަމަށެވެ.
ރީތި ބީޗް ރިސޯޓް ބޭންކުން ނެގުމުން، އަނެއްކާ އަލުން އެރަށް ހޯދައި، އެރަށް އޮޕަރޭޓްކޮށް އެކަމުން އިތުރު ފައިސާ މިހާރު ވެސް ޑީއާރްޕީގެ ކުރީގެ ލީޑަރު ތަސްމީން އަލީ އާއި ނާޝިޒަށް ވެސް ލިބޭ ކަމަށް ބޮންޑޭ ތުހުމަތު ކުރެއްވި އެވެ. ޑީއާރްޕީގައި ހުރެ ދަރަނިވެރިވެގެން އުޅެފައި، ރީތި ބީޗް ރިސޯޓު ވެސް އަނބުރާ ނަގާ، ހުރިހާ ދަރަނިތަކެއް ވެސް މިހާރު ފިލުވައިފި ކަމަށް ބޮންޑޭ ވިދާޅުވި އެވެ.
"މިހާރު މީހެއްގެ އޮޑިއެއްގެ މައްސަލައެއްވީމަ، ބޭންކް މުއާމަލާތެކޭ، އެ މައްސަލަ އަށް ވަދެގެން ނުވާނެއޭ، ކޮން ހަމަޔަކުންތޯ ތިވާހަކަ ދައްކަވަނީ،" އޭނާ ވިދާޅުވި އެވެ.
ރައްދުގައި ނާޝިޒު ވިދާޅުވީ، ތިއީ ބޮޑު އޮޅުވާލުމެއް ކަމަށާއި ރީތި ބީޗް ރިސޯޓުގެ މައްސަލައިގައި ލޯނަށް ފައިސާ ދެއްކީ އެ މީހުންގެ އަމިއްލަ މުދާ ވިއްކައިގެން ކަމަށެވެ. ނާޝިޒު ވިދާޅުވީ، އެއީ ގަސްދުގައި އެ މީހުންގެ ވިޔަފާރި ހަލާކުކޮށްލުމަށް އޭރުގެ ސަރުކާރުން ކުރި ކަމެއް ކަމަށާއި ރައީސް އޮފީހަށް ގެންގޮސް އޭރު ބިރު ވެސް ދެއްކި ކަމަށެވެ.
އެ މައްސަލަ އެންމެ ބޮޑަށް ހޫނުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އޭރު އެ މައްސަލަ ކޯޓަށް ހުށަހެޅި ނަމަވެސް، މައްސަލަ ކޯޓުން ނިމުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ކުރީކޮޅު އެވެ. ބޭންކް އޮފް މޯލްޑިވްސް ފަހުން ވަނީ 120 ކޮޓަރީގެ ރީތި ބީޗު ރިސޯޓް ވިއްކާލުމަށް 2014 ވަނަ އަހަރު އިއުލާނު ވެސް ކޮށްފަ އެވެ.
މި ވާހަކަތަކާ އެކު ދެ މެންބަރު ވެސް ވަނީ އާދައިގެ ބަހުރުވައިން ބަހުގެ ހަމަލާތައް ބަދަލުކޮށްފަ އެވެ. ދެބޭފުޅުންގެ ޒުވާބު ހުއްޓާލީ، އެކަން ހުއްޓާލުމަށް ކޮމިޓީގެ މުގައްރިރު އެތައް އިރެއް ވަންދެން އެދުމުންނެވެ.
ޕެލިކަން ބޯޓުގެ މައްސަލަ ކޮމިޓީން ބެލުމާ މެދު ބޮންޑޭ ފިޔަވައި އެހެން ހުރިހާ މެންބަރުން ވެސް ދެކޮޅެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާމް ވިދާޅުވީ، މި މައްސަލައިގައި ބޮންޑޭ ވާހަކަދައްކަވަނީ މައްސަލަ ވަރަށް ބޮޑަށް އޮޅޭ ގޮތަށް ކަމަށާއި އޭނާ މަސައްކަތް ކުރައްވަނީ ނޫސްތަކުގައި ހެޑްލައިން ޖެއްސެވުމަށް ކަމަށެވެ. އޭނާ ވިދާޅުވީ، މި ބޯޓަކީ 87 ފޫޓުގެ ތިން ޑެކްގެ ބޯޓެއް ކަމަށާއި މިއީ އާދައިގެ މީހަކަށް ގެންގުޅެވޭނެ ބޯޓެއް ނޫން ކަމަށެވެ.
މީގެ އަގު 7 މިލިއަން ނުވަތަ 8 މިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކުރެވޭ އިރު މިވަރުގެ ބޯޓެއް އިންޝުއާ ކުރުމަކީ ވެރިމީހާގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ އޮޑިވެރިފަރާތުގެ ޒިންމާއެއް އިންޝުއަރެންސް ޕޮލިސީއާ އެއްގޮތަށް އިންޝުއަރެންސް ކުރުން. އެއީ ސަލާމަތާއި ރައްކާތެރިކަމަށް ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އިންޝުއާ ކުރުމުގައި ވެރިފަރާތުގެ އިހުމާލު އޮތް އިރު ކޮމިޓީން މި މައްސަލަ ބެލުމާ އޭނާ ދެކޮޅު ހެއްދެވި އެވެ.
މީގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު ވިދާޅުވީ، ކޮމިޓީން މިފަދަ މައްސަލަތައް ބަލަން ފެށުމަކީ އެހާ ރަނގަޅު ގޮތެއް ނޫން ކަމަށާއި މިފަދަ ބޯޓުތައް ބަންނަ އިރު ފުރަތަމަ ކުރާ އިންޝުއަރެންސް އަށް ފަހު މިފަދަ ބޮޑެތި ބޯޓު ފަހަރު އިންޝުއާ ނުކޮށް އޮތުމަކީ ރާއްޖޭގައި އޮޑިދޯނި ފަހަރު ގެންގުޅޭ މީހުންގެ ވަރަށް ގޯސް ޕްރެކްޓިސްއެއް ކަމަށެވެ.
"އަޅުގަނޑުމެން މީގެ ތެރެއަށް ވަދެއްޖެއްޔާ، މި ޕްރެކްޓިސް ރާއްޖޭގައި އާލާވެ، ދުވާލަކު ދެ ފަހަރު މިކަހަލަ ކޭސްތަކުގެ ތެރެއަށް ޖެހި ބަދަލު ދޭން ޖެހޭ ހިސާބަށް ހިނގައިދާނެ. މި ބޯޓުގެ ފޮޓޯތައް ބެލުމުން، މި ބޯޓު ވީރާނާ ނުވާކަން އެނގޭ،" އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ބަލަން ކޮމިޓީގެ މެޖޯރިޓީ ބޭނުން ނުވުމުން މައްސަލަ ވަނީ ކޮމިޓީން ބޭރުކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
27 February 2020
އަސްލު ބޮންޑޭ ވަރު މީހަކުނެތް ބޭންކުތައް ހިންގޭނެ ގާނޫނެއްވެސް އެބަހަދަންޖެހޭ އަހަރަކު 4 ޕަސަންޓްގަ 1 ބިލިޔަން ރުފިޔާގެލޯނު އެން މެ ނިކަ މެތިންނައް 5 ޕަސަންޓްގަ މެދު މިނުގެ ރިސޯޓު މުވައްޒަފުންނައް 7 ޕަސަންޓުގަ މަސްވެރިންނައް 18 ޕަސަންޓުގަ ވަޒީރުން މަޖިލިސް މެންބަރުންނައް
އަޑަފި
27 February 2020
މަޖްލިހުން ހަމަ ނުބެހޭ އެއްވެސް ކަމެއް ނެތެވެ. ދުވަސްކޮޅަކުން ފެމެލީ ކޯޓަށް ދިއުމުގެ ބަދަލުގައި، ކައިވެނި ވަރީގެ މައްސަލަތައްވެސް ތިޔަ މަޖްލިހަށް ހުށަހަޅާ ގޮތަށް ހަމަނުޖެއްސިއްޔާ ރަނގަޅެވެ.
ބަރަބޯ
27 February 2020
ތި ބޮންޑޭ އަކީ މާ ކަން ކަން އެނގި ގެން އުޅޭ ރޯނު އެދުރެއް....
ރުޅި
27 February 2020
މަމިއުޅެނީ ކުޑަ ކެފޭއެއް ހިންގަންއުޅެ ހަމަ އަރައިނުގަނެގެން. ވެގެން އުޅޭގޮތަކީ މަށާ އެއްވަރުގެ ޖެހިގެން ހުރި އެހެންކެފޭތައް ޖީއެސްޓީއަށް ރަޖިސްޓަރީ ވާންނުޖެހޭކަމަށް މީރާއިން ބުނީމާ އެމީހުން ރަޖިސްޓްރީ ނުކުރޭ. ދެން މަވިއްކާ ބިސްގަޑުން ހަޕަސެންޓް ލީމާ ޖެހިގެން ހުރި ކެފޭއަށްވުރެ އަގުބޮޑުވޭ. ދެން މަގޭ ކެފޭއަށް ވަންނާނެ މީހަކުނުވެ މަ މުޅިން ދަރަނިވެރިވެއްޖެ. ތިޔަ ކޮމެޓީން މިކަން ބަލައިދީބަލަ. ކަލޭމެން ހަދާ ގާނޫނުގެ ހުންނަ ހަމަނުޖެހޭކަންމީ.
ވާރުގެ
27 February 2020
ނާސިޒޫ ! ކޮމިޓީ ގެ މެންޑޭޓެއް ނެތް މައްސަލައެއް މަޖިލީހުގެ ރިޔާސަތުން ކޮމިޓީއަކަށް ނުފޮނުވާނެ. !
ޏަމޫ
27 February 2020
މަޖިލިހުގެ ރިޔާސަތުގަ އިނީ މެންޑޭޓަށް ބަލައިގެން އުޅޭ މީހެއް ނޫންކަން އެނގެނީ އޭނަޔަށް ރައީސްކަން ދިނީމަ އުޅުނު ގޮތުން.
ނިކަމެތިމީހާ
27 February 2020
އަސްލުވެސް މިހާރު ތި ބޭންކް ގެ ޢަމަލު ހުންނަގޮތުން (އޯޑީ ވެއްޖެނަމަ %120 އަށް ލޯނުގެ އިންޓަރެސްޓް ބޮޑުކޮށްލާތީ) އެތައް އެތައްވިޔަފާރިއެއް ބަނގުރޫޓްވެ އެތައްބަޔަކު އުމުރުދުވަހު ހޯދި މުދާކޮޅު ވިއްކައިގެންވެސް އެދަރަނި ނުދެއްކި ނިކަމެތިވެ މަގުމަތިވެފައި އެބަތިބި، އެކަމަކު މިއީ ދިވެހިންގެ ބޭންކޯ، އަޅެ އެއީ ދިވެހިންގެ ހަލާކު ނުންތޯ؟ ދިވެހިރައްޔިތުންނަށްޓަކައި ސަރުކާރާއި މަޖިލީހުން މިކަމަށް ރަނގަޅުގޮތެއް ހޯއްދަވާދެއްވުން ކީއްތޯވާނީ؟
ަޢަބްދުﷲ
28 February 2020
ރިބާ ކެއުން
ޢަސްލުމީހާ
27 February 2020
ތޮއްޑޫ ދާއިރާގެ މެމްބަރ ގިޓާ އަށް އެގިލައްވާތޯ އިންޝުއަރ ކުރިޔަސް ފައިސާއެއް ނުލިބޭކަން. ނެވި 3 ޓީ ޖެޓީގެ ހިގާދިޔަ އަލިފާނުގެ ޙާދިސާގެ އަދާ ހުލިވެގެން ދިޔައީމަ ސޮލެރެއްލާ އިންޝިޢުރެންސް ކުންފުނިން އެއްވެސް ފައިސާ އެއް އަދިވެސްނުދޭ. މިހާރު 5 މަސްވެެއްޖެ ވިޔަފާރި އެދަނީ ނޭވާ ހޮޅިއަށް އެޅެމުން.
އާދިލް
27 February 2020
މިގައުމުގައި ދިމާވާ ދަރަނީގެ މައްސަލަ ފަދަ ކަންކަމުގައި ކުރެވިދާނެ ކަމެއް ބެލުމުގެ ގޮތުން ރައްޔިތުންގެ ކޮމިޓީތަކުން މައްސަލަ ބަލާހިސާބަށް ދިޔައިމަ ދެން މިހާރު އަހަރުމެންނަށް އޮޅިއްޖެ.
ޢެޑްމުންޑޯ
27 February 2020
ބޮންޑޭ ބުނާގޮތަށް ހާދިސާއެއް ދިމާވުމުން އެއަރާ އިންޓަރެސްޓް އަށް ކޮންމެވެސް ގޮތެއް ހަދަންޖެހޭ ، ނަމަވެސް ކަމެއްދިމާނުވެ ލޯނުނުދައްކާގެން ގެދޮރާއި މުދާ ބޭންކަށް ނެގުމުގައި ދުލެއްދީގެންނުވާނެ ، ކުޑަވެސް ދުލެއްދީފިނަމަ އޭރުން ބޮޑެތިލޯނުނަގާ އެނުދައްކާ މަހުޖަނުން ގިނަވެދާނެ
ނިކަމެތިމީހާ
27 February 2020
ވިޔަފާރިއެއްފަށަންވެގެން ނަގާލޯނުން ހުޅުވާ ފިހާރަ އަނދާހުލިވުން ނުވަތަ ގަންނަ އޮޑިދޯނި އަޑިއަށްދިއުންފަދަ އެމީހާގެ އަމިއްލަ ބާރުނުފޯރާ ހާދިސާތަކުގައި ވިޔަފާރި އެއްކޮށް ހަލާކުވުމުގެ ޞަބަބުން ލޯނު ނުދެއްކިގެން ލުއިގޮތަށް ހޯދަދޭން އެދުމުން ކުޑަނަމަވެސް ލުއެއްނުދީ އިންޓަރެސްޓް %120 އަށް ބޮޑުކޮށް ލޯނު ނެގިމީހާގެ ޢާއިލީ އެންމެންގެ މުދާވިއްކައިގެންވެސް ދަރަނި އަދާނުކުރެވި އެތައް ޢާއިލާއެއް ނިކަމެތިވެފަވެސް އެބަތިބި، މިކަހަލަކަންކަމަށް ހައްލެއްބޭނުންވޭ
އެޑަމް
27 February 2020
ބޮންޑޭއައްސަޅާމް ރާއްޖޭގަ އެއްބަޔަކު ވަރައްފަސޭހައިންފާޚާނާޔައްދާއިރު ރައްޔިތުންގެތެރެއިންވަރައްގިނަބަޔަކު ބަޑުހިކިގެން ފާޚާނާއައް ނުދެވިފައެބަތިބި!އެކަންވެސްއަވަހަށް ތިމަޖިލިހުންއަވަހައްބައްލަވަންވީ ނޫންތޯ?
ކެޔޮޅު ދޮންބެ
27 February 2020
ބަނޑު ހިކުނު މީހުން މިހާރުތިބީ ދައުލަތުން ބަދަލު ދޭ ޖުއްލާބު ކައިގެން ފާހާނާ ތަށިމަތީ ސަނާމުގު ކާލަ ކާލާ......ނިކަމެތިން ގެ ހަގަށްވުރެ އިސްކުރީ މުންޑު މީހާ ގެ ބީ ޑޭ ފާހަގަކުރަން !