އަމިއްލަ މީހެއްގެ ލޯނެއްގެ މައްސަލައިގައި ބޮންޑޭ އާއި ނާޝިޒު ބޮޑު ޒުވާބަކަށް

އަމިއްލަ މީހެއްގެ ލޯނެއްގެ މައްސަލައަކާ ގުޅިގެން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާ ދެމެދު ބޮޑު ޒުވާބެއް ހިނގައިފި އެވެ.


މަޖިލީހުގައި މިއަދު ބޭއްވި އެސްއޯއީ ކޮމިޓީގައި ވަނީ އަމިއްލަ ފަރާތަކުން ހުށަހެޅި، ޕެލިކަން ނަމަކަށް ކިޔާ ބޯޓެއް ފަރަށް އަރާ، ފުންނުކުރެވި އޮވެ، އެ ބޯޓު ހެދުމަށް ނެގި ލޯނު ވެރިފަރާތަށް ނުދެއްކި، މޯގޭޖްކޮށްފައިވާ އަމިއްލަ މުދާތައް ބީއެމްއެލް އިން ނަގަން އުޅޭތީ، އެކަމުގައި ލުއިތަކެއް ހޯދައިދިނުމަށް މަޖިލީހުން ކޮށްދެވޭނެ ކަމެއް އޮޅުން ފިލުވުމަށްޓަކައި ފޮނުވާފައި ސިޓީއާ ގުޅިގެން މަޝްވަރާކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން މެންބަރު ބޮންޑޭ ވިދާޅުވީ، މިއީ ކޮމިޓީން ބަލަން ޖެހޭ މައްސަލައެއް ކަމަށާއި ރާއްޖޭގެ ވަރަށް ގިނަ އާއިލާތަކަށް، ލޯނު ނުދެއްކި، އެމީހުންގެ ހަރުމުދާތައް ބޭންކުން ނެގުމުން، ބޮޑު ނިކަމެތި ކަމެއް ލިބެމުންދާ ކަމަށެވެ.

"މީގައި ފާހަގަކުރެވޭ ފެލިކަން ބޯޓު ގެއްލުންތައް މާލީ ގޮތުން އިތުރުވަމުން ގޮސް، އާއިލާގެ ގޯތި ގެދޮރުވިއްކާ ހިސާބަށް އެބަދޭ. ދެން ބޭންކުން ވެސް އޮވޭ ގޮތްތަކެއް. މީގައި ބޭންކުން މިއަރާ އިންޓްރެސްޓް އެހެން ގޮތަކުން ނަމަވެސް މި އިންޓްރެސްޓް ހުއްޓޭނެ ގޮތެއް ބަލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ، ދިވެހި ނިކަމެތި އާއިލާއަކަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި އާދައިގެ ރައްޔިތަކަށް ދިމާވާ މައްސަލަތަކުގައި ވެސް، "ބޮޑެތި މީހުންނާ" އެއްހަމައެއްގައި ކޮމިޓީގައި މައްސަލަ ބަލަން ޖެހޭ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ނާޝިޒު ވިދާޅުވީ، މިއީ ދެ ފަރާތެއްގެ ދެމެދުގައި ހިނގާފައިވާ ވިޔަފާރި މުއާމަލާތެއް ކަމަށާއި އެކަމުގެ ތެރެއަށް ކޮމިޓީން ވަނުމުގެ މެންޑޭޓެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ރާއްޖޭގައި ލުއި ލޯނާއި އެނޫން ގޮތްގޮތުން ލޯނު ނަގައިގެން، އެ ފައިސާ ނުދެއްކި އިންޓަރެސްޓްގެ މައްޗަށް އިންޓަރެސްޓް އަރައި، ސަލާމަތް ނުވެވި، ތަކްލީފު އުފުލަމުންދާ އެތައް ބައެއް ތިބޭ އިރު، މިފަދަ އެއް މައްސަލައެއް ބެލުމަކީ ރަނގަޅު އުސޫލެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ބޭންކްތަކާ އެކި މުއާމަލާތް ކުރެވެމުންދާ އިރު އެވަދެވެނީ ކޮން ކަހަލަ މުއާމަލާތެއްގެ ތެރެއަށް ކަމާއި އޭގެން ދެން ދިމާވާނެ ކަންކަން ވެސް އެނގޭނެ. މިހާރު އޮތް ބޭންކިން ނިޒާމަށް އެއަށް ވުރެ ލުއި ގޮތްތަކެއް ހޯދައިދޭން އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

މިއީ ކޮމިޓީގެ ގަވައިދުގެ މެންޑޭޓް އޮތް ގޮތުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައްސަލަ ހޫނުވީ، ނާޝިޒުގެ ލޯނު ނުދެއްކި މުދާ އަތުލަން ޖެހުނު ވާހަކައިން

ނާޝިޒު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ބޮންޑޭ ވިދާޅުވީ، ތި ދެއްކެވީ ހައިރާންވެ އަންތަރީސްވާ ވަރުގެ ވާހަކަތަކެއް ކަމަށާއި ބޭންކް އޮފް މޯލްޑިވްސް އާއި ރާއްޖޭގެ ޝަރުއީ ކޯޓުތައް ވެސް ހިނގަނީ އޮންނަ އުސޫލުން ނޫން ކަމަށެވެ. މި ސަރުކާރު އައި ފަހުން ވެސް ބޭންކުން އެތައް މިލިއަން ރުފިޔާއެއްގެ ލޯނެއް ކަނޑައިފައި އެބަ އޮތް ކަމަށް ވިދާޅުވި އެވެ. އެހެން ކަމުން މި މައްސަލަ ކޮމިޓީން ނުބެލޭނެ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޝިޒަށް އިޝާރާތް ކުރައްވައި ބޮންޑޭ ވިދާޅުވީ، މި މައްސަލައިގައި ތިގޮތަށް ވާހަކަދެއްކެވި އިރު ބޭންކަށް ލޯނު ނުދައްކައިގެން ރީތި ބީޗް ރިސޯޓް ނަގާ، އޭގެ ބަދަލު ދައްކަން ޖެހުނީ ވެސް ނާޝިޒު ކަމަށެވެ.

ރީތި ބީޗް ރިސޯޓް ބޭންކުން ނެގުމުން، އަނެއްކާ އަލުން އެރަށް ހޯދައި، އެރަށް އޮޕަރޭޓްކޮށް އެކަމުން އިތުރު ފައިސާ މިހާރު ވެސް ޑީއާރްޕީގެ ކުރީގެ ލީޑަރު ތަސްމީން އަލީ އާއި ނާޝިޒަށް ވެސް ލިބޭ ކަމަށް ބޮންޑޭ ތުހުމަތު ކުރެއްވި އެވެ. ޑީއާރްޕީގައި ހުރެ ދަރަނިވެރިވެގެން އުޅެފައި، ރީތި ބީޗް ރިސޯޓު ވެސް އަނބުރާ ނަގާ، ހުރިހާ ދަރަނިތަކެއް ވެސް މިހާރު ފިލުވައިފި ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

"މިހާރު މީހެއްގެ އޮޑިއެއްގެ މައްސަލައެއްވީމަ، ބޭންކް މުއާމަލާތެކޭ، އެ މައްސަލަ އަށް ވަދެގެން ނުވާނެއޭ، ކޮން ހަމަޔަކުންތޯ ތިވާހަކަ ދައްކަވަނީ،" އޭނާ ވިދާޅުވި އެވެ.

ރައްދުގައި ނާޝިޒު ވިދާޅުވީ، ތިއީ ބޮޑު އޮޅުވާލުމެއް ކަމަށާއި ރީތި ބީޗް ރިސޯޓުގެ މައްސަލައިގައި ލޯނަށް ފައިސާ ދެއްކީ އެ މީހުންގެ އަމިއްލަ މުދާ ވިއްކައިގެން ކަމަށެވެ. ނާޝިޒު ވިދާޅުވީ، އެއީ ގަސްދުގައި އެ މީހުންގެ ވިޔަފާރި ހަލާކުކޮށްލުމަށް އޭރުގެ ސަރުކާރުން ކުރި ކަމެއް ކަމަށާއި ރައީސް އޮފީހަށް ގެންގޮސް އޭރު ބިރު ވެސް ދެއްކި ކަމަށެވެ.

އެ މައްސަލަ އެންމެ ބޮޑަށް ހޫނުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އޭރު އެ މައްސަލަ ކޯޓަށް ހުށަހެޅި ނަމަވެސް، މައްސަލަ ކޯޓުން ނިމުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ކުރީކޮޅު އެވެ. ބޭންކް އޮފް މޯލްޑިވްސް ފަހުން ވަނީ 120 ކޮޓަރީގެ ރީތި ބީޗު ރިސޯޓް ވިއްކާލުމަށް 2014 ވަނަ އަހަރު އިއުލާނު ވެސް ކޮށްފަ އެވެ.

މި ވާހަކަތަކާ އެކު ދެ މެންބަރު ވެސް ވަނީ އާދައިގެ ބަހުރުވައިން ބަހުގެ ހަމަލާތައް ބަދަލުކޮށްފަ އެވެ. ދެބޭފުޅުންގެ ޒުވާބު ހުއްޓާލީ، އެކަން ހުއްޓާލުމަށް ކޮމިޓީގެ މުގައްރިރު އެތައް އިރެއް ވަންދެން އެދުމުންނެވެ.

މައްސަލައިގައި ބޮންޑޭ އާއި އެހެން މެންބަރުންގެ ޚިޔާލު ތަފާތު

ޕެލިކަން ބޯޓުގެ މައްސަލަ ކޮމިޓީން ބެލުމާ މެދު ބޮންޑޭ ފިޔަވައި އެހެން ހުރިހާ މެންބަރުން ވެސް ދެކޮޅެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާމް ވިދާޅުވީ، މި މައްސަލައިގައި ބޮންޑޭ ވާހަކަދައްކަވަނީ މައްސަލަ ވަރަށް ބޮޑަށް އޮޅޭ ގޮތަށް ކަމަށާއި އޭނާ މަސައްކަތް ކުރައްވަނީ ނޫސްތަކުގައި ހެޑްލައިން ޖެއްސެވުމަށް ކަމަށެވެ. އޭނާ ވިދާޅުވީ، މި ބޯޓަކީ 87 ފޫޓުގެ ތިން ޑެކްގެ ބޯޓެއް ކަމަށާއި މިއީ އާދައިގެ މީހަކަށް ގެންގުޅެވޭނެ ބޯޓެއް ނޫން ކަމަށެވެ.

މީގެ އަގު 7 މިލިއަން ނުވަތަ 8 މިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކުރެވޭ އިރު މިވަރުގެ ބޯޓެއް އިންޝުއާ ކުރުމަކީ ވެރިމީހާގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އޮޑިވެރިފަރާތުގެ ޒިންމާއެއް އިންޝުއަރެންސް ޕޮލިސީއާ އެއްގޮތަށް އިންޝުއަރެންސް ކުރުން. އެއީ ސަލާމަތާއި ރައްކާތެރިކަމަށް ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އިންޝުއާ ކުރުމުގައި ވެރިފަރާތުގެ އިހުމާލު އޮތް އިރު ކޮމިޓީން މި މައްސަލަ ބެލުމާ އޭނާ ދެކޮޅު ހެއްދެވި އެވެ.

މީގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު ވިދާޅުވީ، ކޮމިޓީން މިފަދަ މައްސަލަތައް ބަލަން ފެށުމަކީ އެހާ ރަނގަޅު ގޮތެއް ނޫން ކަމަށާއި މިފަދަ ބޯޓުތައް ބަންނަ އިރު ފުރަތަމަ ކުރާ އިންޝުއަރެންސް އަށް ފަހު މިފަދަ ބޮޑެތި ބޯޓު ފަހަރު އިންޝުއާ ނުކޮށް އޮތުމަކީ ރާއްޖޭގައި އޮޑިދޯނި ފަހަރު ގެންގުޅޭ މީހުންގެ ވަރަށް ގޯސް ޕްރެކްޓިސްއެއް ކަމަށެވެ.

"އަޅުގަނޑުމެން މީގެ ތެރެއަށް ވަދެއްޖެއްޔާ، މި ޕްރެކްޓިސް ރާއްޖޭގައި އާލާވެ، ދުވާލަކު ދެ ފަހަރު މިކަހަލަ ކޭސްތަކުގެ ތެރެއަށް ޖެހި ބަދަލު ދޭން ޖެހޭ ހިސާބަށް ހިނގައިދާނެ. މި ބޯޓުގެ ފޮޓޯތައް ބެލުމުން، މި ބޯޓު ވީރާނާ ނުވާކަން އެނގޭ،" އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ބަލަން ކޮމިޓީގެ މެޖޯރިޓީ ބޭނުން ނުވުމުން މައްސަލަ ވަނީ ކޮމިޓީން ބޭރުކޮށްލައިފަ އެވެ.