15 މާޗް 2020 - 23:54
ކޮވިޑް-19 ރޯގާ ފެތުރޭތީ ސްކޫލްތަކާއި އޮފީސްތައް ހިންގަން ދަތިވެ ގޭގައި ތިބެން ޖެހިފައި ވާތީ، އެފަދަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ގޫގުލް އިން އެ ކުންފުނީގެ ވަރުގަދަ ވީޑިއޯ ކޮންފަރެންސިން ޕްލެޓްފޯމް ހޭންގްހައުޓްސް މީޓް ވީޑިއޯ-ކޮންފަރެންސިން ހިލޭ ދޫކޮށްލަން ނިންމައިފި އެވެ.
ގޫގުލްގެ ބްލޮގް ޕޯސްޓެއްގައި ބުނީ މި ހިދުމަތް ޖުލައި 1 އާ ހަމަޔަށް ހިލޭ ދޭން ނިންމީ، ވަޒީފާ އަދާކުރާ މީހުންނާއި ދަރިވަރުންނަށް ރޯގާގެ ސަބަބުން ކުރިމަތިވެފައިވާ އުނދަގުލުގެ ތެރޭގައި، އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
ހޭންގްހައުޓްސް މީޓް އަކީ ގޫގުލްގެ ޖީ ސޫޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ޕްރޮޑަކްޓިވިޓީ ޓޫލް އެވެ. މީގައި، ކިޔަވައިދިނުމަށް ހާއްސަ ވާޝަންއަކާއި ވިޔަފާރިތަކަށް ހާއްސަ ވާޝަނެއް ވެސް ހިމެނެ އެވެ.
މީގެ ފީޗާތަކުގެ ތެރޭގައި އެއްފަހަރާ 250 މީހުން ބައިވެރިވެ ގުޅައިގެން ވާހަކަ ދެއްކުމާއި 100،000 މީހުންނަށް ފެންނާނެހެން މި ބައްދަލުވުންތައް ލައިވްސްޓްރީމްކޮށް ގޫގުލް ޑްރައިވްގައި ސޭވް ކުރެވުން ހިމެނެ އެވެ.
މި މުހިންމު ހިދުމަތް ދުނިޔެ އަށް މިވަގުތު އެހާ ބޮޑަށް ބޭނުންވެފައި ވަނީ ކޮވިޑް-19 އެންމެ ފަސޭހައިން ފެތުރެނީ ބަލި ޖެހިފައި ހުންނަ މީހުންނާ ގައިގޯޅިވެ އުޅުމުން ކަމަށް ވާތީ އެވެ. ބަލި ކޮންޓްރޯލް ނުވެ މިހާރު ވަނީ މުޅި ދުނިޔެ އަށް ފެތުރިފަ އެވެ.
ގޫގުލްގެ ހޭންގްއައުޓް ހިލޭ ދޭން މި ފެށީ މީގެ ވާދަވެރިއެއް ކަމަށްވާ ޒޫމް އިން، ކޮވިޑް-19 ގެ ހާލަތު އެންމެ ބޮޑަށް ގޯސްވި ޗައިނާގައި މިވަގުތު ހިލޭ ހިދުމަތް ދޭން ނިންމާފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy