މުޅި ދުނިޔެ އަށް ވެސް ކޮރޯނާވައިރަސް ފެތުރިފައިވާއިރު، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެ ގައުމުތަކުގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތައް މެދުވެރިކޮށް، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަތިންދާބޯޓުތައް ކެންސަލް ވުމުގެ ސަބަބުން އިންޑިއާ އާއި ސްރީ ލަންކާ އަދި ނޭޕާލްގައި ތާށިވެފައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މާދަމާ އިން ފެށިގެން ހަފުތާއަކަށް އިންޑިއާ އަށް ބައިނަލްއަގުވާމީ ދަތުރުތައް ކުރުން ހުއްޓައިލުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެހެންވެ، އިންޑިއާ އިން ނާދެވި ތިބި ދިވެހިންނަށް ބޭނުންވާ ކަންކަން އާސަންދަ އާއި އެންސްޕާ ގުޅިގެން ހަމަޖައްސައި ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެއީ އެ މީހުން އިންޑިއާގައި ތިބުމާއި ކެއުމުގެ ޚަރަދެވެ.
ކޮންމެހެން މި ވަގުތު ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިންނަށް ރާއްޖެ ނާދެވި އިންޑިއާގައި ތާށިވީ މޯލްޑިވިއަންގެ މަތިންދާބޯޓުގެ ދަތުރު ކުއްލި ގޮތަކަށް ކެންސަލް ކުރުމުންނެވެ.
ބޭރުގެ 16 ގައުމެއްގައި ރާއްޖޭގެ 17 ޑިޕްލޮމެޓިކް މިޝަނެއް ގާއިމްކޮށްފައިވެ އެވެ. އަދި ފޮރިން މިނިސްޓްރީން ވަނީ ބޭރުގައި ދިރިއުޅޭ ދިވެހިން އެ ބަޔަކު ތިބި ގައުމެއްގައި ހުންނަ ނުވަތަ އެ ގައުމަކާ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއްގައި ރަޖިސްޓަރީ ވުމަށް ތަކުރާރުކޮށް އިލްތިމާސް ކޮށްފަ އެވެ.
ކޮވިޑް-19 ބައެއް ގައުމުތަކުގައި ފެތުރެން ފެށުމާ ގުޅިގެން، އެ ގައުމުތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ވަނީ ރާއްޖެ އަންނަން ފަށައިފަ އެވެ. އެހެންވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެ ބަޔަކު ތިބި ގައުމެއްގައި މި ވަގުތަށް މަޑު ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.
ރާއްޖޭން ބޭރުން އަންނަ ހުރިހާ ދިވެހިން ވެސް ރެއިން ފެށިގެން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހު އައިސޮލޭޝަންގައި ތިބެން ޖެހޭނެ ކަމަށް ވަނީ ނިންމައިފަ އެވެ. ރެއާ ހަމައަށް ދިވެހީން އައިސޮލޭޓް ކުރަމުން އައީ ގޭގަ އެވެ.
ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ފެނި، އެ ވައިރަހުން ޖެހޭ ކޮވިޑް-19 ގެ ބަލީގެ 13 މީހަކު ވަނީ ފެނިފަ އެވެ. ނަމަވެސް އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ. އެކަމަކު، އެ މީހުން ދޫކޮށްލާނީ މަހެއްހާ ދުވަހު މޮނިޓާ ކުރުމަށް ފަހު ކަމަށް ސަރުކާރުން ބުނެ އެވެ.
ރާއްޖޭގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ކޮރޯނާވައިރަހެއް ނުޖެހެ އެވެ.