އިންޑިއާގައި ތާށިވެފައި ތިބި ދިވެހިންނަށް އާސަންދަ އާއި އެންސްޕާ އިން އެހީވަނީ

އިންޑިއާގެ ހުރިޙާ އެއާޕޯޓްތަކެއް މާދަމާ އިން ފެށިގެން ބަންދުވާ އިރު، މިރޭ ރާއްޖެ އަންނަން ޓިކެޓް ނެގި ދިވެހިންނަށް ރާއްޖެ އާދެވެންދެން، އެ މީހުން އެ ގައުމުގައި ތިބުމާއި ކެއުމުގެ ޚަރަދު އާސަންދަ ކުންފުންޏާއި އެންސްޕާ އިން ބަލަހައްޓަން ނިންމައިފި އެވެ.


އެކަން ކުރަން ނިންމާފައި ވަނީ އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ބެލުމުގެ ދަށުންނެވެ. ކޮންސިއުލޭޓްގެ ހޮޓްލައިން ނަމްބަރަކީ 919847702554+ އެވެ.

ސަރުކާރުގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ، ކޮންމެހެން ރާއްޖެ އަންނަން ޓިކެޓު ނެގި މީހުން ގެނެވޭނެ ގޮތެއް މިހާރު އަންނަނީ ބަލަމުންނެވެ. ނަމަވެސް، އެއީ ކޮން ގޮތެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ސަރުކާރުން އެ މީހުންނަށް އެހީތެރިވެވޭނެ ގޮތެއް މިހާރު މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.

އާސަންދަ ކުންފުނީގެ ޓުވީޓް

ކޮންމެހެން މި ވަގުތު ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިންނަށް ރާއްޖެ ނާދެވި އިންޑިއާގައި ތާށިވީ މޯލްޑިވިއަންގެ މަތިންދާބޯޓުގެ ދަތުރު ކުއްލި ގޮތަކަށް ކެންސަލް ކުރުމުންނެވެ. މި ކަމާ ގުޅޭ ގޮތުން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އިންޑިއާގައި ވެސް ކޮވިޑް-19 ހަލުވިކަމާ އެކު، ފެތުރެމުންދާތީ އެ ގައުމުގެ ވައިގެމަގު ވަގުތީ ގޮތުން ބަންދުކުރުމަށް ވަނީ ނިންމައިފަ އެވެ. އެ ފިޔަވަޅު އަޅަނީ މިރޭ 12:00 ން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު މެންދުރު ބޭއްވި ނިއުސް ބްރީފިންގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ތަފާތު ބޭނުންތަކަށް އިންޑިއާ އަށް ގިނަ ދިވެހިންތަކެއް ގޮސްފައިވާއިރު، އެ ގައުމުގެ އެއާޕޯޓުތައް ހުޅުވަންދެން އަމިއްލަ ޚަރަދުގައި ތިބުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އެހެންވެ، އޭނާ ވިދާޅުވީ އެފަދަ މީހުން ދެނެގަނެ އެ މީހުންނަށް ހުރުމާއި ބޭސްފަރުވާގެ ކަންކަން ދިވެހި ސަރުކާރުން ހަމަޖައްސައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި، މިފަދަ ހާލަތެއް ދިމާވެފައި ވަނީ އިންޑިއާ އަށް އެކަންޏެއް ނޫނެވެ. އެގޮތުން، ކޮރޯނާވައިރަސްއާ ގުޅިގެން، ލޮކްޑައުންއަކަށް ގެނެސްފައިވާ ބައެއް އެހެން ގައުމުތަކުގައި ވެސް ހަމަ މި މައްސަލަ ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ފިލިޕިންސްގެ މެނީލާ އާއި މެލޭޝިއާ ވެސް ހިމެނޭ ކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ އެ ގައުމުތަކުގައި ތިބި ދިވެހިންނާ މެދު ވެސް އަމަލުކުރަމުން އަންނަނީ މި ގޮތަށް ކަމަށެވެ.

ޗައިނާގެ ވޫހާން ސިތީގައި ކޮރޯނާވައިރަސް އުފަންވެގެން އައިއިރު، އެ ސީޓިގައި ނުވަ ދިވެހިން ތިއްބެވެ. އެ ސިޓީ ސެލްފް ލޮކްޑައުންއަކަށް ދިޔައިރު، ވައިރަސް ކޮންޓްރޯލެއް ނެތި ފެތުރެމުންދާތީ، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާ އެކު، ދިވެހި ސަރުކާރުން ވަނީ އެ ތަނުގައި ތިބި ދިވެހިން ރާއްޖެ ގެނެސްފަ އެވެ. ރާއްޖެ އައުމުގެ ކުރިން އިންޑިއާގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް އެ މީހުން ވަނީ ހަމަކޮށްފަ އެވެ.