އެޕަލްގެ އެޕް ސްޓޯރު ރާއްޖެ އަށް

އެޕަލް އިން މި އަހަރު އެ ކުންފުނީގެ އެޕް ސްޓޯރުގެ ހިދުމަތް އަލަށް ދޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމަނައިފި އެވެ.


އެޕަލްގެ މާކެޓްޕްލޭސް މުޅި ދުނިޔެ އަށް ފުޅާކުރުމުގެ މަސައްކަތުގައި މި އަހަރު 20 ގައުމަކަށް އެޕް ސްޓޯރު ލިބޭ ގޮތް ހަދަން ވަނީ ނިންމައިފަ އެވެ. ނަމަވެސް އަލަށް ކަނޑައެޅި ގައުމުތައް ހިމެނޭ ސަރަހައްދުތަކަށް އެޕަލްގެ ސަޕޯޓް ސާވިސް ދޭނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އެޕަލް އިން ވަނީ އެޕްތަކަށް އެކްސެސްވުމަށް، ޑިވެލޮޕަރުން އެކައުންޓްތަކަށް ލޮގިންވެ، އަލަށް ހަދާފައިވާ ޔޫސާ އެގްރީމެންޓަށް އެއްބަސްވާން ޖެހޭނެ ކަމަށް ބުނެފަ އެވެ.

އެޕަލް އިން ވަނީ އަންނަ މަހުގެ 10ގެ ކުރިން ޑިވެލޮޕަރުން މައުލޫމާތު އަޕްޑޭޓްކުރުމަށް ވެސް އެދިފަ އެވެ. މާނަ އަކީ އާ ގައުމުތަކަށް އޭގެ ފަހުން އެޕް ސްޓޯރު ދޫކުރަން ފެށުމެވެ.

މިހާރު އެޕަލް އިން 155 ގައުމަކާއި ސަރަހައްދުތަކަށް އެޕް ސްޓޯރު ދީފައިވެ އެވެ.

އެޕަލްގެ އެޕް ސްޓޯރު ލިބުމުން، ގިފްޓް ކާޑު ނުގަނެ އެޕްތައް ގަނެވޭނެ އެވެ. އަދި ފައިސާ ދައްކައިގެން އެޕަލްގެ ހިދުމަތްތައް ހޯދަން އުފުލަންޖެހޭ ބުރަ ނިމުމަކަށް އަންނާނެ އެވެ.

އެޕަލްގެ ނިންމުމާ ގުޅޭ ޚަބަރު ޓްވީޓް ކުރައްވައި މިނިސްޓަ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެފައިވާ ގޮތުގައި މައިކްރޮސޮފްޓާއި ގޫގުލްގެ ހިދުމަތް ވެސް ވަރަށް އަވަހަށް ރާއްޖެ އަށް ދޭނެ އެވެ. އަދި އެޕަލްގެ އެޕް ސްޓޯރު ރާއްޖެ އަށް ލިބުމަކީ އުފާވެރި ޚަބަރެއް ކަމަށް ވިދާޅުވެފައިވެ އެވެ.

މިގޮތަށް ގައުމަށް ހާއްސަކޮށް ހިދުމަތް ދޭން ފެށުމުން އެ ކުންފުންޏެއްގެ ވަރަށް ގިނަ ހިދުމަތްތައް ފަސޭހަކަމާ އެކު ލިބި އަދި ކުރިން ނުލިބޭ އެތައް ހިދުމަތެއް ވެސް ލިބޭނެ އެވެ.