25 މާޗް 2020 - 09:56
އާދިއްތަ ދުވަހާ ގުޅޭ
"ހުއްޓާލާ ހުއްޓާލާ!" ހަނާ ހަޅޭއްލަވައިގަތެވެ. "މި ބުނަނީ! ނައީމު ބުނެގެން އަހަރެން އައީ."
އެ ނަމަކީ އަނިލްއަށް އާ ނަމެކެވެ. ހަނާގެ އާއިލާގައި އެ ނަން ކިޔާ މީހަކު އުޅޭކަމެއް އަނިލް އަކަށް ނޭނގެއެވެ. އަނިލް ފުންކޮށް ވިސްނައިލިއެވެ. ނައީމަކީ ހަނާގެ އާއިލާގެ ކޮންމެވެސް މީހެއްގެ އެކުވެރިޔަކަށް ވެދާނެއެވެ. ނުވަތަ ހަނާއަށް ހަދައިފައިވާ ސިހުރު ހެދި ސިހުރުވެރިޔާއަށް ވެސް ވެދާނެއެވެ. ހަމަ އެހެންމެ އެއީ ޖިންނި ވަގުތުން ހަދައިލި ނަމަކަށް ވެސް ވެދާނެއެވެ. ޖިންނިސައިތާނުންނަކީ އޮޅުވާލަން ކުޅަދާނަ ބަޔެކެވެ.
"ނައީމު ބުނާހާ ގޮތެއް ކަލޭ ޖެހޭތަ ހަދަން؟" އަނިލް ސުވާލުކުރިއެވެ.
"ހަދަންތާ ޖެހޭނީ،" ހަނާ ޖަވާބުދިނެވެ. "އަހަންނަށް ގޮވާ ގެނެސް ހަވާލުކުރީ ވިއްޔަ!"
"ހަވާލުކުރާނީ ސިހުރެއް!" ޔަގީންކަމާ އެކުގައި އަނިލް ބުންޏެވެ. "ސިހުރަކާ ދޯ ކަލޭ ހަވާލުވީ؟"
"މަ ކޮން އިރަކު ސިހުރެކޭ ބުނީ؟" ހައިރާންކަން އެކުލެވިފައިވާ އަޑަކުން ހަނާ އެހިއެވެ.
ޖިންނީން ކުރާ ކޮންމެ ސުވާލަކަށް ޖަވާބުދިނުމަކީ އަނިލް ކުރާހިތްވާ ކަމެއް ނޫނެވެ. އެހެންނަމަވެސް، ބައެއް ހަގީގަތް ހޯދުމަށް ޓަކައި ޖިންނިޔާ އެއްބައިވާ ގޮތް ދައްކަން ޖެހެއެވެ. ޖިންނިއަށް ވުރެ މަކަރުވެރިވާން ޖެހެއެވެ.
"އެކަމަކު އަހަންނަށް އެނގެޔޭ އަހަރެން ސިހުރާ ގުޅޭ އާޔަތްތަކެއް ކިޔެވީމަކަން ކަލެއަަށް އުނދަގޫވަނީ." އަނިލް ވަރަށް ހަމަޖެހިލައިފައި ބުންޏެވެ.
"އަހަންނަކަށް އެއްވެސް އުނދަގުލެއް ނުވޭ،" އަނިލްއަށް ވުރެ ހަމަޖެހިފައިވާ ރާގަކަށް ހަނާ ބުންޏެވެ. "ކަލޭމެން އިންސާނުންނަކަށް އަހަރުމެންނަކަށް އުނދަގުލެއް ނުކުރެވޭނެ. އަހަރުމެން ދެކެ ކަލޭމެން ބިރުގަންނާނެ. ކަލޭމެން ދެކެ އަހަރުމެން އެއްވެސް ބިރެއްނުގަނޭ."
"ކަލެއަށް އުނދަގޫނުވާ ނަމަ ކަލޭ ލައްވާ އެއްވެސް އެއްޗެއް އަހަންނަށް ބުނުވޭނެހެން ހީވޭތަ؟" އަނިލް ރައްދު ދެމުންގެންދިޔައެވެ.
"އުނދަގޫވެގެނެއް ނޫނޭ ބުނީ،" ހަނާ އެންމެ ތަންކޮޅެއް ވެސް ދޫ ނުކުރެއެވެ. "އަހަރެން ހަމަ ހިތަށްއެރީ ކަލޯ ކައިރީގަ ބައެއް އެއްޗެހި ބުނެލަންވެއްޖޭ! އެހެންވެގެން ބުނެލީ. ކަލޯ ތީ ކުޑަކުޑަ ސޮރެއްނު! ކޮންމެހެން ކަލޯ ކިޔެވީމައެއް ނޫނޭ އަހަރެން މި ވާހަކަދައްކަނީ. އަހަރެން ހަމަ ހިތަށްއެރި އެއްޗެއް ހިތަށްއަރާ ގޮތަށް މި ބުނެލަނީ. އެއްވެސް މަޖުބޫރުކަމެއް ނެތި. އަހަރެން ބޭނުން ގޮތެއް ހަދާލާނީ."
މަންޒަރު ބަލަންތިބި އެހެން މީހުންނަށް ފެންނަމުންދިޔައީ އަނިލްގެ ނުކުޅެދުންތެރިކަމެވެ. ޖިންނީގެ ކުޅަދާނަކަމާއި ޖެހިލުންކުޑަކަމެވެ. އަނިލްއަށް އެ ކަން ވާނެބާއޭ ނަސީމް ހިތަށްއެރިއެވެ. އަނިލްގެ މަގްސަދު ދިޔައީ ހާސިލުވަމުންނެވެ. "ހަނާގެ" ބަހުރުވަޔާއި، ރާގުން އަނިލްއަށް ޔަގީންވަމުންދިޔައީ އެއީ މުސްކުޅިއެއް ކަމެވެ.
"ކަލޭ ބޭނުން އެއްކަމެއް ވެސް ނުކުރެވޭނެ،" އަނިލް ވަރަށް ސާބިތުކަމާ އެކުގައި ބުންޏެވެ. "ކަލެއަށް ކުރެވޭނެ ހަމައެކަނި ކަމަކީ ގަދަބަސް ބުނުން. ތިހެން ގައިތެރެއަށް ވަދެ ކަލެއަކަށް ނުހުރެވޭނެ. ކަލޭ ޖެހޭނީ މި ތަނުން ދާން."
"ނުދާނަން." ޗޮކެއްކަނޑައިލައިފައި ހަނާ ބުންޏެވެ.
"އަހަނ! ކަލޭ ތި ބުނަނީ ކަލެއަށް މީހަކު ގޮވީމައޭ އައީ. ކަލޭ ކޮންމެހެން އަންނަން ބޭނުންވެގެނެއް ނޫނޭ އައީ،" އަނިލްގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. "މަ މި ބުނަނީ ކަލޭ ދާށޭ. މީހަކު ބުނީމަ އައިއްޔާ މީހަކު ބުނީމަ ދާން ވެސް ޖެހޭނެއްނު. ކީއްވެ ނުދާނަމޭ ތި ބުނަނީ؟"
"ކަލޭ ބުންޏަކަސް ނުދާނަން." ހަނާ ބުންޏެވެ.
އަނިލް ބޭނުން ނަމަ އެ ވަގުތު ވެސް އޭނަ ފޮނުވައިލެވުނީހެވެ. އެހެން ނަމަވެސް އޭރުން އަނެއްކާ ވެސް އަންނާނެއެވެ. ނަތީޖާ ރަނގަޅުވަނީ ކޮންމެވެސް ކަހަލަ އެއްބަސްވުމަކާ ހަމައަށް އާދެވުނީމައެވެ. ސުލްހަވެރިކޮށް އެ ކަން ނިމުނީމައެވެ. އަނިލް ވާހަކަ އިތުރަށް ދަންމައިލިއެވެ.
"ދެން؟" އަނިލް ބުންޏެވެ. "ނައީމު ބުނީމަ ދާނީ؟"
"އޭނަ ބުންޏަސް ދެން ނުދާނަން،" ގޮތްދޫނުކުރާ ރާގެއްގައި ހަނާ ބުންޏެވެ. "އަހަރެން ބޭނުން އިރަކުން ދާނީ."
އެ ފުރުސަތެއް އަނިލް އަކަށް ނުދެވޭނެއެވެ. ހަތަރުކަޅި ހަމަކޮށް ނުބެލިޔަސް، ކައިރީގައި ތިބި މީހުންގެ މޫނަށް ވެރިވަމުންދާ ކުލަވަރު އަނިލްއަށް ފެނެއެވެ. އެ މީހުން ތިބީ ގޮތްހުސްވާން ކައިރިވެފައެވެ.
"ތީ އަޖައިބެއްނު!" އަނިލް ހިތްހަމަނުޖެހިފައި ބުންޏެވެ. "ކަލޭ އަޅައިގަތީތަ؟ އަންހެނަކަށް ވެހުރެ ކީއްވެ ކަލޭ އަންހެނަކާ އަޅައިގަތީ؟ ތީ ކިހާ ހުތުރު ކަމެއް."
"ކަލެއަށް ކިހިނެއް އެނގެނީ އަހަންނަކީ އަންހެނެއްކަން؟" ހަނާ ސުވާލުކުރިއެވެ.
"ބަލަ ކަލޭ ސްކޫލް ދޮށުން ހަނާއަށް ފެނިގެން އުޅުނީ އަންހެނެއްގެ ސިފައިގައެއްނު!" އަނިލް ޖަވާބުދިނެވެ.
ހަނާ ހޭން ފެށިއެވެ. އެ ހުނުމަކީ މަލާމާތާއި ކިބުރުވެރިކަން އެކުލެވިފައިވާ ހުނުމެކެވެ. ހަނާގެ އަނގައިން އަޑު އަޔަސް ހީވަނީ ހަނާއަށް ވުރެ މާ މުސްކުޅި އަންހެނެއްގެ އަޑުހެންނެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއިން އެ އަޑު އަންނަނީ، އީމާންތެރިކަން ކުޑަ ހިތެއްގައި ބިރުވެރިކަން އުފައްދާ ކަހަލަ ގޮތަކަށެވެ. ޒާހިދާ ތެދުވިއެވެ. އެއްވެސް އެއްޗެއް ނުބުނެ އެ ތަނުން ނުކުތެވެ. ރިޒްވާނާއި ނަސީމު ފިކުރު ބޮޑުވެފައި ތިބީއެވެ.
"ކަލޭ ކޮން ކަމަކާ ތި ހެނީ؟" އަނިލް އެހިއެވެ.
"ކަލޮއަށް ނުވިސްނޭތީ،" ހަނާ މަލާމާތްކުރިއެވެ. "ތި ވަރު މީހަކަށް ކޯޗެއް ކިޔެވޭނީ؟ ކޮންކަމެއް ކުރެވޭނީ؟ ބަލަ އަހަރުމެންނަކީ ސިފަ ބަދަލުކުރެވޭ ބަޔެކޭ. އަންހެނެއް ކީއްކުރަން ކަޅު ބުޅަލާ، ނަންނުގަތި ސިފައިގަ ވެސް އަހަންނަށް އާދެވިދާނެ."
"ކޮބާ ހީވޭ!" އަނިލް ވެސް ވާހަކަދެއްކީ މަލާމާތްކުރާ ރާގެއްގައެވެ. "ތީ ތި ވާ ވަރަކީ. މިހާރު ތި އެއްބަސްވެވުނީ ކަލެއަކީ ޖިންނިއެއްކަން."
"އެހެނެއް މަ ނުބުނަމެއްނު!" ހަނާ ދުލެއްނުކުރިއެވެ.
"ދެން ކަލޭ ކީއްކުރަން ސިފަ ބަދަލުކުރީ؟ އެ ސުވާލަށް ޖަވާބުދީބަލަ!" އަނިލް އެދުނެވެ. "ތީ އިންސާނެއް ކަމަށް ވަންޏާ މޭކަޕުކޮށްގެނެއްނު ކަލޭ އަންނަންވާނީ. ކީއްވެ އަހަންނަށް ކަލޭ ނުފެންނަނީ؟ ފިރިހެނަކަށްވެ ހުރެ އަންހެނަކަށް ވެގެން ކަލޭ ތި އަންނަނީ ކަލޭގެ ޖިންސު އޮޅުވާލާނަމޭ ހިތާތަ؟"
"އެ ކަހަލަ ބޮޑެތި ވާހަކަ ކޮންމެހެން ބުނާކަށް ނުޖެހޭނެ!" ވަގުތުން ހަނާ ޖަވާބުދިނެވެ. "ކަލެއަށް ވެސް އެ ވަރު އެނގޭނެއްނު."
އަނިލް ކިޔަވަން ފަށަން އުޅޭ ގޮތް ދައްކައިލިއެވެ. ފޯނުން ޤުރުއާނުގެ އާޔަތް ހޯދަން ފެށިއެވެ.
"ކަލޭ ވާހަކަދައްކާ ރާގާ، ކަލޭ ތި ޒުވާބުކުރާ ގޮތާ، މި ހުރިހާ އެއްޗަކަށް ބެލީމަ އަހަންނަށް އެނގޭ ކަލެއަކީ މުސްކުޅި އަންހެނެއްކަން،" އެ ވަގުތު ވެސް އަނިލް ޖަވާބުދެމުން ގެންދިޔައެވެ. "އަހަންނަށް ކަށަވަރު ކަލޭ އެކަނި ނޫންކަން ތި އުޅެނީ. އާއިލާ އެއްކޮށް ދޯ އައިސް ތި އުޅެނީ؟"
ހަނާ ޖަވާބެއް ނުދިނެވެ. އެއްވެސް ހަރަކާތެއް ނުކޮށް އޮތީއެވެ. ގިނަ ފަހަރަށް އެހެން ވަނީ ޖިންނީގެ ކެހިވެރި ރޭވުން ބޭޒާރުވާ ދަނޑިވަޅުގައެވެ. ނުވަތަ ކައިރީގައި ތިބޭ އެހެން އެއްޗެއްސާ މަޝްވަރާކުރާ ވަގުތުއެވެ. އަނިލްގެ ތަޖުރިބާ ބުނަނީ ހަނާއަށް ޖެހިފައިވަނީ އެންމެ ސިހުރެއް ނޫންކަމެވެ. އެތައް ސިހުރަކާ ހަވާލުވެގެން އެތައް ބަޔަކު އައިސް، ހަނާގެ ހަށިގަނޑުގެ އެތަންމިތަނުގައި ސިހުރު ވަޅުލައިގެން އެބަތިއްބެވެ. އެހެން އެންމެން ތިބީ ވާނުވާ ބަލާށެވެ. އަޑުއަހާށެވެ. ވާހަކަދައްކަނީ އެ ތަނުގައި ހުރި އެންމެ މުސްކުޅި، އެންމެ ބުއްދިވެރިކަމަށް ހެދިގެން އުޅޭ ޖިންނިއެވެ.
"އާނ! މިތާ ބައިވަރު އެބަތިބި! ގުނަން އުޅެފިއްޔާ ކަލޯގެ އަނގަ ވާޅުވާނީ،" ފަޚުރުވެރިކަމާ އެކުގައި ހަނާ ބުންޏެވެ. "އެހާ ބައިވަރު އެބަތިބި. ކަލެއަކަށް މި ފަހަރު ކުރިއެއް ނުލިބޭނެ. ތިހެން އުޅެންހަދައިގެން ކަލެއަށް ލަނޑުލިބޭނީ. ތި އުޅެނީ މަގޭ އަތުން ބޮނޑިއެއް ބޯންވެގެން."
ލިބުނު ރަން ފުރުސަތުގެ ބޭނުންހިފަން އަނިލް އަވަސްވެގަތެވެ.
"ކޮބާ ކަލޭގެ މަންމަ؟" އަނިލް ސުވާލުކުރިއެވެ. "އޭނަ ދޯ ބޮޑުމީހަކީ؟"
ނޫނެކޭ ބުނުމުގެ ގޮތުން ހަނާ ދެއަތަކަށް ބޯހޫރައިލިއެވެ.
"އެހެންވިއްޔާ ބައްޕަ! އަހަންނަށް ކަށަވަރު." އަނިލްގެ ރާގުގައި ވަނީ ޔަގީންކަމެވެ.
"ކަލެއަށް ކަށަވަރުވެފަ ހުރޭ!" ހަނާ ޖަވާބުދިން ވަގުތު ހަނާގެ ދެފައި ތުރުތުރުއަޅަން ފެށިއެވެ. "ތި އުޅެނީ އަހަރެން ލައްވާ އެއްޗެހި ބުނުވާކަށްނު! ނިކަން ބުނުވަބަލަ! ބުނާނަން މޮޅޭ!"
"ވަރިހަމަ ނުބުންޏަސް!" އަނިލް ފޫހި ގޮތަކަށް ބުނެލިއެވެ. "މި ގެންނަނީ ބައްޕަ!"
"ނުގެނެވޭނެ!" ތަންކޮޅެއް އުނދަގުލުން ހަނާ ބުންޏެވެ. "ލާހިކެއް ނޫން ގެންނާކަށް. އޭނަ މި ތާކު ނެތޭ!"
އަނިލް ތެދުވިއެވެ. ފެންފުޅި ނެގިއެވެ. އޭރު ހަނާގެ އުނަގަނޑުން ތިރި އެއްކޮށް ތުރުތުރުއަޅައެވެ. އެ މަންޒަރު ބަލާކަށް ރިޒްވާނާއި ނަސީމަކަށް ވެސް ފަސޭހައެއް ނޫނެވެ. ނަސީމު އެހެން ދިމާއަކަށް މޫނު އަނބުރައިލިއެވެ.
"މި ތާ ނެތިއްޔާ ކަލޭ ތި ހީކުރަނީ ނުގެނެވޭނެކަމަށްތަ؟" އަނިލް ސުވާލުކުރިއެވެ. "ކޮންތާކު ތިބީ؟"
ހަނާ ޖަވާބެއް ނުދިނެވެ. އަނިލް ކިޔަވަން ފެށިއެވެ. ހިތުނިޔަތްގެންފައި އަނިލް ކިޔެވީ އާޔަތުލް ކުރުސިއެވެ. އެންމެ ފަހަރަކު ނޫނެވެ. އެއީ އެންމެ ފޯރިގަދަވި ވަގުތެވެ. ހަނާގެ ދެފައި ތެޅުވުން ހުއްޓުވުމަށް ޓަކައި އަނިލް އިޝާރާތުން ހަނާގެ ދެފައި ބަނދެލިއެވެ. އެއީ ލޯމައްޗަށް ފެންނަ ރޯނަކުން ބަންނަ ބަނުމެއް ނޫނެވެ. އެހެން މީހުންނަށް ފެނުނީ އަނިލްގެ ޝަހާދަތް އިނގިލިން ކޮށްލި ހަރަކާތެކެވެ. ވަގުތުން ދެފައިގެ ތެޅުން ހުއްޓުނެވެ. ދެން ފައި ތެޅުނީ ވަރުގަދައަށް ބަނީމައި ތެޅޭ ގޮތަކަށެވެ. އެ ހިސާބުން ރިޒްވާނަށް ގޮނޑިން ތެދުވެވުނެވެ. ނުފެންނަ ދުނިޔެއެއްގައި ކޮންމެ ކަމެއް ހިނގަމުން ދިޔަސް ރިޒްވާނަށް ފެންނަނީ ރިޒްވާންގެ ލޯބިވާ އަނބިމީހާ ތަހައްމަލުކުރާ ވޭނެވެ.
"ކޮބާ އެންމެން؟" އަނިލް ހަރުކަށި ސުވާލެއް ކުރިއެވެ.
"ޕޮއްޕޮއް!" ހެމުންހެމުން ހަނާ ބުންޏެވެ. "އެކަކު ވެސް ނުގެނެވޭ! ޕޮޗޮސް ޕޮޗޮސް!"
މާނައެއް ދޭހަ ނުވާ އަޑުތަކެއް ހަނާ ލައްވަން ފެށިއެވެ. އޭގެ ބޭނުމެއް އެކަކަށް ވެސް ނުވިސްނުނެވެ.
"ކަލޭ ހިތުން ތިހިރީ ގެނެވިފަ؟" މަލާމާތުގެ ރާގަކަށް ހަނާ ބުންޏެވެ.
އަނިލް އެއްޗެއް ނުބުނެ ހުސް ދިމާއަކަށް ފެންޖަހަން ފެށިއެވެ. އެއީ، އެ ތަނަށް އައި ބަޔަކު ތިބޭނެކަމަށް އަނިލް ލަފާކުރި ދިމާއެވެ. ވަކި އާޔަތްތަކެއް ކިޔަވައިގެން ތައްޔާރުކޮށްފައިވާ އެ ފެނަކީ ޖިންނީންގެ ރޫހާނީ ހަށިތައް ވިރުވައިލާ ގަދަފަދަ ހަތިޔާރެކެވެ. އެ ވަގުތު ވަރަށް ގަދަ އަޑުފައްގަނޑެއް އިވުނެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމުގެ އުޅަނބޮށި
25 March 2020
މިކަހަލަ ކަމަކާއި ކުރިމަތިލެވިފަ ހުރީމަ ބިންމާ ވާހަކައަށް އެ އިތުރު ކުރާ ފޮނިތޮށި ކާފޫރުތޮޅިން ހިތަށް އުނދަގޫވޭ. ވާހަކަ ރީތި & ޝައުގުވެރި. އެކަމުވެސް...
ކިޔާދީ
29 March 2020
ކިހިނެއް ވީ މަންޖެ އަށް
މަހީން
25 March 2020
މަ ވަރަށް އުފާވެއެވެ. ???????????????
ލޯޑިންގް.........
25 March 2020
ވ ސަޅި ވާހަކަ ދިގުކޮށްލާ! އަހަރެމެން ގޭގައި އުޅޭއިރު ހާދަ ފޫއްސޭ
ސުރައްޔާ
25 March 2020
ވާހަކަ ވަރަށް ރީތި.........ދެން ވާހަކައިގެ އަނެއް ބައި ލިބޭނެ ދުވަހަކީ ކޮބާ؟؟؟؟؟؟؟؟؟؟؟؟؟ ވާހްކައިގެ އަނެއް ބައި ލިބޭ ދުވަހަކަށް އިންތިޒަާރު ކުރަމެވެ.
2020
25 March 2020
ސަސީއަށް މަ ތާއީދު މިހާރުނޫހުންކީކޭ މިކަމަށްބުނަނީ
ތުނިޔަ
25 March 2020
ބިންމާ ތިހެންގޮސް 2000 ވާހަކަ ހަމަ ނުކުރައްޗޭ!
ލިގާ
25 March 2020
ނާޒި މުވެސް ޤުރުއާން ކިޔަވަންފެށީ މަ މައިތިރިވޭ..!!
ސްނޯ
25 March 2020
ވ މަޖާ ??
ސްނޯ
25 March 2020
ވ މަޖާ ??
ކުރަފަތްބޭބެގެ
25 March 2020
ޔޭ މަފަސްޓް
ޢެހެންތަ ހީވަނީ
25 March 2020
ޤުރުއާން ނުކިޔަވާއާޔަތުލް ކުރުސި ނުކިޔަވާ އައުރަނިވާނުކޮއް އުޅޭއަންހެނަކަކާއަޅައިގަނެއްއުޅޭ ސައިޠަނެއް ވާހަކައެއްނަމަ އިބްރަތެއް ހާސިލްވާޖެހޭ .