ޕާރަސް އަދި މާހިރާ.
31 މާޗް 2020 - 08:28
ކަލާޒް ޗެނަލުން މިޔަ މަހު ނިންމައިލި ރިއަލިޓީ ޝޯ "ބިގް ބޮސް 13" ގައި ވާދަކޮށް ހާއްސަ ގުޅުމެއްގެ ޝޯގެ ތެރެއިން އުފެދުނު ދެ ބައިވެރިން ކަމަށްވާ ޕާރަސް ޗާބްޅާ އާއި މާހިރާ ޝަރުމާ ފިލްމަކަށް ސޮއިކޮށްފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އެ ދެ މީހުން ސޮއިކުރީ ޕަންޖާބީ ބަހުން ހަދާ ފިލްމަކަށް ކަމަށާއި އޭގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. ނަމަވެސް ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ.
ޕާރަސް އާއި މާހިރާ ފިލްމަކަށް ސޮއިކުރި ކަމަށް ބުނާ އިރު، "ބިގް ބޮސް 13" ނިމުނު ފަހުން އެ ދެ މީހުން އެކީގައި ކުޅުނު ވީޑިއޯ ލަވައެއް ވެސް ވަނީ ދާދި ފަހުން ދައްކާލައިފަ އެވެ. އެއީ "ބާރިޝް" އެވެ.
ޕާރަހަކީ ބިގް ބޮސްގެ ހަ ވަނަ އަށް ދިޔަ ބައިވެރިޔާ އެވެ. އަދި މާހިރާ އަކީ ޝޯގެ ފިނާލޭގެ އެއް ދުވަސް ކުރިން ކަޓައިގެން ދިޔަ ބައިވެރިޔާ އެވެ.
ކަޝްމީރަށް އުފަން މާހިރާ ވަނީ ކުރިން ސިލްސިލާތަކެއްގައިި ވެސް މަސައްކަތްކޮށްފަ އެވެ. ކަރީނާ ކަޕޫރްގެ ވަރަށް ބޮޑު ފޭނެއް ކަމަށް ދައުވާކުރާ 22 އަހަރުގެ ބަތަލާ ކުޅުނު ސިލްސިލާތަކަކީ "ނާގިން" ފުރަތަމަ ސީޒަނާއި "ކުންދަލީ ބަގިޔާ" އެވެ.
ޕާރަހަކީ ވެސް ކުރިން ސިލްސިލާތަކެއްގައި ސަޕޯޓިން ރޯލްތަކެއް ކުޅެފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި "ބަދޯ ބަހޫ" އާއި "އާރަމްބް" އާއި "ކަރްން ސަންގިނީ" އަދި "އަގޯރީ" ހިމެނެ އެވެ. ޕާރަސް އެމްޓީވީގެ ރިއަލިޓީ ޝޯ "ސްޕްލިޓްވިލާ 5" ގައި 2012 ގައި ވާދަކޮށް، އެ ޝޯ ކާމިޔާބު ވެސްކޮށްފައިވެ އެވެ.
"ބިގް ބޮސް 13" ނިމުމާ އެކު އޭނާ އިންނާނެ މީހަކު ހޯދަން ފެށި ޝޯ "މުޖްސޭ ޝާދީ ކަރޯގޭ" ގެ ތަރުހީބު ކުޑަވުމާއި ކޮރޯނާވައިރަހާ ގުޅިގެން ވަނީ ހުއްޓާލައިފަ އެވެ. އަދި އެ ޝޯ ގެނެސްދިން ގަޑީގައި މިހާރު ގެނެސްދިނީ "ބިގް ބޮސް 13" ގެ ރިޕީޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްއިކްގަން މުރުގަން
31 March 2020
ފްލޮޕް އަކަށް ވާނީ