ގެވެށި އަނިޔާގައި، ބައްޕަ ބޭޒާރުކޮށް ސޯޝަލް މީޑިއާއަށް!

ފިރިހެން ދަރި، އޭނާގެ ފޭސްބުކްގައި ލިއުނީ ބައްގެ "އަނިޔާވެރިކަމެ"ވެ. އެ ޕޯސްޓް، 1،300 އަށް ވުރެ ގިނަ މީހުން ޝެއާކޮށް، ގެވެށި އަނިޔާގެ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް އެތައް ބަޔަކު މިހާރު މިވަނީ ވަދެފަ އެވެ.


މިއީ ރާއްޖޭގައި އަދި އާންމު ކަމެއް ނޫނެވެ. ބައްޕަ އައިޑީ ކާޑު ވެސް ހިމަނައިގެން ކުރި ޕޯސްޓްގައި ދަރިފުޅު އާންމުންގެ ކިބައިން އެދުނީ އޭނާ ހޯދައިދިނުމަށެވެ. އެކަމަކު ޕޯސްޓްގައި ބުނެފައިވާ ގޮތުގައި، ބައްޕަގެ މައްސަލަ އާއިލާ އިން ވަނީ ފުލުހުންނަށް ވެސް ހުށައަޅައިފަ އެވެ.

ދަރިފުޅުގެ ތުހުމަތުތައް ސީރިއަސް އެވެ. އަދި އޭނާ ލިއުނު ގޮތުގައި އޭގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ބައްޕަގެ މައްސަލަ ފުލުހަށް ވެއްދި އެވެ. އެކަމަކު އެ ދެ ފަހަރު ވެސް މައްސަލަ ނެގީ އެވެ.

"ދެ ފަހަރު ވެސް އެ މައްސަލަ އަނބުރާ ނެގީ އޭނާ [ބައްޕަ] ދެން އެކަން ތަކުރާރު ނުކުރާނެ ކަމަށާއި ބަދަލުވާނެ ކަމަށް ބުނުމުން،" ޒުވާން ދަރިފުޅުގެ ޕޯސްޓްގައިވެ އެވެ.

އޭނާ ލިއުނު ގޮތުގައި މަންމަ އާއި ބައްޕަގެ ވަރީގެ މައްސަލަ މިހާރު އޮތީ ކޯޓުގަ އެވެ. އެހެންކަމުން މަންމަ އާއި ބައްޕަ ދިރިއުޅެނީ ދެ ގޭގައި ކަމަށާއި ނަމަވެސް ރޭ މަންމަ އުޅޭ ގަދަކަމުން ވަދެ، މަންމަގެ ފޯނު އަތުލައި، ސިޑި މައްޗަށް ކޮއްޕާލި ކަމަށް ވެސް އޭނާ ލިއުނެވެ.

މަންމަގެ އިތުރުން އޭނާގެ ދައްތައަށް ވެސް ބައްޕަގެ އަނިޔާކުރިމަތިވާ ކަމަށް، ޕޯސްޓްގައިވެ އެވެ.

އާއިލާ ދިރިއުޅެނީ މާލޭގައި ކަމެއް ނުވަތަ ރަށުގައި ކަމެއް ނޭނގެ އެވެ. އެކަމަކު ބައްޕަ ހޯދައިދޭން އާންމުންގެ ކިބައިން އެދުމުން، ބޮޑަށް ބެލެވެނީ މާލޭގައި ދިރިއުޅެމުން އަންނަ ބައެއް ކަމެވެ.

ދަރިފުޅު ލިއުނު ގޮތުގައި ސޯޝަލް މީޑިއާގައި ބައްޕަގެ ވާހަކަ ލިޔެ، ބޭޒާރުކުރާ ހިސާބަށް ދިޔައީ އަނިޔާވެރިކަން "މިހާރު ދެން ފުދިއްޖެ" ކަމަށް ގަބޫލުކޮށެވެ.

"ދުވަހުން ދުވަހަށް [ބައްޕަގެ] ކަންކަން ދަނީ ގޯސް ވަމުން. ކެތް ކުރެވިއްޖެ. މައްސަލަ ޕޮލިހަށް ހުށަހަޅައިފިން،" އޭނާ ލިއުނެވެ.

އެކަމަކު މި މައްސަލާގައި ފުލުހުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ. ޖެންޑާ މިނިސްޓްރީން ބުނީ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ފާޑުކިޔާ މީހުން އުޅޭނެ

ފުރަތަމަ ޕޯސްޓަށް ފަހު، އޭނާ ވަނީ ބައެއް މީހުންގެ ހިޔާލު ތަފާތުވެދާނެތީ ދެ ވަނަ ޕޯސްޓެއް ވެސް ލިއެފަ އެވެ. އޭގައި އޭނާ ބުނީ އެގޮތަށް ބައްޕަ ބޭޒާރުކުރުމުން އޭނާއަށް ގިނަ ބަޔަކު ފާޑުކިޔާނެފާނެ ކަމަށެވެ.

"އެކަމަކު އަހަރެން މިހާރު ގަބޫލުކުރަނީ އަނިޔާކުރާ މީހާ ހާމަވާން ޖެހޭނެ ކަމަށެވެ، އެއީ އަހަރެންގެ އާއިލާގެ މީހަކަށް ވިޔަސް މެ އެވެ،" އެ ޕޯސްޓްގައި އޭނާ ލިއުނެވެ.

ފުރަތަމަ ޕޯސްޓްގައި ބޭނުންކުރި ބަސްމަގު ފަހަރުގައި ގޯސްވެދާނެކަން އޭނާ އެއްބަސްވި އެވެ. ފާޑުކިޔާ މީހުންގެ އާދައާ މެދު ވެސް އޭނާ ލިއުނެވެ. އޭނާ ބުނި ގޮތުގައި ކޮންމެ ކަމަކަށް ވެސް ފާޑުކިޔާނެ މީހުން އުޅޭނެ އެވެ. އެކަމަކު އެ މީހުންނަށް ކަންކަން ރޭކާލަނީ ވަގުތު ފާއިތުވާ ފަހުން ކަމަށް ވެސް ލިއުނެވެ.

އެކަމަކު ކޮމެންޓްތައް ހުރީ އޭނާގެ ދިފާއުގަ އެވެ. ބައްޕައާ މެދު އޭނާ ދެއްކި ހުރިހާ ވާހަކައެއް، ކޮމެންޓްކުރި މީހުން ގަބޫލުކޮށް، ހިތްވަރުދީ، އޭނާގެ ނިންމުމަށް ތާއީދު ވެސް ކުރި އެވެ.