ބަންގްލަދޭޝް އިން ހަދިޔާކުރި ކާނާގެ އެހީ ދެނީ ބިދޭސީންނަށް: އެންޑީއެމްއޭ

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ދަތިކަމުގައި، ބަންގްލަދޭޝް އިން ރާއްޖެ އަށް ދިން 100 ޓަނުގެ އެހީގެ ތެރޭގައި ހިމެނޭ ކާބޯތަކެތި ދެމުން އަންނަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ކަމަށް، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.


ބަންގްލަދޭޝްގެ އަސްކަރީ މަނަވަރެއްގައި މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެ ގެނައި 100 ޓަނުގެ ތަކެތީގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީގެ އިތުރުން ކޮވިޑް-19 އަށް ފަރުވާދޭން ބޭނުންކުރާ ބައެއް ސާމާނެވެ. ކާބޯތަކެތީގެ ތެރޭގައި ކާޑުގެ ބާވަތްތަކުގެ އިތުރުން މޭވާ އާއި ތަރުކާރީ ވެސް ހިމެނެ އެވެ.

އެންޑީއެމްއޭގެ ޗީފް އެގްޒެކްޓިވް، ހިސާން ހަސަން "މިހާރު" އަށް ވިދާޅުވީ ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް ބިދޭސީންނަށް އެތަކެތި މިހާރު ވެސް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން ކޮވިޑް-19 ކޮންޓްރޯލްކުރަން، ބިދޭސީން ބަދަލުކޮށްފައިވާ ކޮންޓެއިންމަންޓް ސައިޓްތަކުގެ މީހުންގެ ކެއިންބުއިމުގައި އެ އެއްޗެހި ބޭނުންކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިދޭސީން ދިރިއުޅޭ ތަންތަނުގެ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށް ބަންގްލަދޭޝް އިން ދިން ތަކެތި މުޅިން މި ބޭނުން ކުރަނީ،" ހިސާން ވިދާޅުވި އެވެ.

އެ ތަކެތި ބެހުމުގެ މަސައްކަތްކުރާ ދިވެހި ރެޑް ކްރެސެންޓްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ލޭބާ ކުއާޓާތަކުގެ އިތުރުން ކައްކާ ކެވޭ ގޮތަށް ހުންނަ ބިދޭސީން ދިރިއުޅޭ ތަންތަނަށް ވެސް އެ އެހީގެ ތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

"ބިދޭސީން ގުޅުމުން ތަކެތި ފޯރުކޮށްދެމުން މިއަންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.

މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ހުޅުމާލެ އާއި ގުޅީފަޅުގެ ލޭބާ ކުއާޓާތަކަށް އަންނަނީ ބަދަލުކުރަމުންނެވެ. އޭގެ ތެރޭގައި މުޅިންހެން ހިމެނެނީ ބަންގްލަދޭޝްގެ މީހުންނެވެ.

ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް ޕޮޒިޓިވް ވި 863 މީހުންގެ ތެރޭގައި ވެސް ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އަދި ރާއްޖޭން އެ ބަލީގައި މަރުވި ތިން މީހުގެ ތެރެއިން އެކަކީ ވެސް ބަންގްލަދޭޝް މީހެކެވެ.