ބަންގްލަދޭޝް އިން ދީލަތި އަތެއް!

ރާއްޖެ އަށް ކުރިމަތިވާ ބަލިމަޑުކަމާއި ކާރިސާތަކުގައި އަބަދުވެސް އެންމެ ފުރަތަމަ، އެންމެ އަވަހަށް އެހީ ދޭ ގައުމުތަކުގެ ތެރޭގައި މިހާތަނަށް ހިމެނެނީ އެންމެ ގާތް ގުޅުމެއް އޮންނަ އިންޑިއާ އާއި ސްރީ ލަންކާ އެވެ. އެކަމަކު ކޮވިޑް-19 އާއްމުންގެ ތެރޭގައި ފެތުރި، ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އެންމެ ބޮޑެތި އެހީތަކެއް މިހާތަނަށް ރާއްޖެ ދިން ގައުމަކީ މި ފަހަރު ބަންގްލަދޭޝް އެވެ.


ފޮރިން މިނިސްޓްރީން މިއަދު ބުނީ މި އެހީތަކާއި އެއްބާރުލުން ދިނުމުގެ ނަމޫނާ އެކު ދެ ގައުމުގެ ގުޅުން ތާރީޚީ ގޮތުން ލިޔެވި، ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު، 31، ގައި ޗައިނާގެ ވޫހާން އިން ކޮރޯނާވައިރަސް ފެނި، ހަލުވިކަމާ އެކު ގައުމުތަކުގައި ފެތުރެމުން ދިޔައިރު ރާއްޖެ އިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ބޭރުގެ ގައުމުތަކަށް ބަރޯސާވެފައިވާ ކާޑުގެ ބާވަތްތަކާއި ބޭސް ފަދަ ތަކެއްޗަށް ދަތިކަމެއް ކުރިމަތިވިޔަ ނުދީ ރާއްޖެ ގެނެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުން ހިމެނެ އެވެ. ގައުމުތަކާ އެކު އޮންނަ ގުޅުމުގެ ތެރެއިން މި މަގުތައް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޯއްދަވުމުން އައީ، މި އުނދަގޫ ހާލަތުގައި ރާއްޖެ އަށް ގައުމުތަކުން ވެދެން އޮތް އެހީތެރިކަމަށް ވެސް އެދިވަޑައިގަންނަވަމުންނެވެ.

ބަންގްލަދޭޝް އާއި ނޭޕާލުން އައި ދިވެހިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: އެ ދެ ގައުމުން 71 ދިވެއްސަކު ރާއްޖެ ގެނައީ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓަކުން.---ފޮޓޯ: ފޮރިން މިނިސްޓްރީ

އެކި ގައުމުތަކާ އެކު ފޯނުން ކުރެއްވި މަޝްވަރާތަކުގައި، އެހީ އަށް އެދިވަޑައިގަތް ގައުމުތަކުގެ ތެރެއިން މިފަހަރު އެންމެ އަވަހަށް އިޖާބަދިނީ ބަންގްލަދޭޝް އިންނެވެ. އެ ގައުމުން ރާއްޖެ އަށް ވެދެވޭނެ އެހީތައް އޮޅުންފިލުވައި، 100 ޓަނުގެ މުދާ ފޮނުވަން އެއްބަސްވެ، އެ ގައުމުން އެހީގެ މަނަވަރެއް ވަނީ ފުރުވާލައިފަ އެވެ.

ޒަރޫރީ ބޭނުންތަކުގެ ސާމާނު ހިފައިގެން މި މަނަވަރު ރާއްޖެ އަންނާނެ ކަމަށް ބެލެވެނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. އޭގެތެރޭގައި ހިމެނެނީ، ކާޑުގެ ބާވަތްތަކާއި ތަރުކާރީ އާއި މޭވާގެ އިތުރުން ކޮވިޑް-19 އަށް ބޭނުންވާ މެޑިކަލް ސާމާނެވެ. ބަންގްލަދޭޝް އިން ފޮނުވި 100 ޓަނަކީ ނިސްބަތުން ބަލާއިރު، ރާއްޖެ އަށް ގައުމުން އެއްފަހަރާ މި ދަނޑިވަޅު ފޮނުވޭނެ ވަރަށް ދީލަތި އެހީއެއް ކަން ފޮރިން މިނިސްޓްރީން ވެސް ފާހަގަކުރެ އެވެ.

ރާއްޖެ އަށް އެންމެ އުނދަގޫވި އެއް ކަމަކީ، ބަންގްލަދޭޝްގެ ލޮކްޑައުންއާ ގުޅިގެން އެ ގައުމުގައި ތިބި ދިވެހި ދަރިވަރުން ތާށިވެ ހާލުގައި ޖެހިދާނެ ކަމުގެ ބިރެވެ. މިކަމަށް ހައްލު ހޯދަން ކުރެއްވި މަޝްވަރާތަކުން ނިމުނީ، ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ގޮތްތަކެއް ހޯދުމަށެވެ. މިކަން ހަމަޖެހި، އެ ގައުމުގައި ޑޮކްޓަރު ކަން ކިޔަވާ ގިނަ ދަރިވަރުން އިއްޔެ ވަނީ އަސްކަރީ މަތިންދާ ބޯޓެއްގައި ރާއްޖެ ގެނެސްފަ އެވެ.

އެއީ، ބަންގްލަދޭޝްގައި ތާށިވި 53 މީހުންނާއި ނޭޕާލްގައި ތާށިވި 18 ދިވެހިންނެވެ. ނޭޕާލްގައި ތިިބި ދަރިވަރުން ނަގަން ވެސް އަސްކަރިއްޔާގެ ބޯޓެއް ބަންގްލަދޭޝް އިން ހަމަޖައްސައި ދިނެވެ.

ދިވެހި ދަރިވަރުން ތިބީ ބަންގްލަދޭޝްގެ އެކި ސިޓީތަކުގަ އެވެ. އެ އެންމެންނަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖެ ގެނައުމުގައި ބަންގްލަދޭޝްގެ އަސްކަރިއްޔާ އިން އަމަލީ ގޮތުން ހަރަކާތްތެރިވި ކަމަށް ދިވެހި ފޮރިން މިނިސްޓްރީން ބުންޏެވެ.

ބަންގްލަދޭޝްގައި ވެސް ކޮވިޑް-19 ފެތުރި ގައުމުގެ ހާލަތު ގޯސްވެފައި އޮތް ނަމަވެސް ރާއްޖެ އަށް ވަނީ މެޑިކަލް ޓީމެއް ވެސް އިއްޔެ ފޮނުވައިފަ އެވެ. ރާއްޖޭގައި ތިބި ސިއްހީ ޚިދުމަތްތެރިންނަށް އެހީވާން ބަންގްލަދޭޝް އިން ފޮނުވި ޓީމުގައި 10 މީހަކު އެބަތިއްބެވެ.

ރާއްޖޭގައި މަސައްކަތް ކުރާ، އެންމެ ހާލުގައި އުޅޭ އެ ގައުމުގެ މީހުން އަނބުރާ ގެންދަން ރާއްޖެ އިން ފޮރިން މިނިސްޓަރު ޝާހިދު އެދިވަޑައިގަތުމުން އެކަމަށް ވެސް ބަންގްލަދޭޝް އިން މި ފަހަރު ފިޔަވަޅުތައް އެޅިލެއް އަވަހެވެ. ދިވެހި ދަރިވަރުން ގޮވައިގެން ރާއްޖެ އައި މަތިންދާ ބޯޓުން ބަންގްލަދޭޝްގެ 68 މީހަކު ވަނީ އެނބުރި ގައުމަށް ފުރައިފަ އެވެ. އެއީ ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުން އައި 68 މީހެކެވެ.

ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓުގައި މިއަދު ފުރި އެ ގައުމުގެ މީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރުތައް ކައިރީގައި.---ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އިންތިހާ އަށް ބޮޑުވެފައި ވިޔަސް އެ މީހުން ގައުމަށް ފޮނުވައިލުމުގައި މީގެ ކުރިން މިހާ ފުޅާކޮށް، އަދި ފަސޭހަކޮށް އެ ކަން ކުރިއަށް ގެންދެވިފައެއް ނެތެވެ. ދެ ގައުމަށް ވެސް ދަތި ހާލުގައި ބަންގްލަދޭޝުން ވަނީ ދިވެހި ސަރުކާރުގެ އެދުމަށް އިޖާބަދީ، ރާއްޖޭގައި ތިބި އެ ގައުމުގެ މީހުން ގެންދިއުމުގެ މަސައްކަތުގައި ފުރަތަމަ ފިޔަވަޅު އަޅައިފަ އެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމުތަކަށް ފޮނުވައިލުން އަދިވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ރާއްޖެ އިން އެދުނު ކަންކަމަށް ބަންގްލަދޭޝް އިން އެހާ އަވަހަށް އިޖާބަދީ، މި ހާލަތުގައި ވެވުނު އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ދެ ގައުމުގެ ގުޅުން ބަދަހިވަމުން އަންނާތީ ކަމަށެވެ.

"ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކުރަން މި ސަރުކާރުން މަސައްކަތުގައި، ބަންގްލަދޭޝްއާ އެކު ކުރިއަށް ވުރެން ގާތް ގުޅުމެއް އުފެދިފައިވާ ކަމުގެ ހެއްކެއް މިހާތަނަށް ވެދިން އެހީތެރިކަމަކީ،" މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަންގްލަދޭޝްގެ އިތުރުން އިންޑިއާ އިން ވެސް އަންނަނީ ދިވެހިންނަށް ބޮޑު އެހީތެރިކަމެއް ވެދެމުންނެވެ. އިންޑިއާ އިން ވަނީ ލޮކްޑައުންއާ ގުޅިގެން އެ ގައުމުގައި ތާށިވެފައި ހުރި ބޭހާއި ކާޑުގެ ބާވަތްތައް ރާއްޖެ އަށް ފޮނުވުމުގައި ލުއި އިންތިޒާމްތަކެއް ހަމަޖައްސައިދީފަ އެވެ. ޗައިނާ އިން ވަނީ ރާއްޖެ އަށް 30،000 ސާޖިކަލް މާސްކް ހަދިޔާކޮށްފަ އެވެ.

މި ނޫނަސް ގައުމުތަކުން ރާއްޖެ އަށް އެހީވަމުން އަންނައިރު، މިހާތަނަށް އެންމެ ދީލަތި އަތެއް ދިއްކޮށްލީ ބަންގްލަދޭޝްއިންނެވެ.