ބަންގްލާދޭޝްގެ އިތުރު 353 މީހަކު އަނބުރާ ފޮނުވާލައިފި

ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ފޮނުވާލަން ކުރަމުން އަންނަ މަސައްކަތުގައި ބަންގްލާދޭޝްގެ 353 މީހަކު މިއަދު ފޮނުވާލައިފި އެވެ.


މިކަން ހާމަކުރައްވައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި މީހުން ފޮނުވާލާފައި ވަނީ ރާއްޖޭން ޗާޓަރުކުރި ބަންގްލާދޭޝްގެ ގައުމީ އެއާލައިން ބިމާންގެ ފްލައިޓެއްގައި ކަމަށެވެ. މީގެ އިތުރުން ރާއްޖެ އަށް އެހީގެ ގޮތުގައި ކާބޯތަކެއްޗާ އެކު މިއަދު އައި ބަންގްލާދޭޝްގެ އަސްކަރީ މަތިންދާބޯޓުގައި އިތުރު 70 މީހަކު ވެސް ފޮނުވާލަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެނި، މާލޭގައި ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ބިދޭސީންގެ ތެރޭގައި މި ބަލި ވަރަށް ބޮޑަށް ފެތުރުމުން އެ މީހުންގެ ހާލަތު ބަލައި ރަނގަޅު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާތަނަށް ހުޅުމާލެ އާއި ގުޅީފަޅުގެ ލޭބާ ކުއާޓާތަކަށް ބިދޭސީން ވަނީ ބަދަލުކޮށްފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު 1،078 މީހުންގެ ތެރޭގައި ގިނައީ ބަންގްލާދޭޝް މީހުންނެވެ. މިހާތަނަށް އެ ގައުމުގެ 557 މީހަކަށް ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވެ އެވެ.

ސައްހަ ލިޔެކިޔުން ނެތި އުޅޭ ބިދޭސީންގެ މައްސަލަ ރާއްޖޭގައި ބޮޑުވެފައިވާއިރު އޭގެ ތެރެއިން 1،500 މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ. އަދި އެމީހުން ފޮނުވައިލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ގައުމުގެ ސަރުކާރާ ވާހަކަ ދައްކައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ކާނާގެ އެހީ ހިފައިގެން ރާއްޖެ އައި ފްލައިޓެއްގައި ބަންގްލަދޭޝްގެ 68 މީހަކޔ ވަނީ ފޮނުވާލައިފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ މީހުން އެ ގައުމަށް ގެންދަން އެ ގައުމުގެ ދެ މަނަވަރެއްގައި 700 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ގެންގޮސްފަ އެވެ.