ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ، ދަރުސް ދެއްވުމަށް އަނެއްކާ ވެސް ރާއްޖެ ވަޑައިގަތުމަށް ހަމަޖައްސައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ "ދަ މެސެޖް" ޕްރޮގްރާމުގެ ދަށުން ވެސް މުފްތީ މެންކް ވަނީ މިދިޔަ އަހަރު ރާއްޖެ ވަޑައިގެން، ދަރުސް ދެއްވާފަ އެވެ.
މި ފަހަރު އޭނާ މި ގެންނަވަނީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރާ "ޖަމިއްޔަތު ރަހުމާ" ކިޔާ އަމިއްލަ ޖަމިއްޔާއަކުންނެވެ.
އެ ޖަމިއްޔާއިން ބުނިގޮތުގައި "އިލްމް ޓޯކް"ގެ ނަމުގައި ބާއްވާ އެ ހަރަކާތުގައި ދަރުސް ދެއްވުމަށް އަންނަ މަހުގެ ތެރޭގައި މެންކް ރާއްޖެ ވަޑައިގަންނަވާނެ އެވެ. އެކަމަކު ދަރުސް ބާއްވާ ދުވަހެއް އެތަނަކުން އަދި އިއުލާނެއް ނުކުރެ އެވެ.
ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޖަމިއްޔާ އާއި އިސްލާމިކް ޔުނިވަސިޓީ ގުޅިގެން، އިސްލާމީ މަރުކަޒުގައި ބާއްވާ މި ދަރުސްގައި މެންކް ވާހަކަދެއްކުމަށް ހަމަޖެހިފައިވަނީ އެއް މުސްލިމެއްގެ މައްޗަށް އަނެއް މުސްލިމަކަށް ލިބިގެންވާ ހައްގުތަކާ ގުޅޭގޮތުންނެވެ.
ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރައްވައި، އިސްލާމް ދީނާއި ދީނީ ކަންކަމާ ގުޅޭގޮތުން ދަރުސް ދެއްވަމުން އަންނަ މުފްތީ އަކީ އޭނާ އުފަން، ޒިންބާބުވޭގެ ފަތުވާ ޑިޕާޓްމެންޓްގެ ހެޑެވެ. އަދި އޭނާ ވަނީ މި ރޮނގުން ދުނިޔޭގެ ބޮޑު މަޝްހޫރު ކަމެއް ހޯއްދަވާފަ އެވެ.
މިދިޔަ އަހަރު މުފްތީ މެންކް ރާއްޖޭގައި ދެއްވި ދަރުސްއަށް ބޮޑު ތަރުހީބެއް ލިބުނު އިރު މުޖުތަމައުގައި ހުރި ތަފާތު މައްސަލަތަކާ ގުޅޭގޮތުން އޭނާ ވާހަކަ ދެއްކެވި އެވެ.
މެންކްގެ އިތުރުން ދުނިޔޭގެ އެހެން މަޝްހޫރު އިލްމުވެރިން ވެސް މި ޕްރޮގްރާމްގެ ދަށުން ރާއްޖެ ގެންނެވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޖަމިއްޔަތު ރަހުމާއިން ބުންޏެވެ.
އެ ޖަމިއްޔާއިން މިދިޔަ އަހަރު ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިޔައިރު، ދުނިޔޭގެ މަޝްހޫރު 15 އިލްމުވެރިއަކު ދަރުސް ދެއްވުމަށް ރާއްޖެ ވަޑައިގެންނެވި އެވެ.