ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 300 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން ފޮނުވާލައިފި

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން ދިޔަ ބަންގްލަދޭޝްގެ 352 މީހަކު އަނބުރާ އެ ގައުމަށް މިއަދު ފޮނުވާލައިފި އެވެ.


ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ 352 މީހަކު ފޮނުވާލި ކަމަށެވެ. އަދި މި މަސައްކަތް ކުރެވުނީ އެ ގައުމުގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޮމެން އާއި އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ނަމްޒުލް ހަސަންގެ ބުރަ މަސައްކަތުން ކަމަށް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓްވީޓެއް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގެންދަން އެ ގައުމުގެ ސަރުކާރުން ހަމަޖައްސަން ޖެހޭ ކަންތައްތައް ކުރުމަށް އެ ދެ ބޭފުޅުން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. އަދި އެކަމަށް މިނިސްޓަރު ޝުކުރު އަދާ ކުރެއްވި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުން ދިޔަ 420 ބަންގްލަދޭޝް މީހަކު މީގެ ކުރިން ދެ ބުރެއްގެ މަތިން ވަނީ އެ ގައުމަށް ފޮނުވާލައިފަ އެވެ. ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި ދިރިއުޅެޅޭ 500 މީހުން ފޮނުވަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެ އެވެ. މިއަދު ފޮނުވި މީހުންނާ އެއްކޮށް، ޖުމްލަ 772 މީހަކު މިހާރު އަނބުރާ އެ ފޮނުވާލެވުނީ އެވެ.

ރާއްޖޭގައި މަސައްކަތްކުރާ 1،500 ބަންގްލަދޭޝް މީހުން އެ ގައުމަށް އަނބުރާ ފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައި ވެ އެވެ. އަދި މި މަސައްކަތް ކުރާނީ، އެ ގައުމުގެ ސަރުކާރާ މަޝްވަރާ ކުރައްވައިގެން ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.

އައްޑޫގައި އުޅޭ ބަންގްލަދޭޝް މީހުން ވެސް، އެ ގައުމަށް އެނބުރި ދާން ބޭނުން ނަމަ ރަޖިސްޓްރީ ވާން މިއަދު ވަނީ ހުޅުވާލާފަ އެވެ. ސައްހަ ލިޔެކިޔުންތައް ފުރިހަމަ ނުވާ މީހުންނަށް ވެސް މި ކަން ކުރެވޭނެ ކަމަށް އައްޑޫ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައި ވެ އެވެ.

ސައްހަ ލިޔެކިއުންތައް ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 60،000 އަށް ވުރެ ގިނަ އެވެ. އޭގެ ތެރޭގައި ވެސް އެންމެ ގިނައީ ބަންްގްލަދޭޝް މީހުންނެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމުން، އެންމެ ގިނައިން މި ބައްޔަށް ޕޮޒިޓިވްވީ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެން މަޖުބޫރުވި ބިދޭސީންނަށެވެ. މިހާތަނަށް 1،216 މީހުންނަށް މި ބަލި ޖެހިފައިވާ އިރު، 622 ބަންގްލަދޭޝް މީހަކަށް މި ބަލި ޖެހިފައި ވެ އެވެ.