23 މެއި 2020 - 01:00
ގަދަ ކަނޑުގައި ޓެސްޓް ކިޓްތަކެއް ހިފައިގެން ޅ. ފުށިފަރު ކަރަންޓީން ފެސިލިޓީ އަށް ކުރި ދަތުރުގެ ވީޑިއޯ ފެނި ސިފައިންނަށް އެތައް ބައެއްގެ ތައުރީފު ލިބުނެވެ. އެކަމަކު މިފަހަރު މިއީ މޯލްޑިވިއަންގެ ސީޕްލޭނެއް ގަދަ ވައިގެ ތެރޭގައި، ބޮޑެތި ރާޅުތަކުގެ ތެރޭގައި ނައްޓާލަން އުޅެ، އަނެއްކާ ގޮސް ޖައްސާ ބިރުވެރި މަންޒަރެކެވެ. މިއީ ވެސް ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ކުރި ދަތުރެކެވެ.
މޯލްޑިވިއަންގެ ސީޕްލޭން ކެޕްޓަން އަހުމަދު ޔާސިރު އިއްޔެ ޓްވީޓްކުރި ވީޑިއޯއަކީ، ރެޕިޑް ރެސްޕޮންސް ޓީމް ބަލައި އިރުފުށި ރިސޯޓަށް ފުރައިގެން ދާން އުޅުނު އިރު ނަގާފައިވާ ވީޑިއޯއެކެވެ. އެ ވީޑިއޯ އިން ފެންނަނީ، މޫސުން ގޯސްވެފައި ވަނިކޮށް، ސީޕްލޭން ޖެއްސި ބިރުވެރި ގޮތެވެ. ގަދަ ރާޅުތަކުގެ ތެރެއަށް، ގަދަ ވައިގެ ތެރޭގައި ޖެއްސުމުން ބޯޓު ވަރަށް ބޮޑަށް އަރިއަޅާލައި ރާޅާ ޖަހަނިކޮށެވެ.
އިއްޔެ މެންދުރު ކުރި ޓްވީޓަށް އެތައް ސަތޭކަ ލައިކަކާއި އެތައް ހާސް ވިއުއެސްއެއް ލިބިފައިވެ އެވެ.
Seaplane pilots are often reffered to as " BOKKURAA PILOTS"...What we go through at times, some people will never understand. I am proud call myself a seaplane pilot. @MaldivianAero @Darkcocpit @ pic.twitter.com/Mkk4cxFCHv
— Ahmed Yasir Abdul Sattar (@captainahyasir) May 22, 2020
ސީޕްލޭން ދުއްވުމުގައި 18 އަހަރު މަސައްކަތްކޮށްފައިވާ ޔާސިރު ބުނީ މޫސުން ގޯސްވެއްޖެ ނަމަ ދަތުރަށް ފޮނުވަނީ ތަޖުރިބާކާރު ޕައިލެޓުން ކަމަށެވެ. ނަމަވެސް މޫސުން މާ ބޮޑަށް ގޯސްވެއްޖެ ނަމަ ބަލަނީ ދަތުރުނުކޮށް ވޭތޯ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ގިނަ ދަތުރުކޮށް، ތަޖުރިބާ ލިބިފައި ހުރުމުން، މޫސުން ގޯސް ދުވަހެއް ނަމަ އެ ދަތުރުކުރާ މަންޒިލެއްގެ ބާނި ހުންނަ ގޮތް ކުޑަކޮށް ލަފާކުރެވެ އެވެ.
މި މަންޒަރު ފެންނަ ވީޑިއޯ ޓްވީޓްކޮށް ޔާސިރު ވަނީ ސީޕްލޭން ދުއްވާ މީހުންނަކީ "ބޮއްކުރާ ޕައިލެޓުން" ކަމަށް ބުނެ ދަށްކޮށްލާކަން ފާހަގަކޮށްފަ އެވެ.
"ބައެއް ފަހަރު އަހަރެމެން ކުރަން ޖެހޭ ތަޖުރިބާ ބައެއް މީހުންނަށް ހިޔާލަށް ވެސް ނުގެނެވޭނެ. ސީޕްލޭން ޕައިލެޓެކޭ ބުނަން ފަހުރުވެރިވަން،" އެ ޓްވީޓްގައިވެ އޭނާ ބުންޏެވެ.
ސީޕްލޭން ޕައިލެޓުންތަކެއް ސެލްފީއެއް ނަގަނީ
ކަނޑު ގަދަވުމުން، ސީޕްލޭން ލޭންޑުކޮށް ޓޭކްއޮފް ކުރަން އުނދަގޫވާނެ އެވެ. ނަމަވެސް ދަތުރަށް އެންމެ ބޮޑު ގޮންޖެހުމެއް ދިމާވަނީ ވައި ގަދަވުމުންނެވެ.
"ކަނޑު ގަދަ ވިއްޔާ އެގޮތަށް އެކަހަލަ ބައިވަރު ހާދިސާތައް ހުންނާނެ،" ޔާސިރު ބުންޏެވެ.
Kudos to the selfless @MaldivianAero seaplane crew "Heroes" operating at the highest level of risk during this pandemic. Everyday they transfer huge number of covid-19 patients to designated Isolation facilities - they are not only crew , but care takers of all pax
— Ahmed Fayaz (@AhmedFayaz4640) May 22, 2020
އުދުހުމުގައި ހޭދަކުރި ދިގު މުއްދަތުގައި ވެސް ޔާސިރު އެންމެ ހަނދާން ހުންނަނީ، ކެޕްޓަނަކަށް ވިތާ ހަތަރު މަހެއް ފަހުން ށ. އަތޮޅުގެ ފަޅުރަށަކަށް ކުރި ދަތުރެކެވެ. ޓީއެމްއޭގައި މަސައްކަތްކުރަނިކޮށް 2006 ވަނަ އަހަރު ކުރި ޗާޓަރު ދަތުރުގައި، ފްލައިޓު ލޭންޑުކުރެވޭ ވަރުވީ ވެސް ދެތިން ފަހަރަކު މަސައްކަތް ކޮށްގެންނެވެ. ރާޅު ވެސް ފަސް ފޫޓަށް ހުއްޓެވެ.
"އެ ދުވަހު ކުޑަކޮށް ޖެހިލުން ވެސް ވި،" ޔާސިރު ބުންޏެވެ.
މި ޖެހިލުން ކުޑަ މަންޒަރު ފެނި އެތައް ބަޔަކު ވަނީ ތައުރީފްކޮށްފަ އެވެ. މިއިން ދުވަހަކު ވެސް މޫސުން ގޯސް ނުވާ ވަރަށް ގޯސްވެފައި ވަނިކޮށް ސީޕްލޭންގައި ކޮވިޑް-19ގެ ކަރަންޓީން ފެސިލިޓީތަކާއި އެކި ތަންތަނަށް އެތައް ދަތުރެއް މިހާރު އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
24 May 2020
މަރުހަބާ ޔާސިރު ރިސޯޓު މުވައްޒަފުން ފިޔަވާ ގައުމައް އެންމެމުހިންމު މީހުން ގައުމައްޑޮލަރު އެތެރެކުރުމައް ފުރާނަޔާ ހަށިގަނޑުން ގުރުބާންވާ ބައެއްމީ ނަމަވެސް ހާލުގަ ޖެހުނު ދުވަހު ރިސޯޓު މުވައްޒަފުންނައް ޕެންޝަންފަންޑުން %50 ދޫކުރަން ނުކެރުނު 5000 ރުފިޔާއިން މިޒަމާނު އަނބި ދަރިންނައް ހަރަ ދުކޮއްފަ ދަރަންޏައް ނަގައިގެން މިތިބެން ޖެހުނީ މިހެންނުވިސް ދިންނަމަކާ
ޢަލީ ބަނާތު
23 May 2020
ސާބަހޭ ތިކުރައްވާމަސައްކަތަށް ހަޤީގަތުގައިވެސް ޕައިލެޓުންނާއި ކްރޫންނަކީވެސް ފުރަންޓްލައިންގައި މަސައްކަތްކުރާބައެކޭ ބުނުމީ ދޮގަކަށްނުވާނެ ސަބަބަކަށްވަނީ މިކުރެވޭ ހުރިހައި ދަތުރުތަށް ކުރަނީ އެމީހުންކަމުގައިވާތީވެ
ބޮއްކުރާ
23 May 2020
ކޮންމެބަޔަކުވެސް އެބައެއްގެ ރޭޓިންގ މަތިކުރަން، އެ ހެޔޮ ޑޮކްޓަރުންނަށް ވިއަސް، ޕައިލޮޓުންނަށްވިއަސް، ދެންތިބިބަޔަކުވިއަސް، ސިފައިންފުލުހުންނަށްވިއަސް، އިންސިކިރިޓީ ފީލްވާ ވަރަކަށް މިޒާތުގެ މަންޒަރުތަށް ގިނަވާނެ..ފާޑު ފާޑުގެ ޕޮޓޯ، ވީޑިއޯނަގާފަ މިލަނީ ސަމާލުކަން ހޯދަން..އަދި މި މަންޒަރު ތަކުން ފެންނަނީ ވަޒީފާގެ އެއްބަސްވުމާއެއްގޮތަށް އެމީހަކު ކުރަންޖެހޭ، ނުކުރެވިއްޖެނަމަ އެމީހަކީ އިންކޮމްޕީޓަންޓް މީހަކަށް ވެ ވަޒީފާ ގެއްލިދާނެ ކަމެއް..ޑޯންޓް ކްރައި
ރަންދެލި
23 May 2020
ވައިގެ ދަތުރުފަތުރު ގައި ބަލަން ޖެހޭ މިންގަޑުތަކެއް އޮވެއެވެ. އެއީ ޕައިލެޓުން ހިތައް އެރި ގޮތަކަށް ކުރަން ހުއްދަ އޮންނަ ކަމެއް ނޫނެވެ. މިއުޅެނީ ރާޅާ އަޅާކަށް ނޫނެވެ. އެންމެ ބޮޑު ރާޅުގަ ޖައްސާ މީހާ އަކީ އެންމެ މޮޅު ޕައިލެޓް ކަން ދެއްކެން އުޅުމުގެ ހިތި ނަތީޖާ އޮތީ ފެންނާށެވެ. ސިވިލް އޭވިއޭޝަން ގެ ވެބްސައިޓުން އެކްސިޑެންޓް ތަކުގެ ތަހުގީގު ރިޕޯޓު ފެންނަން އެބަހުއްޓެވެ. މިއީ ކެނެޑާގެ ޖަންގަލިން އުފަންވެގެން އައި ބުޝް އޮޕަރޭޝަންސް އެވެ.
ނަމެއް
23 May 2020
ސިފައިންނަށް ތައުރީފް ކުރުމުގެ ބޭނުމެއް ނެތް. ފަތުރުވެރިން އުފުލުމަށް ވިއްސާރާގައި ދަތުރު ފަތުރު ކުރާ ވައިގެ، ކަނޑުގެ ފަޅުވެރިން އުޅެނީ އަބަފުވެސް ފުރާނަ އަތްމައްޗަށް ލައިގެން.
ހެޔޮދުޢާ
23 May 2020
މޯލްޑިވިއަންގެ ޕައިލެޓުންނަށާއި، އިންޖިނިއަރުންނަށް ﷲގެ ޙަޟްރަތުން ސަލާމަތާއި، ރައްކާތެރި ކަން މިންވަރު ކުރައްވައި، ހުނަރު އިތުރު ކުރައްވަވާށި އަދި މި ދުޢާގައި ރާއްޖޭގެ ހުރިހައި ދިމާލެއްގައި މަސައްކަތް ކުރާ ޕައިލެޓުންނާއި، އިންޖިނިއަރުން ޝާމިލް ކުރައްވާށި! އާމީން ކުދިންނޭ، ދަތުރައްފަށެމުގެ ކުރިންނާއި، ދަތުރުމަތީ ގައި ވެސް ދަތުރު ދުޢާ ކިޔައްޗެވެ!
ކާފަބޭ2020
23 May 2020
އާސިމާދަރިފުޅާއެވެ. ކާފައަށްފެނުނީ ދެވީޑިއޯއިންވެސް މޫދަށްޖައްސާތީއެވެ. އެއީ މުސްކުޅިވީމަފެންނަގޮތް ބާ؟
ގާކޮށި ހުސޭނު
23 May 2020
ކަންދަށްކަން އުޅޭ ބައެއް އެއީ ދިވެހިންގެ ތާކުންތާކު ނުޖެހޭކަމެއް
އިލި ބެ
23 May 2020
މީ ފުރާމަންޒަރުތަ ނޫނީ ސީޕްލޭން ޖައްސާ މަންޒަރުތަ. އޮޅިއްޖެ މިހާރު؟؟؟
ފެންކައްކާބޮލި
23 May 2020
ކޮބާ ކްރައުން މަޓީ އަދި އެމްއޭސީއެލް ވެސް ތަމްސީލުކުރަން ތިބޭ ބަޔަކު ހިންގާ ޓީއެމްއޭ. ގައިމު މިއޮށްހާ ދަތުރުތަށް ބޭނުންވާއިރު އެމީހުން ފިލާ ހައިބާނޭޝަންގަ މުވައްޒަފުންތަކަށް ހާފްޕޭ ޏުނީ ނޯޕޭ ދީފަ. އެކަމަަކު މިކަންތައްގަޑޫން އަރާގަންނަން ކޮންބައެއްހޭ އެހީތެރިކަން ބޭނުންވަނީ ބުނާއިރަށް ފުންމަގެން ތެދުވެ ބުނާނެ އައު ސީޕްލޭން ޓާރމިނަލްވެސް ދޭން ޖެހޭނީ އަހަރެމެން ބޭނުން އަގެއްގަ އަހަރެމެންނަށޭ. މޯލްޑިވިއަން އޭރުންވާނި ފެންކައްކާބޮއްޔަށް.