ކޮވިޑް ޓެސްޓުގެ ނަތީޖާ ލަސްވެ، ގުނަވަނެއް ނަގަން ޖެހިއްޖެ

ކޮވިޑް-19 ހުރިތޯ ބަލަން ހެދި ޓެސްޓުގެ ނަތީޖާ ލަސްވެގެން، ދަރިފުޅުގެ ގުނަވަނެއް ނަގާފައިވާ ކަމަށް ބުނެ މަޝްހޫރު އެތުލީޓް، ޑރ. ހުސައިން ހަލީމް (ކުޑަހުސެން)ގެ ޝަކުވާތައް ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލައިފި އެވެ. ގުނަވަން ނަގަން ކުރި އޮޕަރޭޝަނަށް ފަހު ހުސެންގެ ދަރިފުޅުގެ ހާލު ރަނގަޅު ނަމަވެސް ބައްޕަގެ ހިތް އޮތީ ޝަކުވާ އާއި ކަރުނައިން ފުރިފަ އެވެ.


އައިޖީއެމްއެޗުން މިހާރު އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން، ސްކޭން ކުރެވެނީ ކޮވިޑް-19 އަށް ޓެސްޓުކޮށް އޭގެ ނަތީޖާ ލިބުމުންނެވެ. ކުޑަހުސެންގެ 17 އަހަރުގެ ފިރިހެން ދަރިފުޅުގެ ކޮވިޑް ޓެސްޓު މިދިޔަ މަހުގެ 29 ގައި ހެދި ނަމަވެސް، ނަތީޖާ ލިބުނީ ޖެހިގެން އައި ދުވަހެވެ. ނަތީޖާ ލިބިގެން ސްކޭން ކުރި އިރު ގުނަވަން ވަނީ ހަލާކުވެފަ އެވެ. (ގުނަވަންގެ ނަން ސިއްރުކޮށްފައި)

ފޭސްބުކްގައި ހުސެން ލިޔުނު ގޮތުގައި ވަރަށް ބޮޑަށް ރިއްސާތީ އެންމެ ފުރަތަމަ ދަރިފުޅު އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ މަހު 27 ގަ އެވެ. އޭރު އީއާރުގައި އިން ޑޮކްޓަރު ދަރިފުޅު ބޭރުފުށުން ބަލާފައި، ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށް ބުނެ، ބޭސް ދީފައި ދޫކޮށްލީ އެވެ. އެކަމާ ހުސެން ޑޮކްޓަރާ ދެތިން ފަހަރު ސުވާލު ވެސް ކުރި ކަމަށް އޭނާ ބުންޏެވެ.

މާބޮޑަށް ރިއްސައި ގުނަވަން ދުޅަވާތީ ދަރިފުޅު ގޮވައިގެން ހުސެން، 29 ވަނަ ދުވަހުގެ ރޭ މެންދަމު އަނެއްކާ ވެސް އައިޖީއެމްއެޗަށް ދިޔަ އެވެ. އޭރު އީއާރުގައި އިން ޑޮކްޓަރު، ދަރިފުޅު ބޭރުފުށުން ބަލާފައި ވަރަށް ކަންބޮޑުވުން ފާޅުކުރި ކަމަށް އޭނާ ބުންޏެވެ. އަދި ޑޮކްޓަރު އިރުޝާދު ދިނީ ވީއެންމެ އަވަހަކަށް ސްކޭން ހެއްދުމަށެވެ.

ސްކޭން ހެއްދޭނީ ކޮވިޑް ޓެސްޓުގެ ނަތީޖާ އަށް ފަހުގައި ކަމަށްވުމުން، އެރޭ ދަރިފުޅުގެ ސާމްޕަލް ނެގި އެވެ.

"އެކަމަކު ޑޮކްޓަރު ވެސް ބުނީ ސްކޭން ހެއްދޭނީ ރިޒަލްޓު ލިބުނީމައޭ. ނަމަވެސް ނަތީޖާ ނުލިބެނީސް ސްކޭން ހެދޭތޯ މަސައްކަތް ކުރާނަމޭ ޑޮކްޓަރު ބުނި،" ރާއްޖޭގެ މެރެތަން ރެކޯޑް 27 އަހަރު ވަންދެން ދެމެހެއްޓި ހުސެން ބުންޏެވެ.

އެ ދުވަހު ހެނދުނު ނުވައެއް ޖަހާކަންހާއިރު ޑޮކްޓަރު އައިސް ބުނީ ޓެސްޓުގެ ނަތީޖާ ނުލިބެނީސް ސްކޭން ހެއްދޭ ގޮތް ނުވި ކަމަށެވެ. އެހެންވެ، އެދުނީ 6-7 ގަޑިއިރު ހޮސްޕިޓަލުގެ އީއާރުގައި މަޑުކުރުމަށް ނުވަތަ ގެއަށް ގޮސް އެހާއިރު އަނބުރާ އައުމަށެވެ.

ހުސެންގެ އާއިލާ ދިޔައީ ގެއަށެވެ. އަދި ހަ ގަޑިއިރު ފަހުން އެނބުރި އައިސް، ނަތީޖާ ލިބުމުން ސްކޭން ހެއްދި އެވެ. އެކަމަކު ހުސެން ބުނިގޮތުގައި، އޭރު އޮތީ މާލަސްވެފަ އެވެ. ގުނަވަން މާބޮޑަށް ހަލާކުވެފައި ހުރުމުން ދެން ޖެހުނީ އޮޕަރޭޝަން ކުރާށެވެ.

އޮޕަރޭޝަން ކާމިޔާބުކުރެވުނު ނަމަވެސް ގުނަވަން ޖެހުނީ ނަގާށެވެ. އެއީ ދަރިފުޅުގެ ދިރިއުޅުމަށް ލިބުނު އިއާދަނުކުރެވޭވަރުގެ ގެއްލުމެއް ކަމަށް އޭނާ ދެކެ އެވެ. އެކަމަކު، ފަރުވާ ދިނުން ހޮސްޕިޓަލުން އަވަސް ކުރި ނަމަ މި ވަރުގެ ގެއްލުމެއް ނުލިބުނީސް ކަމަށް ހުސެން ގަބޫލު ކުރެ އެވެ.

މި ޝަކުވާތައް އޭނާ ފޭސްބުކްގައި ހިއްސާކުރުމާ އެކު، އައިޖީއެމްއެޗުގެ ބައެއް ޑޮކްޓަރުންގެ ނުރުހުން އޭނާ އަށް އަމާޒުވި ކަމަށް ބުންޏެވެ. އެ މީހުންގެ ކަންބޮޑުވުމަކީ އެކަން ސޯޝަލް މީޑިއާގައި އާއްމު ކުރުމެވެ.

"އެކަމަކު އަހަރެންގެ ޖަވާބު ކުރުވެފައި ސާދާ. މި ކަހަލަ ފަރުވާކުޑަކަމާއި އިހުމާލު ބަލައެއް ނުގަނެވޭނެ،" ހުސެން ބުންޏެވެ.

އޭނާ ބުނީ މައްސަލަ ސޯޝަލް މީޑިއާގައި އާއްމު ކުރުމާ އެކު، އައިޖީއެމްއެޗުގެ އީއާރުގެ އިސް ޑޮކްޓަރުންނާއި ޓީމު، ކުށްވެރިކުރި ކުރީ ހުސެން ކަމަށެވެ. އެއީ ސްކޭން ކުރެވެންދެން، އެތަނުގައި މަޑުނުކޮށް ގެއަށް ދިޔައީމަ އެވެ. އެކަމަކު ދިފާއުގައި ހުސެން ބުނީ އޭނާ އެކަން ކުރީ، އެ ވަގުތު އީއާރުގައި އިން ޑޮކްޓަރުގެ ލަފައާ އެއްގޮތަށް ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް އަހަރެން މިކަން ދޫކޮށެއް ނުލާނަން. ފަރުވާ ކުޑަ ކުރި ޑޮކްޓަރުންނާ މެދު ދައުވާ ކުރާނަން،" ހުސެން ބުންޏެވެ.

މި މައްސަލައިގައި އައިޖީއެމްއެޗަށް ގުޅުމުން ބުނީ އެކަމާ ގުޅޭގޮތުން ބަޔާނެއް ނެރޭނެ ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް، ހަމަ މި ފަދަ މައްސަލައެއް އައިޖީއެމްއެޗުގައި ފެންމަތިވި އެވެ. އާއިލާއިން ބުނާގޮތުން، ކޮވިޑް ޓެސްޓު ހެދުން ލަސްވެގެން ކެންސަރު ބަލީގެ މީހަކަށް ފަރުވާ ނުދެވި، އެންމެ ފަހުން އޭނާ މަރުވީ އެވެ. އެކަމަކު ހޮސްޕިޓަލުން ފަހުން އެކަން ދޮގު ކުރި އެވެ.