ވެންޓިލޭޓަރާއެކު އަހުޝަމް ފޮޓޯއަކަށް ހުއްޓިލައިގެން
04 ޖޫން 2020 - 14:06
ގޮނޑުން ތަކެތި ހޮވައިގެން، ދިވެހި ޒުވާނަކު ވެންޓިލޭޓަރެއް ހެދި ވާހަކަވީ ގިނަ ބަޔަކަށް ގަބޫލުކުރަން އުނދަގޫވި ކަމަކަށެވެ. ކޮވިޑް-19އިގެ ބަލިމަޑުކަމާ އެކު މުޅި ދުނިޔެއިން ވެސް ހޯދަން އުނދަގޫވެފައިވާ ވެންޓިލޭޓަރެއް އެންމެ ހަތް ދުވަހުގެ ތެރޭގައި ހެދުމަކީ، ބައެއް މީހުންގެ ނަޒަރުގައި ނުވާނެ ކަމެކެވެ.
އެކަމަކު ށ. ގޮއިދު އަށް އުފަން، އުމުރުން 19 އަހަރުގެ އަހުމަދު އަޝްހަމް ވަނީ އެކަން ސާބިތުކޮށްދީފަ އެވެ. އެންމެ ފުރިހަމަ ވެންޓިލޭޓަރަކަށް ނުވި ނަމަވެސް، ބަލި މީހާ އަށް އެއިން އޮކްސިޖަން ފޯރުކޮށްދެވެ އެވެ. މިއީ ދަތި ހާލަތެއްގައި ބޭނުން ކުރެވިދާނެ މެޝިނެއް ކަމަށް، އެ ޓެސްޓު ކުރި އެ ރަށު ސިއްހީ މަރުކަޒުގެ ޑޮކްޓަރުން ވެސް ވަނީ ބުނެފަ އެވެ.
އަޝްހަމް މި އާދަޔާހިލާފު އުފެއްދުން މީޑިއާގައި އާއްމު ކުރުމާއެކު އޭނާއަށް އެންމެ ފުރަތަމަ ވެސް ގުޅުއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ގައުމަށް ނުހަނު ބޭނުންވެފައިވާ މި ފަދަ މެޝިނެއް އުފެއްދީތީ، އަޝްހަމް އަށް، ނައިބު ރައީސް ތައުރީފް ކުރައްވައި ޝުކުރު އަދާ ކުރެއްވި އެވެ.
މުޅިން ފުރިހަމަ ނުވެ ހުރި އަޝްހަމްގެ ވެންޓިލޭޓަރު
އަޝްހަމް ބުނިގޮތުގައި ސްކޫލު ނިންމުމަށް ފަހު ކުރިއަށް ދާން ބޭނުންވާ ދާއިރާ އާއި މިހާރު ކުރަނީ ކޮންކަމެއްތޯ، ނައިބު ރައީސް އެއްސެވި އެވެ.
"މިއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. ހިޔެއް ނުކުރަން އެ ފަދަ ބޭފުޅަކު ގުޅުއްވައި ތައުރީފް ކުރައްވާނެ ކަމަކަށް،" މިދިޔަ އަހަރު ސީއެޗްއެސްސީން ގްރޭޑް 12 ނިންމުމަށް ފަހު، މިހާރު ރަށުގައި ހުރި އެ ޒުވާނާ ބުންޏެވެ.
"ވަރަށް އުފާވެފައި މިހިރީ. މިއީ ކުރިއަށް ދާން ލިބުނު ހިތްވަރެއް."
އަޝްހަމް މީގެ ކުރިން ވަނީ މަދިރި ނައްތާލުމަށް ފޮގް ޖަހާ މެޝިނެއް ވެސް އޭނާ އަމިއްލަ އަށް ހަދައިފަ އެވެ. ގޭގައި ހުންނަ ގަރާޖުގައި، ވެލްޑިން ކުރާ މެޝިނަކާއި ދަގަނޑު ކަފާ އާލާތެއް ވެސް ހަދައިފި އެވެ. އެކަމަކު ވެންޓިލޭޓަރެއް ހެދުމުގެ ހިޔާލު އޭނާގެ ހިތަށް ވަނީ، ސިފައިން ދާދި ފަހުން އޭގެ މެޝިނެއް އުފެއްދުމުންނެވެ.
އަޝްހަމްގެ މި ވެންޓިލޭޓަރުގެ ބޭރު ތޮށިގަނޑު އޭނާ ހެދީ ފިލައިން ކަފައިގެންނެވެ. ކޮމްޕިއުޓާ ކޮންޓްރޯލް ކުރެވޭނެ ސިސްޓަމެއް ނެތުމުން ސާކެޓްތައް އަމިއްލަ އަށް ހެދީ އެވެ. ބޭނުން ކުރީ ހަލާކުވެގެން ގޮނޑަށް އެއްލާލާފައި ހުރި ޑީވީޑީ ޕްލޭޔަރާއި އެމްޕްލިފަޔާ ފަދަ ތަކެތީގެ އިލެކްޓްރޯނިކް ބައިތަކެވެ. ސިފައިންނަށް ވެސް ހޯދަން އުނދަގޫވި އެމްބޫ ބޭގް ނުލިބުމުން، ވެންޓިލޭޓަރު ފުރިހަމަ ކުރީ އޭތި ލިބުމުން އަޅުވާލެވޭނެ ފަދަ ގޮތަކަށެވެ. އެކަމަކު ސިއްހީ މަރުކަޒުގެ އެމްބޫ ބޭގެއް ބޭނުންކޮށްގެން މެޝިން މަސައްކަތް ކުރޭތޯ އޭނާ ބެލި އެވެ.
އަޝްހަމް ހެދި ވެންޓިލޭޓަރުގެ އެތެރެ: އޭގެ ގިނަ ތަކެތި އޭނާ ހޯދީ ގޮނޑުން ހޮވައިގެން
ބަލި މީހާއަށް އެންމެ އެކަށީގެންވާ ވަރަށް، އެ މީހާއަށް ބޭނުންވާ މިންވަރަށް އެއިން އޮކްސިޖަން ފޮނުވައިދެ އެވެ. މެޝިން ބޭނުންކުރަނިކޮށް ކަރަންޓު ގޮސްފި ނަމަ އެލާމް އަޅައި، ދިއްލޭ ފިތެއް ވެސް މެޝިނުގައި ހުރެ އެވެ.
"ވެންޓިލޭޓަރު ބަލާފައި ސިއްހީ މަރުކަޒުގެ ޑޮކްޓަރު ވެސް ބުނި މިއީ ރަނގަޅަށް ވޯކް ކުރާނެ އެއްޗެކޭ. ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތުގައި ބޭނުން ކުރެވޭނެއޭ ވެސް،" އަޝްހަމް ބުންޏެވެ.
ކޮއްކޮމެންގެ އެހީތެރިކަމާ އެކު އަޝްހަމް ހެދި ވެންޓިލޭޓަރު އަދިވެސް ފުރިހަމަ ކުރުމަށް އޭނާ އަންނަނީ، ގޭގެ ވޯކްޝޮޕްގައި ބަހައްޓައިގެން މަސައްކަތް ކުރަމުންނެވެ. އަދި އެންމެ ހިތްހަމަ ޖެހޭވަރުވުމުން އޭނާ އެ މެޝިން ސިއްހީ މަރުކަޒަށް ހަދިޔާ ކުރާނެ އެވެ.
ސިއްހީ މަރުކަޒަށް ގެންގޮސްގެން އަޝްހަމް ވެންޓިލޭޓަރު ޓެސްޓު ކުރަނީ
މި ފަދަ ތަކެތި އުފެއްދުމަށް ކިތަންމެ ހުނަރުވެރި ނަމަވެސް ކެރިއަރެއްގެ ގޮތުގައި އަޝްހަމް ހިޔާރުކޮށްގެން ހުރީ ޕައިލެޓަކަށް ވާށެވެ. އެކަމަކު އިންޖިނިއަރިންގެ ތަފާތު މަސައްކަތް ކުރުމަކީ އޭނާ އަބަދުވެސް ކުރަން ބޭނުންވާ ކަމެކެވެ.
ބަލިމަޑުކަމުގެ މި ދުވަސްވަރު ގައުމަށް ބޭނުންތެރި ކަމެއް ކޮށްދެވުމުން އަޝްހަމް ހުރީ ވަރަށް އުފަލުންނެވެ. އަދި ގައުމުގެ އިސް ބޭފުޅަކު އެކަން ބަލައިގަތުމުން ހިތްވަރު ލިބިގެން، އެ ހުނަރު ކުރިއެރުވުމަކީ އޭނާގެ އުއްމީދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލައިޖަ
05 June 2020
މިކަހަލަ ކުދިންނަށް ފުރުސަތު ހޯދައިދީ ހަދަން ޖެހޭ. ސަރުކާރުން ސްކޮލަޝިޕް ދޭންވާނީ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ހުސް އޭ ސްޓަރ ހޯދާ ކުދިންނަކަށް ނޫން. ހަމައެކަނި ކުޅިވަރު ކުޅޭ ކުދިންނަކަށްވެސް ނޫން. ހުނަރުވެރި ތޫނު ފިލި ކުދިން ދެނެގަނެ އެކުދިންނަށް. ފޮތުގަ އޮންނަ ދެލިގަނޑު ކިޔަވއިގެން އޭ ތައް ހޯދިޔަސް އަދި ޓޮޕް 10 އެރިޔަސް އަމަލީ ބައެއް ނުހުރޭ މިހާރު ނިކުންނަ ކުދިންގެ. މިތިބީ އަމަލީ ގޮތުން ގާބިލް ކުދިން. ހައްގުމިންވަރު ހޯދައިދީ.
ޖުލާ
04 June 2020
ދެން ތިކުދިން މޮޅު ކޮށްބަލަ ފުރުސަތު ހޯދަ ދީބަލަ. ފުރުސަތު ދޭންވީ ހަމަ އެކަނި ކުޅިވަރު ކުޅޭ ކުދިންނަކަށް ނޫން
ހުސެން
04 June 2020
ފުލުހުން ހެދިޔަސް އަދި އެހެންމީހަކު ހެދިޔަސް ބާ ނުވަތަ ގޮޑުންހޮވާ ސެކަންޑްހޭންޑް އިލެކްޓްރޯނިކްސް ހިމަނައިގެން ހަދާއެއްޗެއްސެއް ސިއްހީކަންކަމުގައި ބޭނުމެއްނުކުރެވޭނެ، (ފެއިލްވާނެ ވަގުތެއްނޭންގެ) ހެލްތްކެއަރ ޑިވައިސްތަކަކީ އާންމު އިލެކްޓްރޯނިކްސް އަށްވުރެން ކޮލިޓީކޮށް ހުންނައެއްޗެއް، ކޮމެންޓްކުރުމުގެ ކުރިން ވެންޓިލޭޓަރ ގޫގްލްކޮށްލުން ރަނގަޅު، ކޮމެންޓްކުރާ ގިނަމީހުންނަކީ ވެންޓިލޭޓަރ ނުވަތަ ވެންޓިލޭޓަރ މަސައްކަތް ކުރާގޮތް ދަންނަމީހުނެއްނޫން
hamed
04 June 2020
ކަލޭ ވެންޓިލޭޓަރު ހަދަންވީނު. ޢަދި މިހާތަނަށް އެންމެ ބޮޑު އަގުގައި ވިކިފަ ހުރީ ގޮނޑުން ނެގި އެއްޗެއް.
ގޭޓްސްބިލް
04 June 2020
މަރުހަބާ. ޔޫ އާރ އަ ޖީނިއަސް.
ބޯހަލާކޭ މޯލްޑިވްސް ޕވޓ ލމޓޑ
04 June 2020
ޕްރޮޑަކްޝަން ފުޅާކޮށް އަވަހަށް ރާއްޖޭން ބޭރުން މާކެޓް ހޯދާ ތީތިގަނޑު ވިއްކަން ފަށާ. އޭރުން އިސާހިތަކު ބިލް ގޭޓްސް އަށް ވުރެވެސް މުއްސަނދި ވެދާނެ. އަކަމަކު ރާއްޖެއަށް ބަހަން ވާނީ ހަމަ ހިލޭ.
ގުޑިއަރުވާ އަހަންމަދު
04 June 2020
މަރުހަބާ އަޝްހަމް، މިހާތަނަށް ރާއްޖޭގައި އުފެއްދި ވެންޓިލޭޓަރެއް ބޭނުން ކުރާކަށް ކަމަކު ނުދެޔޯ! ރަނގަޅީ ހަމަ އަގު ބޮޑުކޮށް ބައިއެޅޭ ގޮތަށް ބޭރުން ގެނެވޭ އެއްޗެއް.
އަންވަރު1
04 June 2020
ކޮބާ، ބޭކާރު އެއްޗެހި ކުދިންނަށް ކިޔަވާނުދީ އުފެއްދުންތެރި މަސައްކަތް، ސައިންސް ޓެކްނޮލޮޖީ ތަންކޮޅެއް ރަނގަޅަށް ދަސްކޮށްދީ މުބާރާތްތަކާ އެއްޗެހި ބާއްވަބަލަ، ރަންތަރިއާ ރިހިތަރިއާ ރަން ހުނަރުވެރިޔާއާ ރިހި ހުނަރުވެރިޔާއަ،، މިއީއޭ ގައުމަށް ބޭނުންވާ ކަންކަމީ. އިލްމަކީ ސައިންސޭ. ޚުރާފާތްތަކާ އޭނަ މީނަ ބުނި ތޯތޯ ވާހަކަތަކެއް ނޫނޭ.
ހާދަ ނުކެރިހުރެ
04 June 2020
ކީކޭ އަސްލު ބުނަން ތި އުޅެނީ؟
ޑިސްއޮނަރަބަލް އަފީފު ދީދީ
04 June 2020
އަޝްހަމްގެ ތިޔަ ހިތްވަރާފަންވަރަށް ހަމަ ސާބަސް. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތީ ކާމިޔާބު މުސްތަޤުބަލެއް.
ގާކޮށި ހުސޭނުނު
04 June 2020
ވެންޓިލޭޓަރގެ މާނައަކީ ކުފޫހަމަނުވުންތަ؟ ތިޔައެކޭ ފޮޓޯ ގަނޑެކޭ ވާނީ އެއްވަރެއް
ނިއުޓުރަލް
04 June 2020
ބުރޯ ޖޭވީތަ.. ލޮލް.
އާދަމް ބާއީ
04 June 2020
މިފަދަ ޒުވާނުން އިތުރަށް ކުރިއަށްދިއުމަށް ސަރުކާރުން މަގުފަހިކޮށްދޭންވީ. ސާމާނާ ރަނގަޅު ޓުރެއިނިންއާއެކު ހަމަ ކޮންމެފަދައެއްޗެއްވެސް މިމީހުން އުފައްދައިފާނެ.