ހައުސިން މިނިސްޓަރު އާތިފާ އިސްތިއުފާ ދެއްވައިފި

ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.


އިތުބާރު ހުރި ގޮތަކަށް "މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި، އޭނާ އިސްތިއުފާ ދެއްވީ ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވާތީ އެވެ. ސިއްހީ ހާލުކޮޅު ގޯސްވެ މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގެންފައިވާ ކަން އޭނާ ރައީސް އޮފީހަށް އަންގަވާފައިވާ ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ކޯލިޝަނަކުން އުފެއްދި މި ވެރިކަމުގެ ހައުސިން މިނިސްޓަރަކަށް އާތިފާ ހަމަޖެއްސެވީ ކޯލިޝަންގެ އެއް ލީޑަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް ސްލޮޓެއްގަ އެވެ. އާތިފާއާ އެކު އެމްއާރުއެމަށް ނިސްބަތްވެވަޑައިގަންނަވާ ހަތަރު ވަޒީރުން ތިއްބަަވަ އެވެ.

އާތިފާ މަގާމުން އިސްތިއުފާ ދެއްވީ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމުގައި އޭނާގެ ގާބިލްކަމެއް ނެތް ކަމަށް ވިދާޅުވެ މަގާމުން ވަކިކޮށްދިނުމަށް އެދި، އެމްޑީޕީގެ އިސް މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ. ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެ ކަމުގެ ވައުދުވި ކަމަށާއި ނަމަވެސް ވެރިކަމަށް ދޮޅު އަހަރު ވެގެން ދިޔައިރު ވެސް އެކަމާ ގުޅޭ އެއްވެސް މަސައްކަތެއް އަދި އެފަދަ ގޯތި ދޭނެ ޕްލޭނެއް ވެސް ހަދާފައިނުވާ ކަމުގެ ކަންބޮޑުވުން އެ ސިޓީގައި ފާޅުކޮށްފައިވެ އެވެ.

އެކަމަކު އާތިފާ ނިސްބަތްވެވަޑައިގަންނަވާ އެމްއާރުއެމްގެ އިސް ބޭފުޅަކު މިއަދު ވިދާޅުވީ އާތިފާ މަގާމުން ވަކިކޮށްދޭން އެމްޑީޕީގެ ދާއިރާ ރައީސަކު މަޖިލީހަށް މައްސަލައެއް ވެއްދުމުގެ މާ ކުރިން ވެސް ޒިންމާއަދާކުރެއްވުމުގައި ސިއްހީ ގޮތުން ހުރި ދަތިތަކުގެ ވާހަކަ އޮތީ ދަންނަވާފައި ކަމަށެވެ.

އާލާސްކަންފުޅާ އުޅުއްވި ނަމަވެސް ރާއްޖެ އިން ބޭރަށް ފަރުވާ އަށް ވަޑައިނުގެން މަޑުކުރެއްވީ މުހިއްމު ބިލްތަކެއް މަޖިލީހަށް ވައްދާފައި ވަޑައިގަތުމަށް ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޮވިޑް-19އާ ހެދި މިދިޔަ އެޕްރީލްމަހުގެ ތެރޭގައި މާލެ ލޮކްޑައުންކުރީ އޭގެ ފަހުންނެވެ.

މިނިސްޓަރު އާތިފާ: މި ވެެރިކަމުގައި މިނިސްޓަރުގެ މަގާމަށް ވަޑައިގަތީ ކުރިން ވެސް ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރެއްވުމަށް ފަހު.

އާތިފާ އަށް މަގާމުގެ ޒިންމާ އަދާނުކުރެއްވިގެން ވަކިކުރަން ޖެހޭ ކަމަށް މަޖިލީހަށް ހުށަހެޅި ސިޓީގައިވާ ވާހަކަތަކަށް ރައްދު ދެއްވަމުން އެމްއާރުއެމްގެ ބޭފުޅާ ވިދާޅުވީ ރައްޔިތުންގެ ކަންކަން އާތިފާ ގާތުން ބެއްލެވިކަމަށާއި ކުރިން ހައްލު ހޯދައި ނުދެވި ހުރި ބޮޑެތި މައްސަލަތަކުގައި ވެސް ފަސޭހަތަކެއް ހޯދައިދީފައިވާ ކަމަށެވެ. އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ސުނާމީއާ ގުޅިގެން ރ. ކަނދޮޅުދޫގެ ރައްޔިތުންނަށް ދުވާފަރުގައި އިމާރާތްކޮށް، ރަޖިސްޓްރީ ހަދައި ނުދެވި ތިބި ގެތަކުގެ މައްސަލަ ހައްލުކޮށްދެއްވުމެވެ. ސުނާމީ އަށް 15 އަހަރު ފަހުން ދުވާފަރުގެ ގެތައް ރަޖިސްޓްރީ ކުރީ މި ވެރިކަމުގަ އެވެ.

"މިނިސްޓަރު އާތިފާއާ ބައްދަލުކުރަން ބޭނުންވި ގިނަ ބަޔަކާ ބައްދަލުކުރައްވައި ޝަކުވާ އަޑުއެއްސެވި. ހައްލު ހޯއްދަވައިދެއްވެން ހުރި ކަންކަމުގައި ހައްލު ވެސް ހޯއްދަވައި ދެއްވި،" އޭނާ ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމުގައި މިނިސްޓަރުގެ މައްސަލަތަކެއް މަޖިލީހަށް ހުށަހެޅިިއިރު، މި ވެރިކަން ފެށުނުއިރު އެންމެ ބޮޑުވެފައި އޮތް ހިޔާ ފްލެޓްތަކުގެ މައްސަލަ ބަލަން އުފެއްދި ކޮމިޓީގައި މިނިސްޓަރު ހިމެނިވަޑައެއް ނުގަންނަވަ އެވެ.

ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީ އަކީ މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތަށް، ގިނަ މަޝްރޫއުތަކެއް ހިންގި ޒިންމާ ބޮޑު ތަނެކެވެ. އެކަމަކު މި ވެރިކަން ފެށުމާ އެކު ހައުސިން މިނިސްޓްރީގެ މަސައްކަތްތައް ބަހާލައި ގިން މަސައްކަތްތައް ހަވާލުކުރީ ޕްލޭނިން މިނިސްޓްރީއާ އެވެ.

ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ އެ މިނިސްޓްރީ ހަވާލުކުރިއިރު، ހައުސިންގެ މަސައްކަތްތައް ބަހާލި ގޮތުން ދެ މިނިސްޓްރީ ހިންގުމުގައި ފުށުއެރުންތަކެއް ވެސް ހުއްޓެވެ. ހައުސިން މިނިސްޓްރީގެ ޒިންމާގެ ގޮތުގައި ބޭއްވީ ކުރިއެކޭ އެއްގޮތަށް ބޯހިޔާވަހިކަމުގެ މަސައްކަތެވެ. އޭގެތެރޭގައި އަތޮޅުތަކުގެ ތެރެއިން ވެސް ސަރަހައްދީ ތަރައްގީގައި ހިމެނޭ ތަނެއް ނަމަ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާފައި އޮތީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

އެކަމަކު ފަހުން އަނެއްކާވެސް ސަރުކާރުން ވަނީ ބޯހިޔާވަހިކަމުގެ ވައުދު ފުއްދަން އާ ކުންފުންޏެއް އުފައްދައިފަ އެވެ. އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި، ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކޯޕަރޭޝަނެއް އުފައްދައި އެތަނުގެ ޒިންމާއެއްގެ ގޮތުގައި ހަމަޖެއްސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހިންގާ މަސައްކަތްތަކެއް އެ ކުންފުނީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމެވެ.

ރައީސް އޮފީހުން އޭރު ބުނެފައިވާ ގޮތުގައި އިކޮނޮމިކް ކައުންސިލުގެ ލަފާގެ މަތިން އުފެއްދި އެ ކުންފުނިން މަސައްކަތް ކުރާނީ ސަރުކާރުން މަސައްކަތް ފަށާފައިވާ "ހައުސިންގް ނީޑްސް އެސެސްމަންޓް" އަށް ބަލައިގެންނެވެ. އަދި އަދުލުވެރި، އިތުބާރުހިފޭ އުސޫލުތަކެއްގެ ތެރެއިން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ކުންފުނި އުފެއްދައި ގިނަ މަސައްކަތްތަކެއް އެތަނާ ހަވާލުކުރަން ނިންމުމާ އެކު ހައުސިން މިނިސްޓްރީގެ ޒިންމާއާ މެދު ސުވާލު އުފެއްދި އެވެ.

އާތިފާ މަގާމުން އިސްތިއުފާ މި ދެއްވީ، ވަރަށް ފަހުން ރައްޔިތންގެ މަޖިލީހުގެ ކޮމިޓީއެއްގައި ހިޔާ މަޝްރޫއުގެ ފްލެޓްތައް ޖުލައި މަހުގެ ތެރޭގައި ދެވޭނެ ކަމަށް ވިދާޅުވުމާ އެކު އޭނާ އަށް ފާޑުކިއުން ވެސް އަމާޒުވެފައި ވަނިކޮށެވެ. ފްލެޓް ކޮމިޓީއާ ހަވާލުކޯށްފައިވާ އެ މަސއްކަތުގެ އަވަސް ތާރީޚްތަކެއް މިނިސްޓަރަށް ވިދާޅުވެވުނީ އޮޅިގެން ކަމަށް ފަހުން ހައުސިން މިނިސްޓްރީން ވަނީ ބަޔާނެއް ނެރެ ސާފުކޮށްދީފަ އެވެ.