ފަސް ގައުމަކަށް ސަފީރުން އައްޔަންކުރަން މަޖިލީހަށް، އޭގެ ތެރޭގައި ތިން އަންހެން ބޭފުޅުން

ފަސް ގައުމަކަށް ސަފީރުން އައްޔަން ކުރަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ. އޭގެ ތެރޭގައި ތިން އަންހެން ބޭފުޅުން ހިމެނެ އެވެ.


އެކަމުގެ ތަފްސީލުތައް ހިއްސާކޮށް، ފޮރިން މިނިސްޓްރީން ބުނީ ސަފީރުން އައްޔަން ކުރަން ފޮނުވީ އިންޑިއާ އާއި ބަންގްލަދޭޝް އާއި ޕާކިސްތާނާއި ޔޫއޭއީ އަދި ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަން އަށް ކަމަށެވެ.

އިންޑިއާގެ ސަފީރަކަށް އައްޔަން ކުރަން ފޮނުއްވީ، މިހާރު ޔޫއޭއީގައި ހުންނެވި ސަފީރު ޑރ. ހުސައިން ނިޔާޒެވެ. ފޮރިން ސާވިސްގައި އޭނާ ވަނީ ގާތްގަނޑަކަށް 15 އަހަރު މަސައްކަތް ކުރައްވައިފަ އެވެ.

ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާފައި ސަފީރަކަށް މީގެ ކުރިން ހުންނެވީ އާއިޝަތު މުހައްމަދު ދީދީ އެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ 6 ގައި އޭނާ ޖެންޑާ މިނިސްޓަރަކަށް އައްޔަން ކުރުމާއެކު އިންޑިއާގެ ސަފީރުކަމުގެ މަގާމު ހުސްވެގެން ދިޔައީ އެވެ.

ބަންގްލަދޭޝްގެ ސަފީރަކަށް އައްޔަންކުރަން ފޮނުއްވީ، ޝިރުޒިމަތު ސަމީރުގެ ނަމެވެ. ފޮރިން ސާވިސްގައި 12 އަހަރު މަސައްކަތް ކުރައްވާފައިވާ ޝިރުޒިމަތު ވަނީ ސޯޝަލް ސައިންސް އިން މާސްޓާސް ހާސިލް ކުރައްވައިފަ އެވެ. އެ ގައުމަށް ރާއްޖެ އިން މިހާރު ކަނޑައަޅާފައިވާ ސަފީރަކީ އައިޝަތު ޝާން ޝާކިރެވެ.

ޕާކިސްތާނަށް އައްޔަން ކުރަން މަޖިލީހަށް ފޮނުވި ފަރްޒާނާ ޒާހިރު ވަނީ ފޮރިން ސާވިސްގައި 19 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. ނިއުޔޯކްގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ދާއިމީ މަންދޫބުގެ މަގާމުގައި މިވަގުތު ހުންނެވި ފަރްޒާނާ ވަނީ ތަރައްގީގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވައިފަ އެވެ.

ޔޫއޭއީ އަށް އައްޔަން ކުރަން ފޮނުއްވީ، އިންޑިއާގައި މިވަގުތު ހުންނެވި އެކްޓިން ސަފީރު އައިމިނަތު ޝަބީނާ އެވެ. ފޮރިން ސާވިސްގައި 26 އަހަރު ހޭދަކުރައްވާފައިވާ ޝަބީނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ހާސިލްކުރައްވައިފަ އެވެ.

ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ދާއިމީ މަންދޫބަކަށް އައްޔަންކުރައްވަން ރައީސް ފޮނުއްވީ، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދެވެ. ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައި މިވަގުތު ހުންނެވި އާސިމް ވަނީ ޔުނިސެފާއި އިންޓަނޭޝަނަލް ލޭބަ އޯގަނިޒޭޝަން (އައިއެލްޔޯ) ގެ އދ. އެސްކެޕްގައި މަސައްކަތް ކުރެއްވި އެވެ.

އެ މަގާމުގައި މިވަގުތު ހުންނެވީ، ޑރ. ހާލާ ހަމީދެވެ.

ސަފީރުންގެ ގޮތުގައި ބައެއް ބޭފުޅުން އައްޔަން ކުރަނީ، ފޮރިން ސާވިސްގެ ތެރެއިންނެވެ. ދެން ތިބި ބޭފުޅުން މަގާމަށް ހަމަޖައްސަނީ ސިޔާސީގޮތުންނެވެ.

ސަފީރުންނާއި ހެޑް އޮފް މިޝަންގެ ގޮތުގައި ޖުމްލަ 18 ބޭފުޅުން ތިއްބަވާނެ އެވެ. އަލަށް އައްޔަންކުރާ ބޭފުޅުންނާއެކު، އަންހެން ސަފީރުންނާއި ފިރިހެން ސަފީރުންގެ އަދަދު ނުވަކަށް އަރާނެ އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އާ ސަފީރުން އައްޔަން ކުރުމުން، ރާއްޖޭގެ ފޮރިން ސާވިސްގެ ތެރޭގައި ފުރަތަމަ ފަހަރަށް ހަމަހަމަކަން ގެނެވޭނެ ކަމަށެވެ. ކުރިއަރައި ދިއުމާއި ކަންކަމުގައި ބައިވެރިވުމަށް ދެ ޖިންސުގެ ހަމަހަމަކަން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.