ވިސާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭ މުއްދަތު އިތުރުކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސަރުކާރު އޮފީސްތައް ބަންދުކުރުމުން، ވިސާ ފީ ނުދެއްކުނު މީހުންގެ އަތުން ޖޫރިމަނާ ނުނަގަން ކަނޑައަޅާފައިވާ މުއްދަތު މޯލްޑިވްސް އިމިގްރޭޝަން އިން އިއްޔެ އިތުރުކޮށްފި އެވެ.


ވޯކް ވިސާ ނުދެއްކުނު މީހުންގެ އަތުން، ޖޫރިމަނާ ނުނަގަން މީގެ ކުރިން ނިންމާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ވިސާގެ މުއްދަތު ހަމަވެފައިވާ ނަމަ އެވެ. ނަމަވެސް އެ މުއްދަތު، މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިމިގްރޭޝަނުން މިހާރު ވަނީ އިތުރުކޮށްފަ އެވެ. އެއީ، މިދިޔަ މާޗުގެ 19 އާއި މި މަހުގެ 15 އާ ދެމެދު ވޯކް ވިސާގެ މުއްދަތު ހަމަވެފައިވާ މީހުންނަށް ލިބޭ ލުޔެކެވެ.

މި ބަދަލުތައް ގެންނަން އިމިގްރޭޝަނުން ނިންމާފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކުރުމުން މި ހިދުމަތް ހޯދޭނެ ގޮތް ލިބިފައި ނުވުމުންނެވެ.

އިމިގްރޭޝަން އިން އިއްޔެ ކުރި ޓްވީޓެއް

ވޯކް ވިސާ ނޫން އެހެން ވިސާގައި ރާއްޖެ އައިސް އުޅޭ މީހުންނަށް ވެސް ލުއިތަކެއް އިމިގްރޭޝަނުން ވަނީ ހޯދައިދީފަ އެވެ. އެހެން ވިސާއެއްގައި ރާއްޖެ އައިސް، ކޮވިޑް-19 އާ ގުޅިގެން ތާށިވެފައި ތިބި މީހުން އެ މީހުންގެ ވިސާ އާ ނުކޮށް ފުރޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. އެ ފަދަ މީހުން "އިމަޖެންސީ ޑިޕާޗާ" ފޯމް ފުރުމަށް ފަހު، ފުރަންދާ އިރު އެއާޕޯޓަށް އެ ފޯމް ހުށަހެޅުމުން ފުރޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މި ފޯމް ހުށަހަޅައިގެން ފުރޭނީ އަންނަ އޮގަސްޓަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މީގެ ތެރޭގައި ޓޫރިސްޓް ވިސާ އާއި ބިޒްނަސް ވިސާ އަދި ސްޓުޑެންޓް ވިސާގައި ރާއްޖެ އައި މީހުން ހިމެނެ އެވެ.

ވިސާ އާ ނުކޮށް ފުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާޗު 19 ގެ ފަހުން ވިސާގެ މުއްދަތު ހަމަވި މީހުންނަށް އެކަންޏެވެ. ނަމަވެސް ވޯކް ވިސާގައި އައި މީހުންނަށް އަނބުރާ ފުރޭނީ ވިސާ އާ ކުރުމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން އިމިގްރޭޝަނުން ވަނީ ވިސާ ހޯދުމުގެ އެކި އެކި ކަންތައް ފަސޭހަކޮށްދީފަ އެވެ. އޭގެ ތެރޭގައި ވޯކް ވިސާއަށް ރާއްޖެ އަންނަ މީހުން، މެޑިކަލް ރިޕޯޓަކާ ނުލައި ވިސާ އަށް ހުށަހެޅޭނެ ގޮތް ހަމަޖެއްސި އެވެ.