ހައްޖުގެ އަޅުކަމުގައި ބަޔަކު ބައިވެރިވަނީ.--ފޮޓޯ: އޭއެފްޕީ
22 ޖުލައި 2020 - 17:37
ސައޫދީ އަރަބިއްޔާގައި ދިރިއުޅޭ ފަސް ދިވެއްސަކަށް މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ސައޫދީ ސަރުކާރުން ދިން އެ ފުރުސަތު ލިބުނީ މަދީނާގައި ކިޔަވާ ތިން ދަރިވަރަކާއި ގަސީމް ޔުނިވާސިޓީގައި ޕީއެޗްޑީ ހަދާ ދަރިވަރެއް އަދި ނެސްމާ އެއާލައިންގައި މަސައްކަތްކުރާ ދިވެހި އިންޖީނިއަރަކަށެވެ.
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން، މި ފަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދީފައި ވަނީ ސައުދީގައި އުޅޭ މީހުންނަށް އެކަންޏެވެ. އެ ފުރުސަތު ދޭން ނިންމާފައި ވަނީ އުމުރުން 65 އަހަރުން ދަށުގެ މީހުންނަށެވެ.
އެ އެންމެން ވެސް ހައްޖުގެ އަޅުކަމަށް ފަހު ކަރަންޓީން ވާން ޖެހޭނެ އެވެ.
ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޮންލައިންކޮށް ރަޖިސްޓަރީ ކޮށްގެންނެވެ.
ކޮންމެ އަހަރެއްގެ ހައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.5 މިލިއަން މީހުން ބައިވެރިވެ އެވެ. ދުނިޔޭގެ 160 އަށް ވުރެ ގިނަ ގައުމުން މިދިޔަ އަހަރު ވަނީ 1.85 މިލިއަން މީހުން ހައްޖުގައި ބައިވެރިވެފަ އެވެ. އެކަމަކު، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އާންމުކޮށް ހައްޖުގެ އަޅުކަމަށް ދާން ފުރުސަތު ހުޅުވާފައި ނެތުމުން، މި ފަހަރު އެ އަޅުކަމުގައި ބައިވެރިވާ މީހުންގެ އަދަދު 10،000 އަށް ވުރެ އިތުރު ނުވާނެ ކަމަށް ސައުދީ ސަރުކާރުން ބުނެ އެވެ.
އެ ގައުމުގައި މިހާތަނަށް 256،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެ ތެރެއިން 207،000 މީހުން ވަނީ ރަނގަޅުވެފަ އެވެ. އެ ބަލީގައި 2،476 މީހުން މަރުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއާމިނަ
23 July 2020
ފުރުޞަތު ލިބުނު ފަރާތްތައް ދިވެހިންނަށް ހެޔޮދުޢާ ކޮށްދެއްވާ. ކޮވިޑް 19ގެ ނުރައްކާތެރި ކަމުން ދިވެހިރާއްޖެއާއި މުޅިދުނިޔެވެސް ސަލާމަތްކޮށްދެއްވާތޯ ދުޢާ ދަންނަވައި ދެއްވާ. އުފަން ބިމުގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި އަބަދުވެސް މިފަސްގަނޑު ލެއްވުން އެދި ދުޢާކޮށްދެއްވާ. ޤައުމަށް ޚިޔާނާތްތެރި ވެރިންގެ ކިބައިން ޤައުމު ސަލާމަތްވޭތޯ ދުޢާދަންނަވާ ދެއްވާ.
ރަގަޅު ގޮތް
23 July 2020
މަދީނާ ޔުނިވާރސިޓީން 2 ދަރިވަރުން، ޤަސީމް ޔުނިވާސިޓީން 1 ދަރިވަރު، ރިޔާޟްގެ ފައިސަލް ޔުނިވަސިޓީން މެޑިސިން ހަދާ ދަރިވަރެއް އަދި އިންޖީނިއަރަކަށް
ބަސް
22 July 2020
ތިއީ ނަސީބުވެރިން.