އެމްއެންޔޫގެ ތިން މަގާމަކަށް ބޭފުޅުން އައްޔަންކޮށްފި

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އިސް ތިން މަގާމަށް އައްޔަންކުރެއްވި ބޭފުޅުންނަށް މިއަދު މަގާމުގެ ލިޔުން ދީފި އެވެ.


އެ ޔުނިވާސިޓީގެ ޑީން އޮފް ސްޓޫޑެންޓްސްގެ މަގާމަށް ލީލާ އަހުމަދާއި ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީގެ ޑީނަކަށް ނާސިހާ އަބްދުލް މުހައިމިން އަދި ކޮންޓްރޯލާ އޮފް އެގްޒާމިނޭޝަންގެ މަގާމަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި ފާތިމަތު ނާޒިޔާ ވަނީ ހަމަޖައްސައިފަ އެވެ.

ކޮންޓްރޯލާ އޮފް އެގްޒަމިނޭޝަންގެ މަގާމުގައި ހުންނެވި ނާޒިޔާއަށް، ވައިސް ޗާންސެލާ ޑރ. ޝަރީފް މަގާމަުގެ ލިޔުން ހަވާލުކުރައްވަނީ.-- ފޮޓޯ: އެމްއެންޔޫ

ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި އެ ތިން ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކުރެއްވީ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފެވެ.

އެމްއެންޔޫގައި 14 އަހަރުވަންދެން މަސައްކަތްކޮށްފައިވާ ލީލާ ވަނީ ޓީޗާ އިންސްޓްރަކްޓާ އާއި އެސިސްޓެންޓް ލެކްޗަރާ އަދި ލެކްޗަރެއްގެ ގޮތުގައި މަސައްކަތްކުރައްވައިފަ އެވެ.

ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީގެ ޑީނަކަށް އައްޔަންކުރެއްވި ނާސިހާއަށް، އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. ޝަރީފް މަގާމުގެ ލިޔުން ހަވާލުކުރައްވަނީ.-- ފޮޓޯ: އެމްއެންޔޫ

ކޮންޓްރޯލާ އޮފް އެގްޒަމިނޭޝަންގެ މަގާމާއެކު ނާޒިޔާ އެމްއެންޔޫއާ ގުޅިވަޑައިގަތީ ސެޕްޓެމްބަރު 1، 2016 ގަ އެވެ.

ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސްގެ ވެރިޔަކަށް ހަމަޖެއްސި ނާސިހާ އެމްއެންޔޫއާ ގުޅިވަޑައިގަތީ ޖެނުއަރީ 16، 2011 ގަ އެވެ. ލެކްޗަރާއެއްގެ މަގާމް ފުރުއްވުމުގެ އިތުރުން ނާސިހާ ވަނީ އެއް އަހަރު ސެންޓަރ ފޯ އޯޕަން ލަރިނިންގައި އެކްޓިން ޑީންގެ މަގާމު ފުރުއްވައިފަ އެވެ.