ރާއްޖެ އާއި އެމެރިކާގެ ސަލާމަތީ ގުޅުން ވަރުގަދަކުރުމަށް ދެ ގައުމު ގުޅިގެން ފްރޭމްވޯކެއް އެކުލަވާލައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެ ފްރޭމްވޯކާ ބެހޭ އެއްބަސްވުމުގައި މިިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރެއްވީ، މިވަގުތު އެމެރިކާގައި ހުންނެވި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެމެރިކާގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ ސައުތު އެންޑް ސައުތު އީސްޓް އޭޝިޔާ، ރީޑް ވާނާ އެވެ.
"ފްރޭމްވޯކް ފޯ ޔޫއެސް ޑިޕާޓްމަންޓް އޮފް ޑިފެންސް - މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް - ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް" ގެ ނަމުގައި އެކުލަވާލާފައިވާ ފްރޭމްވޯކްގެ ދަށުން ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ދާއިރާގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމާއި ރާއްޖޭގެ ދިފާއީ މުއައްސަސާ އިތުރަށް ހަރުދަނާކުރުމާ ބެހޭ ހަރަކާތްތައް ހިންގުމަށް ފުރުސަތު ތަނަވަސްކުރުން ހިމެނެ އެވެ.
އޭގެ އިތުރުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެއްބާރުލުން އިތުރުކުރުމާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާކުރުމާއި ގުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ހާލަތްތަކުގައި ގުޅިގެން އޮޕަރޭޝަންތައް ހިންގުން ފަދަ ކަންކަން ހިމެނެ އެވެ.
ފްރޭމްވޯކުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ އެކަމުގެ ސަބަބުން ދިފާއީ އަދި ސަލާމަތީ ކަންކަމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ. އިންޑޯ ފެސިފިކް ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ދެ ގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ކޮވިޑް-19 ގެ މި ހާލަތުގައި ކަނޑުފޭރުމާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި މަސްތުވާތަކެތީގެ ނުރައްކަލާ ރާއްޖެއިން ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
"އެެހެންކަމުން ބައިނަލްއަގުވާމީގޮތުންނާއި ސަރަހައްދީގޮތުން ދިވެހިރާއްޖެ ފަދަ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމުގެ ސަރުކާރުގެ ދެމެދު މަޝްވަރާކޮށްގެން ކުރިއަށްދިއުން މުހިއްމުކަން އެކަމަނާ ފާހަގަކުރެއްވި އެވެ،" ޑިފެންސް މިނިސްޓްރީީން ނެރުނު ބަޔާނުގައި ބުންޏެވެ.
މާރިޔާ އެމެރިކާއަށް ވަޑައިގަތީ އަމިއްލަ ދަތުރެއްގަ އެވެ. އެކަމަށް ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާ ކަމަށް ބުންޏެވެ.