އިންޒާރު ދެމުންދާ ކަމުގެ ތުހުމަތުކޮށް އެންޑީއޭގެ ސީއީއޯގެ މަގާމުން ޝަހީލް އިސްތިއުފާ ދެއްވައިފި

މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް، ބަޔަކު އަޑީގައި ތިބެގެން އަބުރު ކަތިލައި އިންޒާރު ދެމުންދާ ކަމުގެ ތުހުމަތުކޮށް، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމުން ހަސަން ޝަހީލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.


އެންޑީއޭގެ ބޯޑުގެ ޗެއާމަން އަބްދުލް ހަމީދަށް ފޮނުއްވި ސިޓީއެއްގައި ޝަހީލް ވިދާޅުވީ އެ އެޖެންސީގައި މިހާތަނަށް މަސައްކަތް ކުރަމުން އައީ ކިތަންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިވި ކަމުގައި ވިއަސް އިހްލާސްތެރިކަމާ އެކު ކަމަށާއި އެ މަސައްކަތުގައި ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ނުވަތަ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށާއި ގާނޫނާ ހިލާފަށް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ އަނބުރާ މުޖުތަމައުއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ އެންޑީއޭގެ ސީއިއޯއަކަށް ޝަހީލް ހަމަޖެއްސެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސެޕްޓެމްބަރު 2014 ގަ އެވެ. ފުރަތަމަ އެ މަގާމަށް އައްޔަންކުރީ ތިން އަހަރަށް ކަމަށް ވިޔަސް މަސައްކަތުގެ ފެންވަރު ބަލައި މުއްދަތު ހަމަވުމުން އިތުރު ތިން އަހަރަށް ކޮންޓްރެކްޓް އިތުރުކުރީ އެވެ.

ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ، އެކަމަށް ދެވި ހިފާފައި ތިބި ބައެއް މީހުން މެދުވެރިކޮށް މިހާރު ސީދާ އޭނާއަށް އަމާޒުކޮށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ޝަހީލް ވިދާޅުވި އެވެ. އެގޮތުން ސޯޝަލް މީޑިއާގައި ސާބިތު ނުހިފޭ ހުތުރު ވާހަކަތައް ފަތުރައި ބަދުނާމުކޮށް ފުރައްސާރަކުރުމާއި މަގުމަތިން ދިމާކޮށް އިންޒާރު ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެންޑީއޭގެ ސީއީއޯއެއްގެ ގޮތުގައި މަސައްކަތްކުރާތާ ފަސް އަހަރުވެފައިވާއިރު، ކުރިން މިފަދަ ބައެއްގެ ފަރާތުން މިފަދަ ކަމެއް ކުރިމަތިވެފައެއް ނުވެ އެވެ. އެހެން ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް ކޮންމެވެސް ނުފޫޒެއް އޮތްބަޔަކު ފޮރުވިފައި ތިބެގެން އެބައެއްގެ މަގުސަދުތަކެއް މިހާރު ހާސިލްކުރުމަށްޓަކައި އަޅުގަނޑުގެ އަބުރު ކަތިލައި އަދި އިންޒާރު ދީ ހެދުމަކީ މިހާރު އަޅުގަނޑު މި މަގާމުގައި ހުންނަން ޖެހިލުންވާ ކަމެއްކަމުގައި ދަންނަވަމެވެ،" ރައީސް އޮފީހަށާއި ޖެންޑާ މިނިސްޓްރީއަށް ވެސް ކޮޕީކޮށް، ފޮނުއްވި ސިޓީގައި ޝަހީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަގާމުން ދުރުކޮށް އެ ބަޔަކު ބޭނުންވާ މަގުސަދު ހާސިލްކުރުމަށް އެފަދަ ބަޔަކު ބޭނުންކޮށްގެން ކޮންމެ ފަދަ ނުރައްކަލެއް ވެސް ކުރިމަތިކޮށްފާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިދިޔަ ޖޫން މަހު ވެސް، ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ އެޖެންސީން އިސްތިއުފާ ދިނުމަށް ސިޓީ ހުށަހެޅުއްވި ކަމަށާއި އެކަމަކު އެންޑީއޭއާ ގުޅުންހުރި ބެލެނިވެރި އިސްފަރާތްތަކުގެ އެދިވަޑައިގަތުމުން އެ ސިޓީ އޭރު އަނބުރާ ނެންގެވިއަސް މި ހާލަތުގައި އެންޑީއޭގެ ސީއީއޯގެ މަގާމުގައި ހުންނަން އުޒުރުވެރިވެވަޑައިގަންނަވާތީ އިސްތިއުފާ ދެއްވީކަމަށް ވިދާޅުވި އެވެ.