މޮރިޝަސް އިން އީއީޒެޑްގެ މައްސަލަ ހުށަހެޅީ ހިލާފެއް އޮވެގެންނެއް ނޫން، އެހެން މަގްސަދެއް ހާސިލްކުރަން: އޭޖީ

ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް މައްސަލަ ހުށަހަޅައިގެން އުޅެނީ އިމުގެ މައްސަލާގައި ރާއްޖެއާ ޚިލާފެއް އުފެދިގެން ނޫން ކަމަށާއި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް ލިބިފައިވާ ހައްގުގުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އެހެން މަގްސަދެއް ހާސިލްކުރުމަށް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.


އިޓްލޮސް އަށް ޑިސެމްބަރު 18، 2019 ގައި މައްސަލަ ހުށަހެޅީ، މޮރިޝަސް އާއި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒީ) ފުށުއަރާތީ އެ މައްސަލަ ހައްލުކޮށްދޭން އެދި އެވެ. އެ މައްސަލަ ބެލުމަށް ޓްރައިބިއުނަލުން އެކުލަވައިލި ޗެމްބަރު އިއްޔެ އައްޔަންކޮށް މިއަދު އަޑުއެހުންތައް ފަށާފައި ވާއިރު ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ މިއީ ސުލްހަވެރިކަމާ އެކު މަޝްވަރާކޮށްގެން ހައްލުކުރެވެން އޮތް މައްސަލައެއް ކަމަށާއި އެކަމަކު މޮރިޝަސް އިން އިޓްލޮސް އަށް މައްސަލަ ހުށަހަޅާފައި ވަނީ ޗާގޮސް އައިލެންޑްސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސް އަށް ކަމަށް މި މައްސަލައިގެ ތެރެއިން ކަނޑައަޅަން ކަމަށެވެ.

"މޮރިޝަސް އާއި އިނގިރޭސި ވިލާތާ ދެމެދު އޮތް މައްސަލައެއް ހައްލުކުރުމަށް، މިކަން [ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ] ޓްރައިބިއުނަލް އަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ނިންމީތީ ހިތާމަކުރަން. ރާއްޖެ އަށް ވަންނަން ޖެހިފައި މި ވަނީ ރާއްޖެއިން އުފެއްދި މައްސަލައެއްގެ ތެރެއަކަށް ނޫން،" ރިފްއަތު ވިދާޅުވި އެވެ.

ބަންޑާރަ ނައިބު ވިދާޅުވީ މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލާގައި މޮރިޝަސްއާ އެކަނި މަޝްވަރާކުރެވެން ނެތް ކަމަށް ކުރިން ބުނެފައި ވާނެ ކަމަށާއި އެއީ ޗާގޮސްގެ ސިޔާދަތީ ބާރު ނުވަތަ އެ ރަށްތަކުގެ ސަރަހައްދަށް ބަސް ބުނުމުގެ ބާރު އޮތީ މޮރިޝަސް އަށް ކަމެއް ނުވަތަ އިނގިރޭސި ވިލާތަށް ކަމެއް ކަނޑައެޅިފައި ނެތުމުން ކަމަށެވެ. އެކަމަކު، ރާއްޖޭން ރާއްޖޭން މިގޮތަށް ބުނާތީ، ރާއްޖެ އަކީ އިސްތިއުމާރީ ބާރުތަކަށް ތާއީދުކުރާ ގަައުމެއް ކަމަށް މޮރިޝަސް އިން ސިފަކުރާ ކަމަށާއި އެކަމަކު އެއީ އިންސާފެއް ނޫން ކަމަށް ރިފްއަތު ވިދާޅުވި އެވެ.

ޗާގޮސް އަކީ އައްޑޫގެ ދެކުނުން އޮންނަ، އިނގިރޭސި ވިލާތުގެ ބާރުގެ ދަށުގައި އޮންނަ ހަތް އަތޮޅެއްގެ މައްޗަށް އެކުލެވޭ ރަށްތަކެކެވެ. މި ރަށްތަކުގެ މިލްކުވެރިކަމާ މެދު އިނގިރޭސި ވިލާތާއި މޮރިޝަސްއާ ދެމެދު ވަރަށް ބޮޑަށް އޮންނަނީ މައްސަލަޖެހިފަ އެވެ. އައްޑޫގެ ދެކުނުން ރާއްޖެއާ އެންމެ ގާތުގައި އޮންނަ ޑިއެގޯ ގާސިއާ (ފޯޅަވަހި) އަކީ ވެސް ޗާގޮސްގެ ރަށެކެވެ. އެއީ އިނގިރޭސި ވިލާތުން އެމެރިކާގެ އަސްކަރީ މަރުކަޒެއް ހިންގަން ކުއްޔަށް ދީފައި އޮންނަ ރަށެކެވެ.

މޮރިޝަސް އާއި އިނގިރޭސި ވިލާތާ ދެމެދު އޮތް މައްސަލައެއް ހައްލުކުރުމަށް، މިކަން [ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ] ޓްރައިބިއުނަލް އަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ނިންމީތީ ހިތާމަކުރަން. ރާއްޖެ އަށް ވަންނަން ޖެހިފައި މި ވަނީ ރާއްޖެއިން އުފެއްދި މައްސަލައެއްގެ ތެރެއަކަށް ނޫން: އޭޖީ ރިފްއަތު

އިޓްލޮސް އަށް މައްސަލަ ހުށަހެޅުމުގެ ކުރިން މައްސަލަ ހައްލުކުރުމަށް ދެ ގައުމުން މަސައްކަތްކުރުމަށް ޔޫއެންގެ ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީން ލާޒިމްކުރާ ކަމަށާއި އެކަމަކު މި އިޖުރާއާއާތު ފުރިހަމަވެފައި ނެތް ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ. އިޓްލޮސް އަށް މައްސަލަ ހުށަހެޅޭނީ ދެ ގައުމުގެ މެދުގައި އޮތް ސަަރަހައްދު ބެހުމާ ގުޅޭ ގޮތުން ދެ ގައުމުން މަޝްވަރާކޮށް އެކަމަށް ބިނާކޮށް ރަނގަޅު ނަތީޖާއެއް ނުފެނިއްޖެ ހިނދެއްގައިކަން މުއާހަދާ އިން އެނގޭ ކަމަށް ރާއްޖޭގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.

ޓްރައިބިއުނަލްގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މޮރިޝަސް އިން ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން ރާއްޖޭން ފާހަގަކުރި އިޖުރާއީ މައްސަލަތައް ހުށަހެޅުމެވެ. ރާއްޖޭން ބުނަމުންދަނީ ޓްރައިބިއުނަލް އަށް މައްސަލަ ހުށަހަޅާފައިވަނީ އިޖުރާއާއާތުތައް ފުރިހަމަނުކޮށް ކަމަށެވެ.

މިއީ ކޮން މައްސަލައެއް؟

މީގެކުރިން ރާއްޖެ އިން ގަބޫލްކުރީ، ޗާގޯޒް މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދުގައިވާ މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް 2010 ގައި "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް" ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުން މޮރިޝަސް އިން ވަނީ އެކަމަށް އިއުތިރާޒްކޮށް އެކަން އދ.ގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅައިފަ އެވެ. މޮރިޝަސް އިން އިއުތިރާޒްކޮށްފައި ވަނީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯޒްގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އާއި ރާއްޖެ އިން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަަމަށް ބުނެ އެވެ. އެއަށް ފަހު، އައްޑު އަތޮޅާއި ޗާގޯޒްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް އައުމަށް މޮރިޝަސް އިން ވަނީ ރާއްޖެ އަށް ގޮވާލައިފަ އެވެ.

އދ.ގެ އާންމު މަޖިލީހުން މެއި 23، 2019 ގައި ވަނީ ޗާގޯޒް އައިލެންޑްސް މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން އދ.ގެ އާއްމު މަޖީލީހުން ފާސްކޮށްފަ އެވެ. އެކަމަކު ރާއްޖޭން ވޯޓު ދިނީ އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި އޮތް އޮތުން ދަމަހައްޓާށެވެ. ރާއްޖޭން ބުނެފައިވަނީ މިގޮތަށް ވޯޓު ދިނީ މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ހުށަހަޅައިގެން އުޅޭ މައްސަލާގައި، ރާއްޖޭން ކަނޑުގެ ސަރަހައްދެއް ރާއްޖެ އަށް ގެއްލިދާނެތީ ކަމަށެވެ.

ރާއްޖެއާ އެކު ހަ ގައުމަކުން އެ ގަރާރާ ދެކޮޅަށް ވޯޓު ދިން އިރު، 116 ގައުމަކުން ތާއީދުކުރީ ޗާގޯޒް މޮރިޝަސްގެ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. ފަންސާސް ހަ ގައުމަކުން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ. އޭގެ ތެރޭގައި ފްރާންސާއި ޖަރުމަން ވެސް ހިމެނެ އެވެ. ގަރާރާ ދެކޮޅަށް ރާއްޖޭގެ އިތުރުން ދެން ވޯޓުދިނީ އިނގިރޭސި ވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، ހަންގޭރީ އަދި އިޒްރޭލެވެ.

އދ.ގެ އާއްމު މަޖިލީހަށް ގަރާރެއް ހުށަހަޅާފައި މިވަނީ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ޗާގޯޒް މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ލަފައެއް ނެރެފައި ވަނިކޮށެވެ. އދ.ގެ އާއްމު މަޖިލީހަށް ގަރާރެއް މި ހުށަހެޅީ، އެ ކޯޓުގެ ލަފާ ތަންފީޒުކުރަން މެމްބަރު ގައުމުތަކަށް ގޮވާލުމަށެވެ. އައިސީޖޭ އިން ނެރުނު ލަފާގައި ބުނެފައި ވަނީ، މޮރިޝަސްގެ މައްޗަށް އޮތް އިނގިރޭސި އިސްތިއުމާރީ ބާރު ނިމުމަކަށް ގެނައީ ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނޫން ކަމަށެވެ. އެހެންކަމުން މިހާރު ވެސް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ބްރިޓިޝް އިންޑިއަން އޯޝަން އައިލެންޑްސް ދޫކޮށްލުމަށް އައިސީޖޭ އިން ލަފާ ދީފައިވެ އެވެ.

ޗާގޯސް އައިލެންޑްސް މޮރިޝަސް އަތުން އިނގިރޭސިން ވަނީ 1965 ވަނަ އަހަރު ތިން މިލިއަން ޕައުންޑަށް ގަނެފަ އެވެ. އެމެރިކާއާ އެކު ޗާގޯޒްގެ ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ގާއިމްކުރުމަށް އިނގިރޭސިން ވަނީ 1967 އާއި 1973 އާ ދެމެދު އެ ރަށްތަކުން މީހުން ހުސްކޮށްފަ އެވެ. ޑިއެގޯ ގާސިއާ އެމެރިކާ އަށް ދޫކޮށްފައިވާ މުއްދަތު 2016 ގައި ވަނީ 2036 ވަނަ އަހަރާ ހަމައަށް އިތުރުކޮށްފަ އެވެ.