ނިއުޒިލެންޑް ޕާލަމެންޓްގެ ގޮނޑިއެއް ދިވެއްސަކު ކާމިޔާބުކުރައްވައިފި

ނިއުޒިލެންޑްގެ ބޮޑުވަޒީރު ތަމްސީލުކުރައްވާ ލޭބާ ޕާޓީގެ ފަރާތުން އެ ގައުމުގެ ޕާލަމެންޓަށް ވާދަކުރައްވައި ދިވެހި އަންހެން ބޭފުޅަކު ގޮނޑިއެއް ކާމިޔާބުކުރައްވައިފި އެވެ.


ނިއުޒިލެންޑްގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެވަޑައިގެންފައި ވަނީ ޑރ. އައިޝާ ވެރާލް އެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ފުރަތަމަ ފަހަރު އޭނާ ކާމިޔާބުކުރެއްވީ ވެލިންޓަން ދާއިރާގެ ގޮނޑި އެވެ.

ޑރ. އައިޝާ ވެރާލް އަކީ ދިވެހި މަންމައަކާއި ނިއުޒިލެންޑް ބައްޕަ އަކަށް އުފަން ބޭފުޅެކެވެ. އަދި ދެ ގައުމުގެ ޑުއަލް ސިޓިޒަން އެކެވެ. ނިއުޒިލެންޑަށް އުފަން އަދި އެ ގައުމުގައި ދިރިއުޅުން ހޭދަކުރައްވަމުން ގެންދަވާ ޑރ. އައިޝާގެ އަތްޕުޅުގައި ދެ ގައުމުގެ ޕާސްޕޯޓު ވެސް އޮވެއެވެ.

އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެބެންގެ ދެދަރި ބޭފުޅެއް ވެސް މެއެވެ.

ޑރ. އައިޝާ ވެރާލް: އޭނާ އަކީ ދިވެހި މަންމައަކާއި ނިއުޒިލެންޑް ބައްޕައަކަށް އުފަން ބޭފުޅެއް

ސިންގަޕޫރާއި އިންޑޮނޭޝިއާއިން ސިއްހީ ދާއިރާއިން ތައުލީމް ހާސިލްކުރައްވައި ޑރ. އައިޝާ މިހާރު މަސައްކަތް ކުރައްވަނީ ނިއުޒިލެންޑުގައި އިންފެކްޝަސް ޑިޒީސް ޑޮކްޓަރެއްގެ ގޮތުގަ އެވެ. އޭނާ އަކީ ވެކްސިން، ޓީބީ އަދި ކޮވިޑް-19އަށް ވެސް ހާއްސަ ޑޮކްޓަރެކެވެ. މީގެ އިތުރަށް އޭނާ ގެންދަވަނީ އޮޓާގޯ ޔުނިވާސިޓީގައި ލެކްޗަރާ ކަން ވެސް ކުރައްވަމުންނެވެ.

އަންހެން ދަރިކަނބަލުންނާ އެކު އޭނާ ދިރިއުޅުއްވަނީ ވެސް ވެލިންޓަންގަ އެވެ.