ރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) ނޫސްވެރިންނަށް މައުލޫމާތު ދެނީ--ފޮޓޯ:ނިޝާން އަލީ/ މިހާރު
20 އޮކްޓޯބަރ 2020 - 16:43
ގްރޭޓާ މާލެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ)ގެ ގަޔަށް ވަޅި ހެރި ކަމަށް ފެތުރުނު އަޑާ އެކު، އޭނާއަށް ހަވާލާދީ ފުލުހުން ބުނި ވާހަކައިން، މައްސަލައިގެ ސީރިއަސްކަން ގެއްލި ބައެއް މީހުންނަށް އެކަން ވީ ޖޯކަކަށެވެ.
އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު އިބޫ މިއަދު ވަނީ ދޫކޮށްލައިފަ އެވެ. އޭނާއަށް މާ ބޮޑު އަނިޔާއެއް ލިބިވަޑައެއް ނުގަންނަވަ އެވެ. އެކަމަކު މީހަކު ވަޅިއެއް ހެރުމުގެ ބަދަލުގައި އެ ޒަހަމެއް ލިބިވަޑައިގަތީ، ސައިކަލްގައި އިންނެވި އަނބިކަނބަލުންގެ އަތް ދަބަހުގައި އޮތް ކަޓަރު، ކޮންމެވެސް ގޮތަކުން ހެރިގެން ކަމަށް، ފުލުހުންނަށް އޭނާ މައުލޫމާތު ދެއްވުމުން، އެ ވާހަކަ ގަބޫލުކުރަން އާންމުންނަށް ވަރަށް ދަތިވި އެވެ.
"މި ގަރުނުގެ ވެސް އެންމެ ގަބޫލުނުކުރެވޭ ވާހަކަ ތީ. ތިކަން ތި ގޮތަށް ހިނގި ކަމަށް ގަބޫލުކުރާނީ މޮޔައިން،" މިއީ "މިހާރު"ގެ ކިއުންތެރިޔަކު ކުރި ކޮމެންޓެކެވެ.
ފަރުވާ ދޭން އޭނާ އޭޑީކޭއަށް ވައްދަނީ ސްޓްރެޗާއަކަށް ލައިގެންނެވެ. އޭނާއަށް އަނިޔާވެފައި ހުރީ ކޮނޑާ ދިމާލުން ކަމަށް އަޑުއަރާފައިވެ އެވެ. އެއީ ސައިކަލް ފަހަތުގައި އިންނެވި އަނބަކަނބަލުންގެ ދަބަސް ކޮން ގޮތަކުން އެހާ ހިސާބަށް ގޮސްގެންކަމާ މެދު ސުވާލު އުފެދެ އެވެ.
އިބޫއާ ބެހޭ ގޮތުން ފުރަތަމަ ހަބަރު ފެތުރުނީ "ވަޅި ޖެހީ" ކަމަށެވެ. ފުލުހުން ކައިރީ އޭނާ ވިދާޅުވި އެއްޗެއް ފުލުހުން މީޑިއާއަށް ހާމަކުރީ އަނެއް ދުވަހު އެވެ. އެކަމަކު ފުލުހުން އަދި އެ ވާހަކަ ގަބޫލުކުރީކީ ނޫނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.
އިބޫގެ ހަބަރުން "މިހާރު"ގެ ކިއުންތެރިންގެ މެދުގައި އުފެދުނީ ވަރަށް ބޮޑު ޝައުގުވެރިކަމެކެވެ. އެކި މީހުންގެ ހިޔާލަށް އަންނަ އެއްޗެއް، އެއް ބަޔަކު މަޖަލަކަށް ހަދާފައި، އަނެއް ބަޔަކު ސީރިއަސްކަމާ އެކު ފާޅުކުރި އެވެ.
"އެއްވެސް ބާރަކާ ނުލާ ކަޓަރެއް އިންސާނެއްގެ ހަަށިގަނޑަށް ވަންނާނެބާ...!! މަތިން ވެއްޓޭ ވަޅިއެއްގެ ބަރުދަނަށް ބަލާފައި އިންސާނެއްގެ ގަޔަށް ވަދެދާނެ. އެ ކަޓަރު ދަބަސް ފޫ އަޅުވާލާފައި ގަޔަށް ވަންނަން ހާދަ ވަގުތެއް ނަގާނެޔޭ،" ސަތޭކައަށް ވުރެ ގިނަ މީހުން ލައިކްކޮށްފައިވާ ކޮމެންޓެއްގައި ލިއުނެވެ.
"އިހްސާސެއް ވެސް ނުވިތޯ އެއްޗެއް ހަަށިގަނޑަށް ވަންނަ ކަމެއް ވެސް؟ އެހާ ދިގުކޮށް ތިލަ ދަމާފައިތޯ ދަބަަހަށް ލެއްވީ؟ ދަބަސް ފޫ އެޅިޔަސް ކަޓަރު ދަބަހުން ބޭރަށް ނުނިކުންނަންޏާ ކީއްވެތޯ އެހާ ފުންކޮށް ޒަހަމް ވީ؟ އަދިވެސް އެބަހުރި އުފެދޭ ބައިވަރު ސުވާލު."
އެހެން ކިއުންތެރިޔަކު ލަފާދިނީ "ތަހުގީގު ނިމެންދެން ތި ކަޓަރު ބަންދުކުރުމަށެ"ވެ.
"ތި ކަޓަރަކީ ސައިންޓިފިކް ރިސާޗުތަކުގައި ބޭނުންކުރަން ވަރަށް މުހިންމު އެއްޗެެއް. ތި ކަޓަރަށް ރައްކާތެރިކަން ދޭތި،" އެ ކިއުންތެރިޔާ ލިއުނެވެ.
މިހާތަނަށް 114 ކިއުންތެރިޔަކު ލައިކްކޮށްފައިވާ އޮތް ކޮމެންޓެއްގައި، މަޖަލެއްގެ ގޮތުގައި، ސުވާލު އުފެއްދީ "ލިޕިސްޓިކް ލާން ގެންގުޅޭ ދަބަހަށް"، ގޭ ބަދިގޭގައި ހުންނަ ވަޅި އާއި ކަޓަރު ފަދަ ތޫނު އެއްޗެހި ރައްކާކުރަން ޖެހުމުގެ ފަހަތުގައި އޮތް ކަމަކާ ބެހޭ ގޮތުންނެވެ.
ބައެއް ކިއުންތެރިންގެ ހިޔާލު އެނބުރުނީ ގެވެށި އަނިޔާގެ މައުލޫއުގަ އެވެ. ރާއްޖޭގައި ގެވެށި އަނިޔާ ލިބެނީ އަންހެނުންނާއި ކުޑަކުދިންނަށެވެ. އެކަމަކު އިބޫގެ ހަބަރާ އެކު އެއީ ގެވެށި އަނިޔާއަކަށް ވެދާނެ ކަމަށް ވެސް، ބައެއް ކިއުންތެރިން ހިޔާލު ފާޅުކުރި އެވެ.
"މިއީ ގެވެށި އަނިޔާ. ފިރިހެެނުން ވެސް މީގައި ވިކްޓިމް ވުމަކީ އެކަށީގެންވާ ކަމެއް. އަހަރެން ވެސް އަހަރެންގެ އަންހެނުން ދެކެ ވަރަށް ބިރުގަނޭ. ކިރިޔާ ވެސް ކަތިކޮށް އެއްޗެއް ބުނެވިއްޖެއްޔާ އެދިޔައީ މަގޭ ޒަމާން،" ކިއުންތެރިޔަކު ލިއުނެވެ. މި ކޮމެންޓަށް 80 އަށް ވުރެ ގިނަ ކިއުންތެރިން ލައިކްކުރި އެވެ.
އެކަމަކު އަނެއްކޮޅުން އިބޫގެ ވާހަކަ ގަބޫލުނުކޮށް، އެއީ އޭނާގެ އަނބިކަނބަލުންގެ ބޮލުގައި އަޅުވާ އިލްޒާމެއްގެ ގޮތުގައި ނެގި މީހުން ވެސް ތިއްބެވެ. އެގޮތުން ކިއުންތެރިޔަކު ލިއުނީ "އަނބިމީހާ އަށް ތިވަރުގެ ބޮޑު އިލްޒާމެއް އަޅުވާކަށް ނުވާނެދޯ" އެވެ. އޭނާގެ ކޮމެންޓް ފުރިހަމަކުރީ "ބުނާނެ އެއްޗެއް ނޭނގުނު. މި މީހުން ހީކުރަނީ ދެން ތިބެނީ މޮޔައިން ކަމައްތަ؟"އޭ ސުވާލުކޮށްފަ އެވެ.
މިފަދަ ކަންކަން މަޖަލަކަށް ނުނަގައި، ސީރިއަސްކޮށް ތަހުގީގުކުރަން ބާރު އަޅާ ކޮމެންޓްތައް ވެސް ހުއްޓެވެ. އެގޮތުން އެއް ކިއުންތެރިޔަކު ބުނި ގޮތުގައި "ފަތުރާ، އާންމުކުރަން ތިޔަ އުޅުއްވަނީ ވަރަށް ނުރައްކާތެރި އެހާމެ ބިރުވެރި ކަމެކެ"ވެ. ދެން އޭނާ ފުލުހުންނާއި ޕްރޮސިކިއުޓަ ޖެނެރަލްއަށް ގޮވާލީ "މި ވާހަކަ ތިހާ ފަސޭހައިން ޤަބޫލުކޮށް މިކަން ނުބައި މަގަކަށް ހުޅުވިގެން ދާ ދޮރެއްގެ ގޮތުގައި ހަދަން ފުރުސަތު ދީގެން ނުވާނެ" ކަމަށެވެ.
"ކަން ހިނގާފައިވާ ގޮތުންނާއި ފުލުހުން ދެއްވާފައިވާ މައުލޫމާތުގެ ބަސްމަގު ހުރި ގޮތާއި ބަރުދަނަށް ބުރަވެ އެއްޗެއް ބުނާ ނަމަ 'ދައްކަނީ ކަނޑައެޅިގެން ޙަޤީގަތާ ހިލާފު ވާހަކައެއް' ކަމަށް ބުނާނެ ޖާގަ އެބަ އޮތް،" އެ ކިއުންތެރިޔާ ލިއުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކީކޭބުނާނީ
21 October 2020
ދިވެހިންނަކީ ތަންދޮރު އޮޅުންފިލާ، މީހުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް ނޫން. ދިވެހިން ކުރިމަތީގައި އަގުވެއްޓޭނީ މިކަހަލަ ވާހަކަ ދައްކާ މީހުން. މިވާހަކައާއި ބަލަންހުއްޓާ ޖެހި ފާހަނގަ ތިރިއަށް ފައިބައިގެން ދިޔައޭ ބުނެ ދެއްކި ވާހަކައާއި މާބޮޑު ތަފާތެއް ނެތް.
ރަދީފްއޮފިޝިއަލް
21 October 2020
ކޮހެއް ދޯ.
ހަކީމް
21 October 2020
މިނާގެ އިންނާނެ ދެއަނގަ. ފުއްކިބައިގެ އިސްތަށިގަނޑު ހިއްލާލީމަ ފެންނާނެ އިތުރު އަނގައެއް.
ލާމަސީލު
21 October 2020
ބްލެކްމެއިލް ކުރުމަކާ ވަރައް ވައްތަރު. އަހަރެން ހައްޕު.
އަފްޣާނިސްތާނުގެހާމިދުކަރުޒާއީ
20 October 2020
ދެކޮނޑުދޭތެރޭ ބޮލެއްހުރީތީވެ މަގާމު ދީފާހުރިމީހަކާ ވައްތަރީ.
ޕުރޮފިސަރ ޓިން
20 October 2020
އިބޫ އަށް ކުރާ އަނިޔާ ހުއްޓާލާ
ނަޖުމުއްދީން
20 October 2020
ހެހެހެ. ސަޅި ކޮމެންޓެއް.
ފަޅޯ
20 October 2020
މޮޔައިން ދައްކާ ވާހަކަ ނުވާނެ ގަބޫލު ކުރާކަށް.
އަލީމްބެ
20 October 2020
ދިވެހިންގެ މައްސަލައަކީ މާބޮޑަށް އެނގުން. އިބޫ ކޮނޑަށް އެރި އެތިފަހަރެއްގެ ވާހަކަ އިބޫ ދައްކަންދެކަން މަޑުން ނުތިބެ ހިތައްއައިހާ އެއްޗެއް ކިޔެނީ އެއްވެސް މަސައްކަތެއް ނުކޮށް ހުސްއަތާ ސޯސަލް މީޑިޔާގައި ތިމާވަރެއްނެތްކަމަށް ހެދިގެން އުޅޭމީހުން ގިނަވުން.
ފަޅޯ
20 October 2020
އެހެން ވީމަ މި ބުނަނީ ފާޑު ފާޑު ގެ ހަބަރުތައް ނުކިޔާ ތަންމަތީގައި އޮންނާށޭ!
ފަހުދު
20 October 2020
ރަންނަމާރި ވާހަކަ ގަބޫލުކުރަން އެކަމު މިވާހަކަ ގަބޫލެއް ނުކުރެވޭ
ށަސި
20 October 2020
ސަރުކާރަކީ އަދި ސަރުކާރުގެ އިސް މަގާމު ތަކުގައިވެސް ތިބީ ޖޯކަރުން، އެމީހުނަށް ޔަގީން ވީއްޔާ މީހުން ގަބޫލު ނުކުރާނެކަން
ސަށި
21 October 2020
ކަލޯގެޔާ އެއީ ކުރީގެ މީހެއް. ވާނުވާ ހޯދައިގެން ވާހަކަ ދައްކަބަލަ.