އަންހެން ޓެކްސީ ޑްރައިވަރުގެ ކާރަށް އަނެއްކާ ވެސް ގެއްލުންދީފި

މާލޭގައި ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (އައިންތު)ގެ ކާރަށް ރޭ އަނެއްކާ ވެސް ގެއްލުން ދީފި އެވެ. މީގެ ކުރިން ވެސް އެތައް ފަހަރަކު އޭނާގެ ޓެކްސީ އަށް ވަނީ ގެއްލުންތައް ދީފަ އެވެ.


"މިހާރު" އާ ވާހަކަދައްކަމުން އައިންތު ބުނީ ރޭ އޭނާގެ ކާރު ޕާކު ކޮށްފައި އޮތީ ދިރިއުޅޭ ގެ ކައިރީ ޑްރަގް ކޯޓު ކުރިމަތީގައި ކަމަށެވެ. އޭނާ ބުނީ ރޭ 8:30ގައި ކާރު ޕާކުކުރުމަށް ފަހު ދެން ކާރަށް އަރަން ދިޔައީ މިއަދު ހެނދުނު ހައެއް ޖެހިއިރު ކަމަށެވެ.

އައިންތު ބުނޮގޮތުގައި އޭނާގެ ކާރުގެ ބިއްލޫރިތައް ތަޅާލައި ކަވަރަށް ވެސް އެކި ވަރުގެ ގެއްލުން ދީފައި ވެއެވެ.

"ޑްރަގް ކޯޓު ބަލަހައްޓަން އިން ބިދޭސީ ގާޑުމިހާ ބުނީ ރޭ ދަންވަރު އެކެއް ޖެހިފަހުން ބަޔަކު އައިސް ކާރުގެ ބިއްލޫރިތައް ތަޅާލިއޭ. އޭނާ ފުލުހުންނަށް ވެސް އެންގި ކަމަށް ބުނީ،" އައިންތު ބުންޏެވެ.

"ދެން އަޅުގަނޑު މި އައީ ފުލުހުން ބުނެގެން ގޮސް ބަޔާން ދީފައި. ބުނި ފޮރެންސިކް އަށް ބޭނުންވާ ކަންކަން ބަލައި ތަހުގީގުކުރަނީ އޭ މިހާރު."

އޭނާ ބުނީ މިއީ ސިލްސިލާކޮށް ބަޔަކު ގަސްދުގައި ދޭ ގެއްލުމެއް ކަމަށާއި 2018 ވަނަ އަހަރުން ފެށިގެން މިހެން ގެއްލުންދޭތާ މިއީ ފަސް ފަހަރު ކަމަށެވެ. އެ މައްސަލަ ބޮޑުވެގެން ޓެކްސީ ވެސް ބަދަލުކޮށްފައިވާ ކަމަށާއި ފުލުހުންގެ ފަރާތުން މައްސަލަތަކަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އޭނާ ބުނި ގޮތުގައި މިފަހަރު ކާރު ޕާކުކޮށްފައި އޮތް ސަރަހައްދުގައި ސީސީޓީވީ ހުރުމުން އެއީ ކޮން ބައެއްކަން ހޯދުމުގައި އޮތް އުއްމީދެކެވެ.

"މީހުން މިހާރު ޖެހިލުންވޭ އެ މީހުންގެ ކާރު ދުއްވަން އަޅުގަނޑުގެ އަތަށް ދޭން ވެސް. އަޅުގަނޑަކީ އެކަނިވެރި މައެއް. ދަރިންނަށް ކާންބޯންދޭން ކުރާ މަސައްކަތް މިއީ. މިވަރުވާ އިރު ފުލުހުން ބުނަނީ އެކަށީގެންވާ ހެއްކެއް ނުލިބެއޭ،" އައިންތު ބުންޏެވެ.

"ކޮންމެ ފަހަރަކު މިވަރުގެ ގެއްލުން ދިނީމަ މަސައްކަތް ހުއްޓިފައި މި ހުންނަން ޖެހެނީ. މިއަދު ދަރިން ސްކޫލަށް ވެސް ނުގެންދެވުނު. ކުލި ދައްކަން ވެސް އުޒުރުވެރިވެފައި ހުއްޓާ އަނެއްކާ މިކަން މިއައީ."

މިކަމުގައި ޝައްކުވާ ބަޔަކު ތިބި ކަމަށް އޭނާ ބުންޏެވެ. އޭގެ ތެރޭގައި އޭނާގެ ކުރީގެ ފިރިމީހާ ހިމެނެ އެވެ. މިދިޔަ އަހަރު ވެސް ކާރު ދުއްވާފައި ދަނިކޮށް ހިފަހައްޓައި އޭނާގެ ކާރަށް ގެއްލުން ދިނީ ކުރީގެ ފިރިމީހާ އެވެ.

އައިންތު ބުނިގޮތުގައި ޓެކްސީ ކުރުމުގައި އުޅޭ އިރު އޭނާއާ ދިމާކޮށް ގުޅައި އިންޒާރު ދޭ ދެ ޑްރައިވަރަކު ވެސް އުޅެ އެވެ. އެ ދެ މީހުންގެ މައްސަލަ ވެސް ކަމާމބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށާއި މިކަމުގައި އެ މީހުންނަށް ވެސް ޝައްކުކުރެވޭ ކަމަށް ބުންޏެވެ.

އައިންތު އަކީ މާލޭގެ ޓެކްސީ ސެންޓަރަކާ ގުޅިގެން ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރެވެ. އޭނާ ޓެކްސީ ކުރަން ފެށީ 2017 ވަނަ އަހަރެވެ.