ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު
02 ޖޫން 2016 - 18:54
ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ނުބައި އަމުރެއް ނެރުމުގެ މައްސަލާގައި ކުރިއަށް ދާ ޝަރީއަތުގައި، އެ އަމުރު ނެރުމުގެ އަޑީގައި ހުންނެވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ކަމަށް ބުނެ މީހަކު މިއަދު ހެކިބަސް ދީފި އެވެ.
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އާއި އަމުރު ތައްޔާރުކުރެއްވި މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ ޝަރީއަތުގެ އަޑުއެހުމުގައި، ކާކުކަން ސިއްރުކޮށް ހެކިބަސް ދިން މީހަކު ބުނީ ފެބްރުއަރީ 6 ވަނަ ދުވަހު ޖަމީލް އޭނާ އަށް ގުޅުއްވާ މުހުތާޒާ ބައްދަލުކުރަން އެދިވަޑައިގެންނެވި ކަމަށެވެ. އަދި އެއީ ރައީސް ޔަމީން ހައްޔަރުކުރުމުގެ އަމުރެއް ނެރުމުގެ މަސައްކަތެއްގައި ކަމަށް ޖަމީލް ވިދާޅުވި ކަމަށް ވެސް އޭނާ ހެކިބަސް ދިނެވެ.
ޖަމީލްގެ އިތުރުން އެކަމުގައި އެމްޑީޕީގެ އިސް މެމްބަރެއް ކަމަށްވާ އަކުރަމް ކަމާލުއްދީން ވެސް ބައިވެރިވާ ކަމަށް އޭނާ ބުންޏެވެ.
ސިއްރުކޮށްގެން ހަކިބަސް ދިން ނަމަވެސް އެއީ ފުލުހެއްކަން އެނގެ އެވެ. އަދި އަމުރު ނެރުމުގެ ކަންކަން ކުރިއަށް ދިޔަ ގޮތް ފުލުހުންނަށް އޭނާ އަންގަމުން ދިޔަ ކަމަށް ވެސް ކޯޓުގައި ބުންޏެވެ.
ހެކިވެރިޔާ ބުނީ އަމުރު ނެރެނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީން ހައްޔަރުކުރަން ކަމަށާއި އެގޮތަށް އަމުރު ނެރެނީ ސަރުކާރު ވައްޓާލުމުގެ ގޮތުން ކަމަށް ޖަމީލް ވިދާޅުވި ކަމަށެވެ.
މެލޭޝިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ރައީސް ޔާމީން މިއަދު މާލެ ވަޑައިގެން ހުޅުލޭ އެއާޕޯޓުގައި ޓޫރިޒަމް މިނިސްޓަރު ޒަމީރާ އެކު ވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އޭނާ ބުނި ގޮތުގައި އެ ދުވަހުގެ ރޭ މުހުތާޒާ އެކު އޭނާ އާއި އިތުރު ދެ މީހަކު ލޯންޗެއްގައި ނައްޓާލި އެވެ. އެ މީހުން ދަނީ މާމިގިއްޔަަށް ކަމަށް މުހުތާޒު ވިދާޅުވީ ލޯންޗު ނައްޓާލި ފަހުން ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ހިނގަމުން ދިޔަ ހުރިހާ ކަމެއް، އޭނާއާ އެކު ދަތުރުކުރި އަނެއް ދެ މީހުން ވެސް މި ޝަރީއަތުގައި ހެކިބަސް ދިނެވެ. އެކަމަކު އަމުރު ނެރުމުގެ އަޑީގައި ޖަމީލް ހުންނެވި ކަމަކަށް އެއިން މީހަކު ނުބުނެ އެވެ.
ދެ މީހުން ބުނި ގޮތުގައި މާމިގިއްޔަށް މުހުތާޒު ވަޑައިގެން ނިހާނާ އެކު ކޯޓުގައި ގިނަ އިރުތަކެއް ވަންދެން ލެޕްޓޮޕެއް ހިފައިގެން ތިއްބެވި އެވެ. އެއް ހެކިވެރިޔަކު ބުނި ގޮތުގައި މުހުތާޒާއި ނިހާން ކޯޓު ތެރޭގައި ތިއްބެވި ތަނުގެ ފޮޓޯއެއް އޭނާގެ ފޯނުން ނެގި އެވެ.
މިރޭގެ ޝަރީއަތުގައި އިތުރު ހެކިވެރިންތަކެއްގެ ބަސް ނަގަން ވަނީ ނިންމައިފަ އެވެ.
ކުރީގެ ޕީޖީ މުހުތާޒް: ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރެން އުޅުއްވި ކަމުގެ ތުހުމަތުގައި އޭނާ ވަނީ ހައްޔަރުކޮށްފައި.---ފައިލް ފޮޓޯ: ރައީސް އޮފީސް
ޓެރަރިޒަމްގެ ދައުވާގެ އިތުރުން މުހުތާޒުގެ މައްޗަށް ތިން ދައުވާ އަދި ނިހާންގެ މައްޗަށް ދެ ދައުވާ އުފުލާފައިވެ އެވެ. އެ ހުރިހާ ދައުވާއެއް ވެސް ކުރިއަށް ގެންދަނީ އެއް ޝަރީއަތެއްގަ އެވެ.
ޝަރީއަތުގައި ޖަމީލްގެ ވާހަކަ މި އައީ އިއްޔެ ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ލަންޑަންގައި ޔުނައިޓެޑް އޮޕޮޒިޝަންގެ ނަމުގައި އިއްތިހާދެއް އުފައްދާފައި ވަނިކޮށެވެ. އެ އިއްތިހާދުގެ ލީޑަރަކީ ވެސް ޖަމީލެވެ.
ޖަމީލްގެ އިތުރުން އަކުރަމް ވެސް މި ވަގުތު ދިރިއުޅުއްވަނީ ލަންޑަންގަ އެވެ.
ޔުނައިޓެޑް އޮފޮޒިޝަނުން ކުރަން ނިންމި ކަންކަމުގެ ތެރޭގައި ގާނޫނީ ހަމަތަކުގެ މަތިން ރައީސްގެ މަގާމުން ރައީސް ޔާމީން ވަކިކުރުމާއި 2018 ގެ ކުރިން ރިޔާސީ އިންތިހާބެއް ބޭއްވުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހިމް
03 June 2016
ކުށެއްގެ ތުހުމަތުކުރެވޭ މީހާއަކީ ތަހުގީގަށް ނުފޫޒު ފޯރުވޭފަދަ މީހަކު ކަމުގައިވާނަމަ ހައްޔަރުކޮށްގެން ތަހުގީގު ކުރަންޖެހޭ. އަދި އެފަދަ ކަމެއްގައި ބައިވެރިވުން މައްސަލައަކަށް ވާގޮތެއް ނޭނގޭ.
މީހާ
03 June 2016
ކުށަކާއިމެދު ޝައްކުވާތީ ރައީސް ހައްޔަރު ކުރަން އަމުރު ނެރުން އެއީ ގޯހަކަށް ނުވާނެ. ހިޔާނުތުކުށުގައި ކަމަށްވީތީ ޣާޒީ ދޫކޮށްލައި ރައީސްމީހާގެ މައްސަަލަބަލަންޖެހޭނެ
ވޮޗްޑޯގް
03 June 2016
ސައިބޯނި ބޮއްކެ ދެކެވެސް މި ސަރުކާރު ޖެހިލުންވާކަން މި ހާމަ ވަނީ. ތިމާމެންނަށް ސަޕޯޓެއް ނެތީމައި ދެން އަމަލުކުރަން ޖެހޭނީ މިކަހަލަ ގޮތަކަށް.
ފަލަކު
03 June 2016
ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ހިންގޭ ޝަރީޢަތުގެ މަޖިލީހުގައި ސިފައިންގެ މީހަކު ސިއްރުން ހެކިބަސް ދީފިއެވެ. "ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" އައިއީޑީއެއް ގޮއްވާލި މައްސަލާގައި މިހާރު ކުރިއަށް ގެންދާ ޝަރީއަތުގެ މަޖިލިހުގައި، ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ދިން ސިފައިންގެ މީހާ ބުނީ، އެ ލޯންޗްކޮޅުގައި ގޮއްވި ފަހުން އަދީބު އޭނާ އަށް ގުޅުއްވި ކަމަށެވެ. އަދި އެއީ އަދީބު ވިދާޅުވެގެން ތައްޔާރުކޮށްދިން ގޮވާ އެއްޗެއް ކަމަށާއި ބަލައިގެން އުޅުމަށް އަދީބު އެދިވަޑައިގެންނެވި ކަމަށް ސިފައިންގެ މީހާ ބުންޏެވެ." މި އީވެސް ނައިބުރައީސަކާ ބެހޭ ގޮތުން އޮތް ޚަބަރެކެވެ. ދެން އޮތީ ރައްޔިތުން އިންތިޚާބު ކުރި ނައިބުރައީސާ ބެހޭގޮތުން ފުލުހަކު ސިއްރުން ދިން ބަޔާނެއްގެ ވާހަކައެވެ. އޭނާ ހެކިބަސް ދެމުން ބުންޏެވެ. " ފެބްރުއަރީ 6 ވަނަ ދުވަހު ޖަމީލް އޭނާ އަށް ގުޅުއްވާ މުހުތާޒާ ބައްދަލުކުރަން އެދިވަޑައިގެންނެވި ކަމަށެވެ. އަދި އެއީ ރައީސް ޔަމީން ހައްޔަރުކުރުމުގެ އަމުރެއް ނެރުމުގެ މަސައްކަތެއްގައި ކަމަށް ޖަމީލް ވިދާޅުވި ކަމަށް ވެސް އޭނާ ހެކިބަސް ދިނެވެ. ޖަމީލްގެ އިތުރުން އެކަމުގައި އެމްޑީޕީގެ އިސް މެމްބަރެއް ކަމަށްވާ އަކުރަމް ކަމާލުއްދީން ވެސް ބައިވެރިވާ ކަމަށް އޭނާ ބުންޏެވެ." ޖަމީލު ހާދަ ދެރަވަރޭ މިޚަބަރުތައް ކިޔާފައި ހިތަށް އެރިއެވެ. އެއް ނާއިބް ރައީސަކާ ދެކޮޅަށް ދައުލަތުގެ މުސާރަނައިގެން އުޅޭ ސިފައިންގެ މީހަކު ސިއްރުން ހެކި ދިންއިރު އަނެއް ނާއިބް ރައީސަކާ ދެކޮޅަށް ދައުލަތުގެ މުސާރަނަގައިގެން އުޅޭ ފުލުހަކު ހެކި ދިނުމުން މަށަށް ހަމަ ހެވެނީ. މިދެބައިމީހުން ނޫނީ ސިއްރުންވެސް ހެކިދޭނޭ މީހަކު ނުވީއޭ ހިތަށް އަރާ ހަމަ ހެވެނީ.
މައްނާން
03 June 2016
ގޮތޮ ހުސްވާމިހުނަށް ވެރިމަކެއް ނުކުރެވޭނެ.އެކަންވަނީ ދިވެހިން ދެކެފަ. މިހާރު ހުރީ ގޮތް ހުސް ވާ ވެރިޔެއްނުން.
މުހައްމަދުރ
02 June 2016
ހުރިހާ ދިވެހިރަށްޔިތުންނަށްވެސް އިނގޭ ތީ މިހާރު ތީ ޖަމީލް އާއި ދޭތެރޭ ކިޔާނެ އެއްޗެއް އަދި ބުނާނެ އެއްޗެއް ނެތިގެން ދައްކާ ވާހަކަތަކެއް ޖަމީލަކީ އެއަށްވުރެ ތައުލީމީ އަދި މާ ސްމާޓް ބޭފުޅެއް. މިހާރު ތިޔަ ގޮތް ހުސްވަނީ
އަލީ
02 June 2016
ކިތަންމެ ވަރަކަށް ސަރުކާރު ވައްޓާލަން އުޅުނަސް އިދިކޮޅު ގުރޫޕަކަށް އެކަމެއް ނުވާނެ. މިނޫހުގެ ކުދިންވެސް ޖެހޭނީ ހަމަ ތިބެލަން
މޯޑު
04 June 2016
ހުވާތަ؟
ސަކީނާ
02 June 2016
އިދިކޮޅު ލީޑަރަށްވާއިރަށް ޖަމީލު ޖަލަށްލާނެ މަގެއް ހޯދާލީދޯ... ޔާމީނު އެކަނި ކުޅެން ބޭނުންވަނީ... ދެން ތިބި މީހުން ޖަލަށް.
ޢަބްދުﷲ
02 June 2016
ހަނދާންވަނީ އެ ޕެންޑްރައިވްގެ ވާހަކައެވެ. މިއަދު އަޑުއިވުނު ހެކިބަސްތަކުން އެޕެން ޑްރައިވްގެ ހަނދާން އާ ވެއްޖެއެވެ. ޙަޤީޤަތް އެންމެ މޮޅަށް ދެނެވޮޑީގެންވާނީ މާތްﷲ އެވެ.
ވަފާތެރި ހެކިވެރިޔާ
02 June 2016
ދެން އެބައިމީހުން އިންތިހާބުން ވައްކަން ކޮއްގެން ތިމަންނާއީ ގައުމުގެ ވެރިމީހާކަމަށް ބުނެއެވެ.. އޭނާއަށް ވަފާތެރި މީހުން އޭނާ ކުރާ ހުރިހާ ނުބައި ޖަރީމާތައް ދިފާއުކޮށް - އޭނާގެ ވައްކަމުގައި ފުރިމަހަޔަށް ބައިވެރިވެއެވެ.. އަދި ނުވިތަނަކަށް އޭނާގެ ހަތުރުންނާއި ދެކޮޅަށް ވަފާތެރި ހެކިބަސް ދެމުން ދެއެވެ...