14 ފެބުރުއަރީ 2021 - 15:33
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މަނީ ލޯންޑަރިންގެ ދައުވާ އިން ސަލާމަތްވާނެ ލިޔުންތައް ދައުލަތުން ނުދީ ހިފަހައްޓާފައިވާ ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ޔާމީންގެ ވަކީލުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ އިންސާފުވެރި ޝަރީއަތެއް ޔާމީނަށް ނުލިބޭނެކަމަށް ގަބޫލުކުރެވޭ އެއް ކަމަކީ ދައުލަތުން ކޮށްފައިވާ ދައުވާތަކުން ބަރީއަވުމަށްޓަކައި ބޭނުންވާ ލިޔުންތައް ދައުލަތުން ނުދޭ މައްސަލަ ކަމަށެވެ. އެ ނުކުތާ މީގެ ކުރިން ޝަރީއަތުގައި ވެސް ފާހަގަކުރައްވާފައިވާ ކަމަށާއި ނަމަވެސް އެ ލިޔުންތައް އަދިވެސް ނުދީ ހިފަހައްޓާފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
"ޖިނާއީ އިޖުރާތުގެ ގާނޫނުގެ 129 ވަނަ މާއްދާ އާއި 135 ވަނަ މާއްދާގައި ކަނޑައެޅިގެން މުތުލަގުކޮށް ބަޔާންކޮށްފައިވޭ ދިފާއުއަށް ފައިދާއަކަށް ވެދާނެ ކޮންމެ ލިޔެކިޔުމަކީ އެއީ ދިފާއުއަށް ދޭންޖެހޭ ލިޔެކިޔުމެއް،" ޖަމީލު ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވި ގޮތުގައި ދައުލަތުން ހިފަހައްޓާފައިވާ ލިޔެކިޔުންތަކުގައި، ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދާ ފުއްގިރި މައްސަލާގައި މުޅި ތުހުމަތުން ބަރީއަވާނެކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް އެބަހުއްޓެވެ. ނަމަވެސް އެ ލިޔުންތައް ނުލިބޭތީ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި އުޅެނީ އެމްއެމްޕީއާރްސީ މައްސަލާގައި އޭސީސީން ހިންގި ތަހުގީގު ރިޕޯޓާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމްއެމްޕީއާރްސީއާ ދެމެދު ހިނގާފައި ހުރި ލިޔެކިޔުންތަކުގެ ތެރޭގައި ރައީސް [ކުށުން] ބަރީއަވާނެ ގޮތަށް ހުރި އެއްވެސް ލިޔެކިޔުމެއް އަޅުގަނޑުމެންނަށް ނުލިބިގެން މި އުޅެނީ،" ޖަމީލު ވިދާޅުވި އެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ "ޔާމީން މިނިވަންކުރުމަށް" ބޭނުންވަނީ އެމްއެމްޕީއާރްސީ މައްސަލާގައި އޭސީސީން ހިންގި ތަހުގީގާ ގުޅޭ 700 ސަފުހާގެ ރިޕޯޓް ކަމަށެވެ. އަދި އެ ރިޕޯޓުގައި ހިިމަނާފައިވާ ބަޔާންތަކުން ޔާމީން އެއްވެސް ކުށެއް ނުކުރާކަން ވަރަށް ސާފުކޮށް އެނގެން އޮންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"އެ ރިޕޯޓުގައި އޮވޭ ހިމަނާފައި ބައިވަރު ޑޮކިއުމަންޓަތަަަކާއި ބަޔާންތައް. އޭސީސީގެ ތަހުގީގުގައި ބަޔާން ނެގި އެންމެހާ ފަރާތްތަކުގެ ބަޔާންތައް. ހާއްސަކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އަމިއްލައަށް އިއުތިރާފްވި އަބްދުﷲ ޒިޔާތުގެ ބަޔާންތައް ވެސް އެބަހުރި،" ޝަމީމް ވިދާޅުވި އެވެ. "އޭސީސީ ތަހުގީގުގައި ފުއްގިރި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ތުހުމަތެއް ކޮށްފައެއް ނެތް. އޭރުގައި ނުކުރާ ތުހުމަތުތަކެއް ކުއްލިއަކަށް މަންފާތަކެއް ލިބިގެން ވާހަކަތައް ބަދަލުވެފަ މިއޮތީ،"
ބައެއް ލިޔުންތައް ނުލިބޭ ކަމަށް ބުނާތީ، މައްސަލަ ކުރިއަށް ދާއިރު ހާމަކުރަންޖެހޭ ލިޔުންތައް ހާމަކުރަން އަންގަވާނެ ކަމަށް ޝަރީއަތުގައި ގާޒީ ވިދާޅުވެފައިވެ އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި މިހާރު ވެސް ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތުގެ ދައުވާ އެކެވެ. އެ ދައުވާގައި ބުނަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި، ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށް، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ (ކްރިކް ރިޒާ) މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިންސާފު
15 February 2021
ޔާމީން ދައުރުގައި އޭރުގެ އިދިކޮޅު މީހުންނަށް ކުރެވުނު ދައުވާތަކަށްވުރެ އެތައް ގުނައެއް އިތުރު ދައުވާ މިސަރުކާރުގައި ކުރަނީ. އެކަމު އެމަންޒަރު ސާފުނުވަނީ ޔާމީން އެކަނި އިދިކޮޅު ލީޑަރަކަށް ހުންނާތީ. ހުރިހާ ދައުވާއަކުން ހުކުމްކުރެވި އަދަބާ ހަމައަށް ދާނީ އެ ސަރުކާރަށް ނިސްބަތްވާ މީހުންނަށް. މިސަރުކާރުގައި ހޭކިލާފައި ތިބި މީހުން ކޮންމެވެސް ގޮތަކުން އަދަބު ނުލިބޭ ގޮތަށް ގޭގަ ނޫނީ ރާއްޖެއިން ބޭރުގަ ނޫނީ ތަހުގީގު މަރުހަލާގަ މައްސަލަ ތާށިވެފައި.
ކާސިމްބެއްޔާ
15 February 2021
ކިހާވަރެއްގެ ބިލެއް މިފަހަރު ފޮނުވާނެބާ. ގާސިމް ގެ ވަކީލަކަށް އަމިއްލައަށް އައްޔަނުވެފާ ދިހަމިލިޔަން ރުފިޔާގެ ބިލެއް ފޮނުވުމުން އެފަކީރު ކިރިޔާ ހޭނުނެތުނީ.
ކޮސްގޮވާ ޖަމީލު
15 February 2021
ރައީސް ޔާމީނު ރިޔާސީ އިންތިހާބުން ބަލިވެވަޑައިގެންނެވި ފަހުން އެމަނިކުފާނުގެ ވެރިކަމުގައި ހިނގި ގޯސް ކަންތައްތަކުގެ ވާހަކަ އަލުން ދައްކަން ފެށި، ސިޔާސީ އިސް މީހުންނަށް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވީ މުޅި ދައުލަތުގެ ފައިސާ ނަގައި އަނިޔާދެމުން ދިޔައިރު އެއިން ފަރާތެއްގެ އަޑު އެއްގޮތަކަށް ވެސް ނީވޭ ކަމަށެވެ. 16 ނޮވެމްބަރ 2018
ޓިނު
15 February 2021
ބަލަ އަދީބާއި ޒިޔަތު ހެދިގޮތަށް ވައްކަންކުރިކަމަށް ޔާމީނުވެސް އެއްބަސްވީމާ އެމީހުންތިބިގޮތަށް ޔާމީނަށްވެސް ގޭގަތިބެވޭނޫންތަ؟
ބިނު
15 February 2021
ޓިނު ހާދަ މޮޔައޭ. ޔާމީން އިއުތިރާފްވީމަ އެވާނީ އިއުތިރާފަކަށް. އަދި އެކަމާ ގުޅިގެން އިތުރު ދައުވާތައް އޮހޭނީ. އިތުރު ހުކުމް އަންނާނީ. އެމްޑީޕީގެ އިންސާފު ހިނގާގޮތް އަދި ނޭނގިގެ ތިޔަ އުޅެނީ. ޔާމީނަށް އެއަންނަނީ މާ ކުރީ އަހަރުތަކަކުން ފެށިގެން އެމީހުން ހިފަން އުޅޭ ބަދަލުހިފުމެއް. އަދިކިރިޔާ ޔާމީން ޖަލަށްލެވޭ ކަހަލަ 2 ހެކިވެރިން އެ ލިބުނީ. ރާވައިގެން އެޅުވި ފަންޏަކުން ނެރޭ ނަތީޖާތައް އެ ހުންނަނީ.
އަލީ ހަމީދު
15 February 2021
އިންސާފުގެ މާނަ ބަދަލުވެއްޖެ.އައު އަކީ މީ- އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުވާފައި ރައީސް ޔާމީނު ސިޔާސީމައިދާނަށް ނުނިކުމެވޭގޮތަށް ޖަލަށްލާފައި، އަދީބު އާއި ޒިޔަތު ޔާމީނަށް ދޯކާދޭމަތިން ޖަލު ހުކުމެއްކޮއްފަ ބައްޔޭކިޔާފަ ގޭގައި ބައިތިއްބާފާ، މިކަމާގުޅިގެން ގައުމުގެ ރައުސުލްމާލުން ވަގަށް ނެގި ލާރި ލިބިނު އެންމެންގެ ވާހަކަ އޮއްބާލާފައި މިއީ އިންސާފުއޭކިޔާލަ ކިޔާލަ ރައްޔިތުން މިކަން ހަނދާންނެތެންދެން ތިބުން.މިއީ އެމްޑީޕީ ގެނެސްދިން އިންސާފަކީ!ސަޅިދޯ؟
ކޮސްގޮވަ ޖަމީލު
15 February 2021
ވަކި ބަޔަކު ގޭގައި ތިބުމަކީ ރައީސް ޔަމިން ކުށުން ބަރީއަ ވުމެއް ނޫން.
1234
15 February 2021
ކީއްކުރާ ލިޔުމެއް ތިބޭފުޅާ ސާބިތުކޮށްދޭންވީނު ޔާމީނށް އެ ފައިސާ ލިބުނުގޮތް ؟
ނުހައްގުން
15 February 2021
ރައިސް ޔާމިން މިކުރަނީ ނުހައްގުން އަނިޔާ. މިވަރު ނުވިސްނޭމީހުން ނެތީތަ؟ ސިޔާސީ ދައުވާ ކުރުން ހުއްޓާލާ
ކޮށި
14 February 2021
ޔާމީނުގެ އެކައުންޓްތައް ފިޔަވާ އިތުރު ހެއްކެއް ބޭނުމެއް ނުވާނެ. ބުއްދި ސަލާމަތުން ހުރިއްޔާ ޔާމީނުގެ ދިފާއުގަ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް.
ހަބީބީ
14 February 2021
މިއީ އިލްމެއް ހުއްޓަސް ހިލްމެއް ނެތޭ ބުނާޒާތުގެ އަގެއްނެތް ޖިސްމެއް!
އަރުތަ
14 February 2021
ޖަމީލު ކޮސްގޮވުން ހުއްޓާލާނީ ކޮން އިރަކުންބާ! އަޑުއެހުމުގެ ޤާބިލުކަން ޖަމީލުގެ ނުހުންނާނެ.