ރައީސްކަމުގައި ޑޮނަލްޑް ޓްރަމްޕް ހުންނެވި އިރު ސެނެޓް ލީޑަރު މިޗް މެކޯނެލްއާ އެކު ވައިޓް ހައުސްގައި
17 ފެބުރުއަރީ 2021 - 14:05
ޓްވިޓާއިން ދާއިމީކޮށް ބްލޮކްކޮށްލުމުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރިއެކޭ އެއްގޮތަށް އޭނާގެ ހިޔާލުތައް އާންމުންނާ ހަމައަށް ފޯރުކޮށެއް ނުދެއްވެ އެވެ. ސެނެޓްގައި ކުރިއަށް ދިޔަ ޝަރީއަތުން ސަލާމަތްވެވަޑައިގަތުމުން، ކުރުކުރު ބަޔާނަކުން ނިންމާލެއްވި އެވެ. އެކަމަކު އެއީ އޭނާގެ މިޒާޖަށް ބަލާ ނަމަ "ޓްރަމްޕްގެ ވައްތަރެއް ނޫނެ"ވެ. އެންމެ ފަހުން ރޭ އެކަން އެނގިއްޖެ އެވެ.
ޖުމްލަ 600 ލަފުޒު ހިމެނޭ ބަޔާނަކީ، ޖެނުއަރީ 20 ގައި ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު މިހާތަނަށް ޓްރަމްޕް ނެރުއްވި އެންމެ ދިގު ބަޔާނެވެ. އެ ބަޔާނުގައި މުޅިން ވެސް އޮތީ، ސެނެޓްގައި ރިޕަބްލިކަން ޕާޓީގެ އެންމެ އިސް ލީޑަރު މިޗް މެކޯނެލްއަށް ޒާތީ ގޮތުން ބޭލުއްވި ރުޅިގަނޑެވެ.
"ހިނިތުންވުމެއް ނެތް،" އަދި "ފޫހި" ބޭފުޅެއްގެ ގޮތުގައި ހަމެކަނި ސިފަކުރެއްވީކީ ނޫނެވެ. މެކޯނެލް ކަހަލަ ބޭފުޅެއްގެ ދަށުން އިންތިހާބުތަކުގައި ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވާދަކޮށްފި ނަމަ ނާކާމިޔާބުވާނެ ކަމުގެ އިންޒާރު ވެސް ދެއްވި އެވެ.
ޖެނުއަރީ 6 ގައި، ކޮންގްރެސްގެ އިމާރާތް ދަ ކެޕިޓަލްއަށް ޓްރަމްޕްގެ ސަޕޯޓަރުން ގަދަކަމުން ވަދެގަނެ، ހިންގި ހަމަނުޖެހުންތަކުގެ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް، ތިރި ގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ނިންމައިގެން ސެނެޓްގައި ހިންގި ޝަރީއަތުން ޓްރަމްޕް ސަލާމަތްވެވަޑައިގަތީ، މެކޯނެލް އިސްކޮށް ހުންނަވައި، ދެކޮޅަށް ވޯޓު ދެއްވުމުންނެވެ. އެކަމަކު އެ ވޯޓަށް ފަހު ސެނެޓްގެ ތަޅުމުގައި ވާހަކަ ދައްކަވަމުން މެކޯނެލް ވިދާޅުވީ އެ ދުވަހުގެ ހަމަނުޖެހުންތަކުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭނީ ސީދާ ޓްރަމްޕް ކަމަށާއި އެއީ "ސުވާލެއް ވެސް އޮތް ކަމެއް ނޫން" ކަމަށެވެ.
ޓްރަމްޕް ކުށްވެރިވާ ކަމަށް އޭނާ ވޯޓު ނުދެއްވީ، މެކޯނެލް ވިދާޅުވި ގޮތުގައި، ސެނެޓްގައި ޝަރީއަތް ހިންގަނީ މަގާމުގައި ހުންނަ މީހަކު މަގާމުން ދުރުކުރަން ކަމަށް ވެފައި، ޓްރަމްޕަކީ މިހާރު ރައީސަށް ނުވުމުން، ގާނޫނުއަސާސީއާ ހިލާފު އުސޫލެއް ގާއިމްކުރެވިދާނެތީ، އެ ސަބަބަށްޓަކައި ކަމަށެވެ.
އެކަމަކު ސެނެޓްގެ ޝަރީއަތުން ކުށް ސާބިތުނުވުމުގެ މާނައަކީ ޓްރަމްޕަށް ހުރިހާ ކަމަކުން ސަލާމަތްވެވަޑައިގަތުން ނޫން ކަމަށް، ވިދާޅުވި އެވެ. މެކޯނެލްގެ ބަހުން ނަމަ ވެރިކަމުގައި ހުންނެވި އިރު ކުރެއްވި ކަންކަމަށް ޓްރަމްޕް ޒިންމާކުރުވުމުގެ ނިޒާމް އެމެރިކާގައިި ހުރީ ގާއިމްވެފަ އެވެ.
ޓްރަމްޕް ކޯފާވީ މެކޯނެލްގެ އެ ވާހަކަތަކަށެވެ.
"މިޗު މެކޯނެލް ފަދަ ބޭފުޅުން އިސްކޮށް ތިއްބަވައިގެން ރިޕަބްލިކަން ޕާޓީއަކީ އިހުތިރާމް ލިބިގެންވާ އަދި ވަރުގަދަ ޕާޓީއަކަށް ނުހެދޭނެ އެވެ،" ބަޔާނުގައި ޓްރަމްޕް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް މެކޯނެލް މަސައްކަތެއް ނުކުރައްވާނެ އެވެ. ސިޔާސީ ރަނގަޅު ވިސްނުމާއި ހުނަރާއި އަޒުމެއް ވެސް އޭނާގެ ނެތް ކަމަށް، ޓްރަމްޕް ސިފަކުރެއްވި އެވެ.
ޓްރަމްޕަށް ރައީސްކަން ގެއްލިވަޑައިގަތަސް، ރިޕަބްލިކަން ޕާޓީގެ ގްރާސްރޫޓް ސަޕޯޓް އޭނާއަށް އަދިވެސް ވަރަށް ބޮޑެވެ. ސެނެޓްގައި އޭނާއާ ދެކޮޅަށް ރިޕަބްލިކަން ޕާޓީގެ ގިނަ މެމްބަރުން ވޯޓު ނުދެއްވީ ވެސް އެފަދަ އަމަލަކުން އެ ބޭފުޅުންގެ ސިޔާސީ ކުރިމަގަށް ކޮށްފާނެ ނުރަނގަޅު އަސަރު ބޮޑުވެދާނެތީ އެވެ. އެކަމަކު ހަތް މެމްބަރަކު، ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންނާ އެކު، ޓްރަމްޕް ކުށްވެރިވާ ކަމަށް ވޯޓު ދެއްވި އެވެ. ޖުމްލަ 100 މެމްބަރުންގެ ސެނެޓުގެ ޝަރީއަތެއްގައި މީހަކު ކުށްވެރިވާ ކަމަށް ފާސްވާން ތިން ބައި ކުޅަ ދެ ބައިގެ ވޯޓު ބޭނުންވެ އެވެ. ޓްރަމްޕް ސަލާމަތްވެވަޑައިގަތީ 57-43 ވޯޓުންނެވެ.
ސެނެޓްގައި ޓްރަމްޕަށް ކާމިޔާބު ލިބިވަޑައިގަތަސް އޭނާގެ ނަން ވަނީ ވަރަށް ބޮޑަށް ކިލަނބުވެފަ އެވެ.
މީގެ ކުރިން ރައީސެއްގެ އަމިއްލަ ޕާޓީގެ އެހާ ގިނަ މެމްބަރުން، އިމްޕީޗްމެންޓް ޝަރީއަތެއްގައި ދެކޮޅަށް ވޯޓު ދެއްވާފައެއް ނުވެ އެވެ. އަދި ފަސް މީހުން މަރުވި ޖެނުއަރީ 6ގެ ހަމަނުޖެހުންތަކަކީ، ޓްރަމްޕްގެ ސިޔާސީ ހަޔާތުުގެ ކަޅު ސަފުހާއެކެވެ. އެ ދުވަހުގެ ހަމަނުޖެހުންތައް ތަހުގީގުކުރަން ހާއްސަ ކޮމިޝަނެއް އުފައްދަން ހައުސް އިން މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ. އެހެންކަމުން އެ ކޮމިޝަނަށް ހޯދޭ ހޯދުންތަކެއްގެ މައްޗަށް ބިނާކޮށް، ޓްރަމްޕާ ދެކޮޅަށް ޖިނާއީ ދައުވާތަކެއް އައުން އެކަށީގެންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy