ހައްޖު ކޯޕަރޭޝަންގެ ބޯޑަށް ދެ މެންބަރުން އައްޔަންކޮށްފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބޯޑުން ބޭފުޅަކު ވަކިކޮށް، އިތުރު ދެ ބޭފުޅަކު އެ މަގާމަށް އައްޔަން ކޮށްފި އެވެ.


މޯލްޑިވްސް ޕްރައިވަޓައިޒޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު ނިޒާރު ވިދާޅުވީ މި މަހުގެ ދެ ވަނަ ދުވަހު ބޯޑަށް އަލަށް އައްޔަން ކުރެއްވީ އިސްލާމިކް މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަލްގާރީ އަލީ ވަހީދާއި އަބްދުﷲ ފާރޫގު ހަސަން ކަމަށެވެ.

ޖުމްލަ ފަސް މެމްބަރުން ހިމެނިވަޑައިގަންނަވާ ހައްޖު ކޯޕަރޭޝަންގެ ބޯޑަށް މި ދެ ބޭފުޅުން އައްޔަން ކުރެއްވީ، މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި މުހައްމަދު ރިޒާ ވަކި ކުރައްވައިފަ އެވެ. އަދި ބޯޑަށް އައްޔަން ކުރެއްވިތާ ކުރީކޮޅު، އާދަމް އާތިފް ވަނީ އަމިއްލަ އަށް އިސްތިއުފާ ދެއްވާފަ އެވެ.

މީހުން ހައްޖަށް ގެންގޮސް، އެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި، ހައްޖު ކޯޕަރޭޝަނުގައި މިހާރު ތިއްބަވަނީ، އަލަށް އައްޔަން ކުރި ދެ މެމްބަރުންގެ އިތުރުން ކުންފުނީގެ ޗެއާޕާސަން އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދާއި މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް އާއި މެންބަރު ފަރުހާދު ދާއޫދެވެ.

ނިޒާރު ވިދާޅުވީ ބޯޑަށް މެމްބަރުން އައްޔަން ކުރައްވަނީ އެ ބޭފުޅުންގެ ކޮލިފިކޭޝަނާއި ތަޖުރިބާ އަށް ބެލުމަށް ފަހުގައި ކަމަށެވެ.