ޖަލުތަކުގައި ކޮވިޑް-19 ފެތުރޭތީ އެބަލި ޖެހުމުން ނުރައްކާ ބޮޑުވާ ފަދަ ހުރިހާ ގައިދީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.
ކަމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައިރިސްކް ހުރިހާ ގައިދީން ވަގުތީގޮތުން ގެއަށް ބަދަލުކުރާނެ ކަމަށާއި އެއީ ޖަލުތަކުގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ޓަކައި އަަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށެވެ.
އޭނާ މިރޭ މިކަން އިއުލާނުކުރައްވާފައި މިވަނީ މަނީލޯންޑްރިންގެ ކުށް ސާބިތުވެގެން ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އެމަނިކުފާނުގެ ގެކޮޅަށް ބަދަލުކުރިތާ މަދުވަގުތުކޮޅެއްގެެ ތެރޭގަ އެވެ. ޔާމީނު ގެއަށް ބަދަލުކުރީ ވެސް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވާ ގޮތުގައި އެމަނިކުފާނު ހުންނެވި، މާފުށި ޖަލުގައި ކޮވިޑް ފެތުރިފައި ވާތީ އެވެ.
ރާއްޖޭގައި ކޮންމެވެސް ވަރަކަށް ކޮވިޑް ކޮންޓްރޯލްވުމަށް ފަހު މިހާރު ވަނީ ވަރަށް ބާރަށް އެބަލި ފެތުރެން ފަށައިފަ އެވެ. އެގޮތުން އިއްޔެއާއި އޭގެ ކުރީ ދުވަހު ވެސް ރެކޯޑް އަދަދަކަށް އެބައްޔަށް މީހުން ޕޮޒިޓިވް ވިއެވެ. އިއްޔެ އެކަނި ވެސް ރާއްޖޭން އެބައްޔަށް 400 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވި އެވެ. އެއީ ގާތްގަނޑަކަށް 4،000 ސާމްޕަލްގެ ތެރެއިންނެވެ. އެއާ އެކު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 4،396 އެވެ. އޭގެ ތެރެއިން 122 މީހަކު ވަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފަ އެވެ. ރާއްޖޭން އެބަލީގައި މަރުވިމީހުންގެ އަދަދަކީ މިހާރު 72 އެވެ.