ފާއިތުވި ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކަމަށް 410 މިލިއަން ރުފިޔާ އިންވެސްޓް ކޮށްފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
މި ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް އެ ކުންފުނިން ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ މި ސަރުކާރުގެ 56 މަޝްރޫއެއް މިހާރު ވެސް އެ ކުންފުނިން ހިންގަމުން އަންނަ ކަމަށެވެ. ފައިސާގެ ގޮތުން ބަލާނަމަ އެއީ 2.1 ބިލިއަން ރުފިޔާ ކަމަށް ޒިޔަތު ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ 410 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓްގެ ތެރޭގައި، އެ ކުންފުނީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ، ނެދަލެންޑްސްގެ ކުންފުންޏަކާ ހަވާލުކޮށްގެން ޗައިނާގައި ބަންނަމުން އަންނަ ބިން ހިއްކާ އެންމެ ޒަމާނީ ބޯޓު ނުހިމެނެ އެވެ.
މި ސަރުކާރަށް މިވީ ތިން އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ވެސް ގިނަ ކާމިޔާބީތަކެއް ލިބިފައިވާ ކަން ޒިޔަތު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ހަތް ޒޯންގެ ތެރެއިން ފަސް ޒޯނަކަށް ދަތުރުފަތުރުގެ ހިދުމަތް ދެމުން އައުމާއި ޑަބަލް ޑެކް ފެރީ އަދި ޕްރީމިއަމް ފެރީގެ ހިދުމަތް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްވެރިންނަށް ކްރެޑިޓް އުސޫލުން ތަކެތި ގަނެވޭނެ އުސޫލު ވެސް މިވީ ތިން އަހަރުގެ ތެރޭގައި ހަމަޖައްސާފައިވާ ކަން ޒިޔަތު ފާހަގަކުރެއްވި އެވެ.
މި ހަފުލާގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެމްޓީސީސީއަކީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި މީގެ ކުރިން އެމްޓީސީސީ އަށް ހާސިލްނުވެ ހުރި ކަންތައްތަކާއި ކާމިޔާބީތައް، މިވީ ތިން އަހަރުގެ ތެރޭގައި ހާސިލް ކޮށްފައިވާކަން ވެސް ޒަމީރު ވިދާޅުވި އެވެ.
އެ ކުންފުނިން ބަންނަން ހަވާލުކޮށްފައިވާ ބިންހިއްކާ ބޯޓުގެ މަސައްކަތް ނިމުމުން ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރި އަށް ގެންދެވޭނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
އެމްޓީސީސީން ބޭއްވި މި ހަފުލާގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ބައިވެރިވަޑައިގަތެވެ.