ޚަބަރު / މަޖިލިސް 241 ކޮމެޓީ

ހަމަލާގެ އިންކުއަރީގެ ރިޕޯޓު ނިންމަން އަދި ހަފްތާއެއް ނަގާނެ، ބައެއް މައުލޫމާތު ސިއްރުވެދާނެ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް: އޭނާ ވިދާޅުވީ، ރިޕޯޓު ނިންމަން ހަފްތާއެއް ވާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ހިންގާ އިންކުއަރީގެ ރިޕޯޓު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ކޮމިޓީން މިއަދު ބުނެފި އެވެ.

ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން މަޖިލީހުން ނިންމި ނިންމުމާ އެއްގޮތަށް، ކުރިއަށް ގެންދާ އިންކުއަރީގެ މަސައްކަތާ ބެހޭ މައުލޫމާތު ހާމަ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ކޮމިޓީގެ ރިޕޯޓު ނިންމަން އަދި ހަފްތާއެއްހާ ދުވަސް ވާނެ ކަމަށެވެ.

"އިންކުއަރީގެ މަސައްކަތް ނިންމާލުމަށް ތާވަލުކޮށްފައި ވަނީ 23 ޖޫން 2021ގެ ނިޔަލަށް. އެހެން ނަމަވެސް، ކޮމިޓީގެ ރިޕޯޓު ނިންމާލުމަށް ޓަކައި އަދި ހަފްތާއެއްގެ މުއްދަތު ނަގާނެ ކަަމަށް ލަފާ ކުރެވޭ،" އަސްލަމް ވިދާޅުވި އެވެ.

"ކޮމިޓީން މި މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލުމުގެ އަޒުމުގައި މަސައްކަތް ކުރަމުން މި ދަނީ."

ކޮމިޓީން ލިޔުމުން ހޯދި މައުލޫމާތުތަކުގެ އިތުރުން، ކޮމިޓީ އަށް އެކި މުއައްސަސާތަކުގެ ބޭފުޅުން ހާޒިރުކޮށްގެން ހޯދި މައުލޫމާތުތަކުގެ އަލީގައި ރިޕޯޓު އެކުލަވާލެވޭ ވަރަށް މައުލޫމާތު ހޯދިފައިވާ ކަމަށް ވެސް މިއަދު އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހިންގާ އިންކުއަރީ އަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ހާޒިރުކޮށް ސުވާލު ކުރަނީ -- ފޮޓޯ/ މަޖިލިސް

އެހެން ނަމަވެސް، އޭނާ ވިދާޅުވީ، ރިޕޯޓު އާންމު ކުރާ އިރު އޭގައިވާ ގައުމީ ސަލާމަތާ ގުޅުން ހުރި ބަައެއް ސިއްރު މައުލޫމާތުތައް ނޭނގޭހެން ރިޕޯޓުގެ ބައެއް ބައިތައް ސިއްރު ކުރަން ޖެހިދާނެ ކަމަށެވެ. ސިއްރު ކުރާ ބައިތައް ހިމަނޭ ރިޕޯޓު ދައުލަތުގެ ތިން ބާރުގެ އިސްވެރިންނަށް ފޮނުވަން މަޝްވަރާ ކުރެވޭ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"ހުރިހާ ބޭފުޅުން ވެސް ގަބޫލު ކުރައްވަން ވާނެ އަޅުގަނޑުމެންގެ ފައިންޑިންސްއެއްގައި ނޫނީ އަޅުގަނޑުމެންގެ ރެކޮމެންޑޭޝަންސްގައި ވަކި ސްޕެސެފިކް ކަމަކީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ނަމަ އާންމު ނުކުރެވޭ ބައެއް މައުލޫމާތު ހުރެދާނެ، އަދި ހުންނާނެ،" އަސްލަމް ވިދާޅުވި އެވެ.

އިންކުއަރީގައި ހޯދާ މައުލޫމާތުތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ ސިއްރު މައުލޫމާތުތަކާއި ރައީސް ނަޝީދާ ގުޅޭ ސިއްރު މައުލޫމާތު ހިމެނޭތީ އިންކުއަރީއާ ގުޅޭ ކޮމިޓީގެ ހުރިހާ ބައްދަލުވުންތަކެއް ވެސް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

އިންކުއަރީ އަށް މިހާތަނަށް ހާޒިރުކޮށް ސުވާލު ކުރި ފަރާތްތަކުގެ ތެރޭގައި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ސިފައިންގެ 32 ބޭފުޅަކާއި ފުލުހުންގެ ފަސް ބޭފުޅެއް ހިމެނެ އެވެ. އޭގެ އިތުރުން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި، މާލޭ ސިޓީ ކައުންސިލުގެ ބޭފުޅުންނާއި، އެމްއެމްއޭގެ އިސްވެރިންނާ ވެސް ބައްދަލުކޮށްފައިވެ އެވެ.

އޭގެ އިތުރުން، ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިން ޑޮކްޓަރުންނާއި، ހަމަލާގެ ތަހުގީގުގެ ކަންކަން ދާ ގޮތެއް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ މަންދޫބު އައްބާސް ސޯލިހާ ވެސް ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އަސްލަމް މިއަދު ވިދާޅުވި އެވެ.

ސިފައިންގެ ބައެއް އިސްވެރިން ވަނީ ދެ ފަހަރެއްގެ މަތިން ކޮމިޓީ އަށް ހާޒުރުކޮށްފަ އެވެ. އަސްލަމް މިއަދު ވިދާޅުވެފައި ވަނީ އެ ބޭފުޅުންގެ ފަރާތުން ކޮމިޓީ އަށް އެއްބާރުލުން ލިބިގެން ދިޔަ ކަމަށެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބުދުލް ޤާދިރު

23 June 2021

ކޮން ރިޕޯޓެއްގެ ނެރޭ ވާހަކައެއް. ތީ ނަޝީދު ބޮޑުވަޒީރުކަމަށް ގެންނަން އިބޫއާ ނަޝީދާ ރާވައިގެން ކުޅެމުންދާ ޑުރާމާއެއް. ޑުރާމާގެ ފަހުބައި އެދަނީ ނިމެމުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454