ޚަބަރު / ރިހިވެލި މޯލްޑިވްސް ރިސޯޓް

ރިހިވެލި ރިސޯޓް ހިންގަން ބަޔަކާ ހަވާލުކުރަނީ

ރިހިވެލި ރިޒޯޓް: މި ރަށް ހިންގަން އެހެން ބަޔަކާ ހަވާލު ކުރަން މާހަލް ޓުއާސްއިން ވަނީ ނިންމާފައި -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ސަރުކާރުން ކ. މަހާނައެޅިހުރާ ދޫކޮށްފައިވާ މާހަލް ޓުއާސް ކުންފުނިން އެ ރަށުގައި ރިސޯޓު ހިންގަން ބަޔަކާ ހަވާލުކުރަން ނިންމައިފި އެވެ.

މާހަލްގެ ވަކީލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ރަށް ހަވާލުކުރަން ނިންމާފައި ވަނީ ބީޗްއެކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. ގާނޫނީ މައްސަލަތަކާ ހެދި ސަބްލީޒް ނުދީ ބީޗްއެކްސްއާ ހަވާލު ކުރަން ނިންމާފައި ވަނީ ވަކި ފީއެއް ދައްކާ ގޮތަށް، ހަމައެކަނި ރަށް މެނޭޖު ކުރުމާއި އޮޕަރޭޓް ކުރުމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ރަޖިސްޓްރީން އެނގޭ ގޮތުގައި ބީޗްއެކްސް ކުންފުނީގެ އެމްޑީއަކަށް ހުންނަވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ. އަދި އޭނާގެ ހިއްސާ އޮންނަ ދޮންބެޒް ޕްރައިވެޓް ލިމިޓެޑަކީ ބީޗްއެކްސް ޕްރައިވެޓް ލިމިޓެޑް އެއް ހިއްސާދާރެވެ. އޭގެ އިތުރުން މާހަލްއާ ގުޅުން އޮންނަ ފަރާތަކާއި އެހެން ކުންފުންޏެއް ވެސް ބީޗްއެކްސްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނެ އެވެ.

ކުރިން ރިހިވެލި ރިސޯޓް ހިންގަމުން އައީ "ރިހިވެލި ބީޗް ރިސޯޓް"ގެ ނަމުގަ އެވެ. އެހެން ނަމަވެސް، ބީޗްއެކްސްގެ ދަށުން ރިސޯޓު ހިންގަން ހަވާލު ކުރަނީ "ރިހިވެލި މޯލްޑިވްސް ރިސޯޓް"ގެ ނަމުގަ އެވެ. އެ ނަން މިހާރު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ރިހިވެލި ރިސޯޓް: މި ރަށް ހިންގަން އެހެން ބަޔަކާ ހަވާލު ކުރަން މާހަލް ޓުއާސްއިން ވަނީ ނިންމާފައި -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

މީގެ ކުރިން ރަށް އޮޕަރޭޓު ކުރަން ހަވާލު ކުރި ސޭވް ދަ ޑްރީމް މޯލްޑިވްސްއިން ރަށް ވީރާނާވާން ދޫކޮށްލުމުގެ ސަބަބުން އެތަން ހުޅުވެން އޮތީ ވެސް މަރާމާތުކޮށް ނިންމައި ރަށް ގިރުމުގެ މައްސަލަ ފަދަ ކަންކަން ވެސް ހައްލު ކޮށްގެން ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ވެސް ދައްކައި ނިންމައިގެން ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެހެންވެ ސީދާ ރަށް ހުޅުވޭނެ ތާރީހެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އޭގެ އިތުރުން، ރަށް އޮޕަރޭޓު ނުކޮށް އޮންނަ ދުވަސްތަކަށް ވެސް ދައުލަތަށް ހެޑް ލީޒް ކުލި ދައްކަން ޖެހޭ އިރު އޮޕަރޭޓް ނުކޮށް އޮތުން ވަނީ ގެއްލުމަކަށް ކަމަށް ވަކީލު ވިދާޅުވި އެވެ. ވީހާވެސް އަވަހަށް ބަޔަކާ ހަވާލު ކުރަން ބޭނުންވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަގުތީ އަމުރާ މެދު ގޮތެއް ނުނިމޭތީ ކަންބޮޑުވުން

ރިހިވެއްޔަކީ މީގެ ކުރިން ހިއްސާދާރުންގެ މެދުގައި އެތައް މައްސަލައެއް ޖެހިގެން ރަނގަޅަށް އޮޕަރޭޓު ނުކުރެވި އޮތް ރަށެކެވެ. މީގެ ކުރިން މާހަލްއިން ސަބްލީޒް ހަވާލު ކުރި ކާސްޓްއަވޭ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލު ކުރުމުން އެ މައްސަލަ ވެސް ގިނަ ދުވަސްތަކެއް ވަންދެން ކޯޓު މަރުހަލާގައި އޮތެވެ.

ކާސްޓްއަވޭއާ އެކު ހެދި އެއްބަސްވުން ބާތިލު ކުރި މައްސަލަ މާހަލްއާ އެއްކޮޅަށް ނިމުނު އިރު، މާހަލްއިން ފަހުން ރަށް ހަވާލު ކުރީ އެ ރަށަށް ގިނަ ދުވަސްތަކެއް ވަންދެން ޒިޔާރަތް ކުރި ފްރާންސްގެ ފަތުރުވެރިންތަކެއް ވެގެން އުފެއްދި ސޭވް ދަ ޑްރީމް ކިޔާ ކުންފުންޏަކާއި މާހަލްގެ ހިއްސާދާރެއްގެ 50-50 ހިއްސާ އޮންނަ ގޮތަށް ހެދި "ސޭވް ދަ ޑްރީމް މޯލްޑިވްސް" ކިޔާ ކުންފުންޏާ އެވެ.

ރިހިވެލި ރިޒޯޓް: މި ރަށް ހިންގަން އެހެން ބަޔަކާ ހަވާލު ކުރަން މާހަލް ޓުއާސްއިން ވަނީ ނިންމާފައި -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ފްރާންސްގެ ހިއްސާދާރުން ކުންފުނީގެ އެކައުންޓަށް ޖަމާކުރި ގިނަ އަދަދެއްގެ ފައިސާތަކެއް ސޭވް ދަ ޑްރީމްގެ ދިވެހި ހިއްސާދާރު އެކައުންޓުން ނެގުމަށްފަހު އަނބުރާ ނުދައްކާ ކަމަށް ފްރާންސްގެ ހިއްސާދާރުން ތުހުމަތު ކުރެ އެވެ. އެ މައްސަލަ ބޮޑުވެފައި ވަނިކޮށް، ރަށުގެ ކުލި ނުދައްކައިގެން ކަމަށް ބުނެ މާހަލްއިން ވަނީ ސޭވް ދަ ޑްރީމް މޯލްޑިވްސްއާއެކު ހެދި ސަބްލީޒް އެއްބަސްވުން ބާތިލުކޮށްފަ އެވެ.

ފްރާންސްގެ ހިއްސާދާރުން މައްސަލަ ސިވިލް ކޯޓަށް ވެއްދުމުން، މާހަލްއިން އެއްބަސްވުން ބާތިލު ކުރީ ރަނގަޅަށް ކަމަށް އެ ކޯޓުން ވަނީ ނިންމައިފަ އެވެ. އެކަމަކު އެ ނިންމުން ފްރާންސްގެ ހިއްސާދާރުންގެ ފަރަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

އެ މައްސަލަ ހައި ކޯޓުގައި ބަލައި ނިމެންދެން ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ ވަގުތީ އަމުރަކަށް ވެސް ފްރާންސްގެ ހިއްސާދާރުންގެ ފަރާތުން ވަނީ އެދިފަ އެވެ. ރަށް އޮޕަރޭޓު ނުކުރެވި ގިނަ ދުވަސްވާތީ ކުލި ދައްކަން ދަތިވެ މާހަލްއަށް ގެއްލުންވާ ކަމަށް އެ ކުންފުނިން ބުނާ އިރު، ފްރާންސްގެ ހިއްސާދާރުން ބުނަނީ ވަގުތީ އަމުރެއް ނެރެނުދީފި ނަމަ އެ މީހުންނަށް ވެސް ގެއްލުންވާނެ ކަމަށެވެ.

ރިހިވެލި ރިޒޯޓް: މި ރަށް ހިންގަން އެހެން ބަޔަކާ ހަވާލު ކުރަން މާހަލް ޓުއާސްއިން ވަނީ ނިންމާފައި -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

އެންމެ ފަހުން ބޭއްވި ދެ އަޑުއެހުމުގައި ވެސް ވަގުތީ އަމުރާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވެ އެވެ. އެހެން ނަމަވެސް، އަދިވެސް ވަގުތީ އަމުރާ މެދު ގޮތެއް ނުނިންމަ އެވެ.

އެކަމާ މެދު ގޮތެއް ނުނިންމައި އޮއްވައި ރަށް އޮޕަރޭޓް ކުރަން އެހެން ބަޔަކާ ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ފްރާންސްގެ ހިއްސާދާރުންގެ ވަކީލު ނާޒިމް ސައްތާރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ރަށް އޮޕަރޭޓު ކުރުން ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ވަގުތީ އަމުރާ މެދު ގޮތެއް ނިންމުން އަވަސްކޮށްދޭން އެދުނަސް، އަދިވެސް ގޮތެއް ނިންމާފައި ނުވާތީ އެއީ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން އެދި އޭނާގެ ލޯ ފާމުން ވަނީ ޖޭއެސްސީއަށް މައްސަލަ ހުށަހަޅައިފަ އެވެ.

ނާޒިމްގެ މި އަމަލުތައް މާހަލްގެ އޮފިޝަލަކު ފާހަގަ ކުރެއްވީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގަ އެވެ.

އެއްބަސްވުން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ ވެސް ސޭވް ދަ ޑްރީމް މޯލްޑިވްސް އިން ދައްކަން ޖެހޭ ކުލިތައް ނުދައްކައި ހުރުމުންނެވެ. ނަމަވެސް، ފްރާންސްގެ ހިއްސާދާރުން ބުނާ ގޮތުގައި އެ ފައިސާ ވެސް ނުދެއްކުނީ އަދި ބޭނުންވި ގޮތަށް ރަަށް ތަރައްގީ ނުކުރެވުނީ ދިވެހި ހިއްސާދާރުގެ "ވައްކަމުގެ" ސަބަބުންނެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަކީލް

24 October 2021

ނާޒިމްގެ ބޭބެފުޅު އަރިހުން ތިޔަކަމުގެ ހައްލެއް ނުލިބޭނެ. މާހަލް އެއަށްވުރެ ސުމާޓްވާނެ. މިހާރު މަޖިލީހުގެ މެންބަރެއް އެ ވީޔާފާރިއަށް އެލަފައިލީ. ދެން ސަރުކާރަށް ޖެހޭނީ ހެޑްލީޒް ބޭނުމިއްޔާ މެމްބަރު ރުއްސަން. ސުވާލަކީ ހެޑްލީޒްގެ ރުފިޔާ ކޮޅުތޯ ދައުލަތަށް ނަގާނީ ނޫނީ މެންބަރުގެ ވޯޓް ސަރުކާރަށް ހޯދާނީތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454