ރިޕޯޓް / ރިހިވެލި މޯލްޑިވްސް ރިސޯޓް

ރިހިވެލި ރިސޯޓްގެ މައްސަލަގަނޑު: ގަޔަށް ބޮލަށް ނޭރީ ކިރިޔާ!

ރިހިވެލި ރިސޯޓުން،  ނަޖާހް މަސްއޫދު، މިހާރު

08 ސެޕްޓެމްބަރ 2021 - 09:01

44 comments

ރިހިވެލި ރިސޯޓްގެ އޯނަރުން އެ ރިސޯޓަށް އިއްޔެ ވަޑައިގަތުމުގެ ކުރިން ވެސް ވިދާޅުވި އެވެ؛ ފަސޭހަ ގޮތަކަށް މި ކަމެއް ނުނިމޭނެ އެވެ.

ކަން ވީ ހަމަ ހީކުރި ގޮތަށެވެ؛ ކޯޓުގެ ހުކުމާ އެއްގޮތަށް އެ ރިސޯޓާ ހަވާލުވާން އޯނަރުން އެ ރަށަށް އެރުމާ އެކު އެ ރަށް މިހާރު ހިންގަމުން އަންނަ ފަރާތުގެ ކިބައިން ފެނުނީ ހިތްހަމަނުޖެހުންތަކާއި ދެކޮޅުހެދުންތަކެވެ. އެކަން އެހެން ދިމާވެދާނެ ކަމަށް ބަލައި، އެކަމަށް އޯނަރުން ތިއްބެވީ ދުރާލައި ތައްޔާރުވެ އެވެ.

މާހަލް ޓުއާސްގެ އެއް ހިއްސާދާރު އަދި ރިސޯޓް މިހާރު ހިންގާ ސޭވް ދަ ޑްރީމްސް މޯލްޑިވްސްގެ މެނެޖިން ޑިރެކްޓަރު ހުސެއިން ޝިހާމް އަލީގެ ވަކީލު އިސްމާއިލް މުހައްމަދު "މިހާރު"ގެ ނޫސްވެރިންނާ އެކު އިއްޔެ ރިހިވެލި ރިޒޯޓަށް ވަޑައިގަތުމުގެ ކުރިން ފުލުހުންގެ މާލޭ އޭރިއާގެ ކޮމާންޑަރަށް ގުޅުއްވި އެވެ. ވިދާޅުވީ، ހުސެއިން ޝިޔާމްގެ ޕަވާ އޮފް އެޓާނީގެ ދަށުން ރަށް ރަސްމީކޮށް މާހަލްއާ ހަވާލު ކުރަން ވަޑައިގަންނަވަނީ ކަމަށެވެ. އަދި އެއްވެސް ކަމެއް ގޯސްކޮށް ހިނގައިފި ނަމަ ފުލުހުންގެ އެހީ އަށް އެދިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މާހަލް އަށް ރަށް ހަވާލުކުރަން، މާލެ އަތޮޅުގެ އެންމެ ދެކުނުކޮޅުގައި އޮންނަ ރިހިވެއްޔަށް އޭނާ ވަޑައިގަތީ މާހަލް ޓުއާސްގެ އިސް ފަރާތްތަކާއި އެ ކުންފުނީގެ ވަކީލުންނާ ވެސް އެކު އެވެ. މީގެ ކުރިން މާހަލްގެ ހިއްސާދާރަކު އިތުރު ބަޔަކާ އެކު ރަށަށް އަރަން ދިއުމުން މައްސަލަ ހޫނުވެ އެ މީހުން "ގުންޑާ"އިންތަކެއްގެ ގޮތުގައި ލޭބަލް ކުރިޔަސް، މިފަހަރު ދިޔަ ގިނަ މީހުން ތިބީ އެހެން ބުނެވޭނެ ވަރަށް ވުރެ "ޑީސެންޓް" ކޮށް، ބެގީ ވެސް ޖަހާލައިގެންނެވެ.

ރިހިވެލި ރިސޯޓަށް މިހެންވީ ކީއްވެ؟

ސަރުކާރުން ރިހިވެލި ދޫކޮށްފައި ވަނީ މާހަލް އަށެވެ. މާހަލްއިން އެ ރަށް ހިންގަން ސަބްލީޒް ހަވާލު ކުރީ ފްރާންސްގެ ސޭވް ދަ ޑްރީމް ކިޔާ ކުންފުންޏަކާ އެކު ހެދި 50-50 ޖޮއިންޓް ވެންޗާ ކުންފުނި "ސޭވް ދަ ޑްރީމް މޯލްޑިވްސް" އާ އެވެ. ސޭވް ދަ ޑްރީމް މޯލްޑިވްސްގައި މާހަލްގެ ހިއްސާދާރުން ވެސް ތިބެ އެވެ. ނަމަވެސް އެ ކުންފުނީގެ ފަރާތުން ރިޒޯޓް އޮޕަރޭޓް ކުރުމުގައި އިސްކޮށް އުޅެނީ ފްރާންސްގެ ހިއްސާދާރު އަދި ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކްރިސްޓިއަން ކެލްބްގެ އަންހެނުން ކެތީ ކެލްބެވެ.

ރިހިވެލި ރިސޯޓު: އެތަނުގައި މާހަލް ޓުއާސްގެ ރުހުމާ ނުލައި ނުހުރެވޭނެ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައި -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ވިޔަފާރީގެ މައްސަލަތަކެއް ދިމާވެ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މާހަލްއިން ވަނީ ސޭވް ދަ ޑްރީމް މޯލްޑިވްސްއާ އެކު ހެދި ސަބްލީޒް އެއްބަސްވުން ބާތިލުކޮށްފަ އެވެ. ރަށާ ހަވާލުވާން މާހަލްގެ މެނޭޖްމަންޓުން މީގެ ހަފުތާއެއްހާ ދުވަސްކުރިން ވެސް ދިޔައީ، އެއްބަސްވުން ބާތިލު ކުރި މައްސަލަ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ފްރާންސްގެ ހިއްސާދާރުން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން މާހަލްއާ އެއްކޮޅަށް ހުކުމް ކުރުމުންނެވެ. މާހަލްގެ ރުހުމާ ނުލައި އެ ރަށުގައި އެއްވެސް މީހަކަށް ނުތިބެވޭނެ ކަމަށް ހުކުމުގައި ބުންޏަސް ރަށުގައި ހުރި ކެތީ އެތަނުން ފައިބަން ދެކޮޅު ހަދަ އެވެ. އަދި ހުކުމް ކުރި ފަހުން ވެސް ދެ ޓޫރިސްޓަކު ރަށަށް ވަނީ ގެންގޮސްފަ އެވެ.

ކެތީގެ ފިނި މަރުހަބާއެއް

ވަށައިގެން ބޮޑު ތިލަ ފަޅަކާއި ރީތި ދޮންވެލި ގޮނޑުދޮށެއް އޮންނަ ރަށެކެވެ. ފަޅު ތިލަކަމުން، އެ ރަށަށް ލޯންޗުން ކައިރި ކުރަން ޖެހެނީ ވެސް ވަރަށް ދިގުކޮށް ހަދާފައި ހުންނަ ފާލަމަކުންނެވެ. އެ ޖެޓީން ހިނގާލާފައި ރަށަށް އަރައިގެންދާއިރު، ރަށުގެ މަލަމައްޗާއި މޫދު ވަރަށް ޗާލެވެ.

ރިސޯޓާ ހަވާލުވާން އެ ރަށަށް އިއްޔެ މެންދުރު ފަހު ބަޔަކު ދާކަން ކެތީ އަށް ކުރިން އޮތީ އެނގިފަ އެވެ. އެ ލޯންޗު ޖެޓީގެ ކޮޅަށް ކައިރިކޯށް މާހަލްގެ މީހުން ފާލަމަށް ފޭބިތަނާ، ފެހި-ރީނދޫކުލައިގެ ހެދުމެއް ލައިގެން ހުރި ކެތީ ހުސްފަޔާ ދުވެފައި އައިސް ކޮންމެ މީހެއްގެ މޫނަށް ފޯނު ދިއްކޮށް ވީޑިއޯކޮށް އެ މީހުން ރަށަށް އެރުމާ ދެކޮޅު ހަދަމުން ދިޔަ އެވެ.

ރިހިވެއްޔަށް މާހަލް ޓުއާސް އާއި ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ދިވެހި އޮފިޝަލުން ވަޑައިގަންނަވަނީ: ދުރުން ފެންނަނީ ކެތީ އެ މީހުންގެ ވީޑިއޯ ނަގާތަން -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ހުސެއިން ޝިހާމް އަކީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ އެމްޑީ އަށް ވެފައި، އޭނާގެ ޕަވާ އޮފް އެޓާނީގެ ދަށުން އެ ރަށް މާހަލް އަށް ހަވާލު ކުރަން އައިކަން ކެތީ އަށް އަންގަން ވަކީލް އިސްމާއިލް މަސައްކަތް ކުރެއްވި ނަމަވެސް، ކެތީ ވިދާޅުވީ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

"ތިޔައީ ވަގުންތަކެއް،" ކެތީ އިނގިރޭސިބަހުން އެ މީހުންނާ ދިމާ އަށް ބުންޏެވެ.

ފްރާންސް ބަހުންނާއި އިނގިރޭސި ބަހުން އޭނާގެ ކަންބޮޑުވުންތައް ކިޔައިދެމުން ދިޔަ އެވެ. ކެތީ މީގެ ކުރިން ވެސް އެކަހަލަ ވީޑިއޯތައް ސޯޝަލް މީޑިއާ އަށް ވެސް ދޫކޮށްފައިވެ އެވެ.

ވަކީލުންނާއި ކެތީގެ ވަރަށް ހޫނު ޒުވާބުތައް ދިޔަ އެވެ. އަދި ވަކީލުންނާއި ރަށުގެ ވެރިފަރާތް ރަށަށް އެރިޔަ ދޭން އޭނާ ވަނީ އެކަނިމާ އެކަނި ދެކޮޅު ހަދައިފަ އެވެ. ކެތީގެ ވާހަކަތަކާއި ބަހުގެ ހޫނު ހަމަލާތަކަށް ވަކީލުން ގިނަ ފަހަރު އަޅައެއްނުލައްވަ އެވެ. ވަކީލުން ހިނގަމުން ދާއިރު ކުރިމައްޗަށް އަރައި ވީޑިއޯކޮށް ޖެއްސުން ކުރިޔަސް ވަކީލުންނާއި އޯނަރުން ބެލީ މައްސަލަ ހައްލު ކުރެވޭނެ ގޮތެކެވެ.

ކެތީގެ ދެކޮޅުހެދުންތަކާ އެކު، އޭނާ އާ އިތުރަށް ވާހަކަ ދެއްކޭނެ ގޮތް ނުވާނެ ކަން އެނގުމުން ވަކީލުންގެ ޓީމު ހިނގައިގަތީ މުވައްޒަފުން އުޅޭ ސަރަހައްދާ ދިމާލަށެވެ. އޭރު ހުރިހާ މުވައްޒަފުން ތިބީ އެއްވެ އެވެ. އެ މުވައްޒަފުންނަކީ މި މައްސަލަގަނޑުގެ މެދުގައި ބެދި މުސާރަ ނުލިބޭތާ 14 މަސްވެފައި ތިބި ބައެކެވެ. މުސާރަ ދޭން ޖެހެނީ ވެސް ކޮން ބައެއްކަން އެ މީހުންނަށް ސާފު ނޫން ކަމަށް ބައެއް މުވައްޒަފުން ބުންޏެވެ.

ރިހިވެއްޔަށް ދިޔަ ޓީމުގައި ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ދިވެހި އެޗްއާރް މެނޭޖަރު އަހުމަދު އަސްލަމް ވެސް ހިމެނެ އެވެ. ހުރިހާ މުވައްޒަފުންނާއި ކެތީގެ ހާޒިރުގައި މާހަލް އަށް ރަށް ހަވާލުކުރާ ކަމަށް ބުނެ އެކުގައި ވަޑައިގެންނެވި މާހަލްގެ ބޭފުޅުންނަށް އޭނާ ސިޓީއެއް ދެއްވި އެވެ. އެ ސިޓީގައި މަހާލްގެ ފަރާތުން ސޮއި ކުރެއްވީ ވަކީލު އަހުމަދު ސަމީރެވެ. އެ ހިސާބުން ރަށް ރަސްމީކޮށް މާހަލްއާ ހަވާލު ކުރެވުނީ ކަމަށް އިއުލާނު ކުރި އެވެ.

ރަށް ހަވާލު ކުރި ކަމުގެ ލިޔުމުގައި މާހަލް ޓުއާސްގެ ވަކީލު އަހުމަދު ސަމީރު ސޮއި ކުރައްވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

އޭރު ވެސް ކެތީ ބުނަމުން ދިޔައީ އަސްލަމަކީ އެޗްއާރް މެނޭޖަރު ކަމަށް ބަލައިނުގަންނަ ކަމަށެވެ. މުވައްޒަފުންގެ މުސާރައާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް އޭނާ އަށް އަމާޒު ކުރައްވަމުން ކެތީ "މިހާރު" އަށް ބުނީ އަސްލަމަކީ ކުރިން އެ މަގާމުގައި ހުއްޓާ ރަށުން ފޮނުވާލި މީހެއް ކަމަށެވެ. އެހެންވެ، އޭނާ އެޗްއާރް މެނޭޖަރުގެ ގޮތުގައި އައުމަކީ ބޮޑު ޖޯކެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

އެތަނުގައި ތިބި ދިވެހި ބައެއް މުވައްޒަފުން ވެސް ވަނީ އަސްލަމަށް ތުހުމަތުތަކެއްކޮށް، މިހާރު އޭނާގެ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ ކަމަށް ބުނެފަ އެވެ.

ރަށުން ފައިބަން ޖެހޭނެ ކަމަށް ކެތީ ގަބޫލެއް ނުކުރޭ

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، މަހާލްގެ ހުއްދައާ ނުލައި މިހާރު ރިހިވެލީގައި އެހެން އެއްވެސް ފަރާތަކަށް ނުތިބޭވޭނެ ކަމަށެވެ. އަދި އެ ރަށުން އެހެން ފަރާތަކަށް މަންފާ ނުހޯދޭނެ ކަމަށެވެ. ރަށް މާހަލްއާ ހަވާލުކޮށްފައި ވަކީލު އިސްމާއިލާއި އަސްލަމް ފުރާވަޑައިގަތީ އެވެ. އެއަށްފަހު ރަށާ ހަވާލުވެގެން ތިބި މާހަލްގެ އޮފިޝަލުން ރަށުން ފައިބަން ކެތީ އަށް އެންގެވި އެވެ. ފްރާންސްގެ އާދައިގެ މުވައްޒަފަކު ރިސޯޓްގައި މި ވަގުތު ހުއްޓަސް، ކެތީ ފިޔަވައި ސޭވް ދަ ޑްރީމްސް ފްރާންސްގެ ހިއްސާދާރަކު ރިސޯޓަކު ނެތެވެ.

ރަށުން ފައިބަން އެދުމުން ކެތީ ހެދީ ދެކޮޅެވެ.

ރިހިވެލި ރިޒޯޓުގެ ބައެއް މުވައްޒަފުން: އެ މީހުން ބުނާ ގޮތުގައި މުސާރަ ނުލިބޭތާ މިހާރު ވަނީ 14 މަސް ވެފައި -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

"އަހަރެން މި ރަށް ދޫކޮށްފައެއް ނުދާނަން. މިތަނުގައި އެބަ ތިބި ގެސްޓުން. އަހަރެން އަހަރެންގެ ގެސްޓުން ކަލޭމެން އަތް މައްޗަށް ދޫކޮށްލައިފައެއް ނުދާނަން،" ކެތީ ބުންޏެވެ.

ކެތީ "މިހާރު" އަށް ބުނި ގޮތުގައި، ރަށަށް އަރައިގެން އުޅޭ މީހުންނަކީ ކޮން ބައެއް ކަން އޭނާ އަށް ކަށަވަރެއް ނުކުރެވެ އެވެ.

"އެ މީހުން އެއްވެސް އައިޑީއެއް ވެސް ނުދައްކާ،" އޭނާ ބުންޏެވެ.

އޭގެ އިތުރުން، މަހާލްގެ ހިއްސާދާރުންނަކީ އޮޅުވާލައި މަކަރު ހަދާ ކޮރަޕްޓު ބައެއް ކަމަށް ތަކުރާރުކޮށް އޭނާ ބުންޏެވެ. އަދި ބުނީ ހައި ކޯޓުގެ ހުކުމަކީ ވެސް ކޮރަޕްޓް ހުކުމެއް ކަމަށެވެ.

ކޯޓުން މައްސަލައިގައި ވަކި ގޮތެއް ނިންމާފައިވާއިރު، އެކަމަށް ދެކޮޅު ހެދުމަކީ ރާއްޖޭގެ ގާނޫނުތަކަށް އިހުތިރާމު ކުޑަކުރުން ނޫންތޯ ސުވާލު ކުރުމުން އޭނާ ބުނީ ރާއްޖޭގެ ގާނޫނުތަކަށް އިހްތިރާމުކުރާ ކަމަށެވެ.

ކެތީ "މިހާރު" އަށް އިންޓަވިއު ދެނީ: އޭނާ ބުނި ގޮތުގައި ރަށުން ފައިބަން ޖެހޭ ސަބަބެއް ނެތް -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

"އަޅުގަނޑަކީ ރާއްޖޭގެ ގާނޫނުތަކަށް އިހުތިރާމު ކުޑަކުރަން މި ގައުމަށް އައިސްގެން އުޅޭ މީހެއް ނޫން. އަޅުގަނޑު ބޭނުންވަނީ އިންސާފު،" ކެތީ ބުންޏެވެ.

ކެތީ "މިހާރު"އާ ދެއްކި ވާހަކަތަކުން އެނގޭ ގޮތުގައި އޭނާ ރަށުން ފައިބަން ނުޖެހޭނެ ފަދަ ވަގުތީ އަމުރެއް ކޯޓުން ނެރެފައި އޮތްކަން އޭނާ ގަބޫލުކުރެ އެވެ. ނަމަވެސް، ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ހައި ކޯޓުން މިހާތަނަށް ނެރެފައެއް ނުވެ އެވެ.

އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައި ވަގުތީ އަމުރަކަށް އެދިފައި ވިޔަސް އަދި ވަކި ގޮތެއް ކޯޓުން ނުނިންމަ އެވެ. އެކަން ސާފުކޮށްދޭން މާހަލްގެ ވަކީލުން ވެސް މަސައްކަތް ކުރެއްވި އެވެ.

ކެތީ ރަށުން ނުފޭބުމުން މާހަލްގެ ފަރާތުން މަސައްކަތް ކުރީ ފުލުހުންނަށް ގުޅައިގެން އޭނާ ބޭރު ކުރުމަށެވެ. މާހަލްގެ ވަކީލުން ވިދާޅުވި ގޮތުގައި މިހާރު އޭނާ އަށް ރަށުގައި ހުރެވޭނެ އެއްވެސް ސަބަބެއް ނެތެވެ. އަދި އޭނާ ރަށުގައި މަޑު ކުރުމަކީ "ޓްރެސްޕާސިން" ނުވަތަ ހުއްދަ ނެތި ތަނަކަށް ވަނުމުގެ ކުށް ކަމަށް ބުންޏެވެ. އެކަމަކު، އެއީ މަދަނީ ކަމެއް ކަމަށް ބުނެ ފުލުހުން އެ ރިސޯޓަކަށް ނުދިޔަ އެވެ.

ކެތީގެ ވަކީލަކަށް މުހުތާޒު، މަޝްވަރާ އަށް ފުލުހުން

މައްސަލައިގައި ގޮތެއް ނުނިމިފައި އޮވެ، އިރު އޮއްސުނު ފަހުން ދުރުން ލޯންޗެއް އަންނަ ތަން ފެނުނެވެ. އެއީ ކެތީގެ ވަކީލެއްގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅެއްކަން ކުރިން އޮތީ އެނގިފަ އެވެ. ލޯންޗު ލެފުމުން އެނގުނު ގޮތުގައި އޭނާގެ ވަކީލަކީ ކުރީގެ ޕީޖީ މުހުތާޒު މުހުސިނެވެ.

މުހުތާޒު ޖެޓީ އަށް ފައިބާ ވަޑައިގަތް ނަމަވެސް، ރަށަށް އެރުމުގެ ހުއްދަ އޭނާ އަށް ނެތް ކަމަށް މާހަލް އިން އަންގުމުން އޭނާ ޖެހުނީ ލޯންޗުގައި މަޑު ކުރައްވާށެވެ. އެކަމަކު ފަހުން ކުޑަ އިރުކޮޅަކަށް ޖެޓީ އަށް ފައިބަން ހުއްދަ ދިނެވެ. އެ ވަގުތު ހަމަވުމުން އަނެއްކާ ވެސް ލޯންޗުގައި މަޑު ކުރެއްވި އެވެ.

ކެތީގެ ވަކީލު މުހުތާޒު ފުލުހުންނާ ވާހަކަ ދައްކަވަނީ: ފުލުހުން ރިހިވެއްޔަށް ދިޔައީ މަޝްވަރާގެ ކަންކަން ފަސޭހަކޮށްދޭން -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

މުހުތާޒު މާހަލްގެ ވަކީލުންގެ ކިބައިން އެދިވަޑައިގަތީ މަޝްވަރާކޮށްގެން މައްސަލަ އަށް ކޮންމެ ވެސް ހައްލެއް ހޯދައި "ޑެޑްލޮކް" ފިލުވާށެވެ. އެހެންވެ، ރަށަށް ފައިބައި އިށީނދެ ތިބި މަޝްވަރާ ކުރަން ހުށަހެޅުއްވި އެވެ. ނަމަވެސް، މާހަލްގެ ވަކީލުން ވިދާޅުވީ ޖެޓީގައި ތިބެގެން ވެސް މަޝްވަރާ ކުރެވިދާނެ ކަމަށެވެ. ޖެޓީގައި މަޝްވަރާ ކުރަން ކެތީ އުޒުރުވެރިވާތީ ވަކި ގޮތެއް ނުނިމި ގިނައިރުތަކެއް ވަންދެން ތިބެން ޖެހުނެވެ.

މިކަމުގައި އަލިމަގެއް ނުފެނިގެން މުހުތާޒު ފުލުހުންނަށް ގުޅުއްވައި، މަޝްވަރާގެ ކަންކަން ފަސޭހަކޮށްދިނުމަށް އެ ރަށަށް އައުމަށް އެދިވަޑައިގަތެވެ. އެކަމަށް އިޖާބަދީ، ލޯންޗެއް ކުއްޔަށް ހިފައިގެން ދެތިން ގަޑިއިރު ތެރޭގައި ފުލުހުންތަކެއް ރިހިވެއްޔަށް އައެވެ.

ފުލުހުން އައުމުން ކެތީ ވެސް ގެނެވި ޖެޓީގައި ފުލުހުންގެ ބެލުމުގެ ދަށުން ދެ ފަރާތުގެ ވަކީލުން މަޝްވަރާ ފެއްޓެވި އެވެ. މުހުތާޒު އެެދިވަޑައިގަތީ ރަށުން ފައިބަން ހަތް ދުވަހާއި 15 ދުވަހުގެ ދެމެދުގެ މުއްދަތަކަށެވެ. ނަމަވެސް، މަހާލްއިން ބުނެފައި ވަނީ އިތުރު އެއްވެސް މުއްދަތަކަށް ބަހައްޓަން ބޭނުން ނުވާ ކަމަށެވެ. އެއްބަސްވުން ބާތިލު ކުރި ފަހުން ރަށް ނުލިބޭ އިރު އެފަހުން އަހަރެއްވެފައިވާކަން ފާހަގަ ކުރެއްވި އެވެ.

"މިދިޔަ އަހަރު އެ މީހުން ސިވިލް ކޯޓަށް މައްސަލަ ވައްދައި ވަގުތީ އަމުރު ނެރުނު ފަހުން އަދި ކިރިޔާ މި ހިސާބަށް މި ދިޔައީ،" މާހަލްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި އެވެ.

ފުލުހުންގެ ހާޒިރުގައި ކެތީގެ ވަކީލު މުހުތާޒާއި މާހަލް ޓުއާސްގެ ވަކީލުން މަޝްވަރާ ކުރައްވަނީ: މަޝްވަރާ ކުރެއްވިޔަސް، ރަށުން ފޭބުމާ މެދު އެއްވެސް ގޮތެއް ނުނިމޭ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ސޭވް ދަ ޑްރީމް މޯލްޑިވްސްއިން މާހަލް އަށް ރަށް ހަވާލު ކުރި ކަމަށް ބުނާއިރު، ސޭވް ދަ ޑްރީމް މޯލްޑިވްސްއިން އެކަން ނިންމަން ބޯޑް ރިޒޮލޫޝަނެއް ނިންމާފައި ނުވާކަން މުހުތާޒު ފާހަގަ ކުރެއްވި އެވެ. އަދި އެމްޑީ އަށް އެކަނި އެ ނިންމުން ނުނިންމޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ދެ ފަރާތުން ވާހަކަ ދައްކައިގެން މައްސަލަ އަށް އެއްވެސް ހައްލެއް ނުލިބުމުން ފުލުހުންގެ އެދުމުގެ މަތިން މުހުތާޒު ރިސޯޓުން ފުރާވަޑައިގަތީ އެވެ.

އެކަމަކު ކެތީ އަދިވެސް ހުރީ އެ ރިސޯޓްގަ އެވެ. މާހަލްގެ އޮފިޝަލުން ވެސް ހަމަ އެ ފަސްގަނޑުގަ އެވެ. މައްސަލަ މިހާރު އޮތީ ހައި ކޯޓުގަ އެވެ. އެ ކޯޓުން ވަގުތީ އަމުރާ މެދު ނިންމާ ގޮތަކުން ކޮންމެ ވެސް އެއް ބަޔަކު ރަށުން ފައިބަން ޖެހިދާނެ އެވެ.

44 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 16%
icon angry icon angry 48%
icon wow icon wow 12%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަންނަކަލޭގެ

26 November 2021

ފްރާންސް މީހާ އަކީ ތިތަނުގެ އިންވެސްޓަރެއް ނޫން. މަރާމާތު ކަހަލަ ކަމެއް ނުކުރެއެކޭ ނޫން. ތިޔައީ އޯނަރުންގެ ގޮތުގައި މިހާރު ތިބި ކުދީންގެ ބައްޕަ ކުރި އިންވެސްޓްމެންޓެއް. ދޮންމީހާ އަށް އިތުރަށް އަހަރެއްހައި ދުވަހު ހިފެހެއްޓިއްޖެއެއްނު. ދެން ރަށުން ބާލާ

The name is already taken The name is available. Register?

ސަރޮކޯޒީ

09 September 2021

ކިހާ ދެރަކަމެއް! ރިހިވެއްޔަކީ އެފްރިކާގައި އެތް ފުރެންޗް ކޮލޮނީ އެއްތަ؟ ގޮންޖަހާފަ ނުފައިބާނަމޭ އެބަކިޔައެއްނު އަދި

The name is already taken The name is available. Register?

ޙިދާ

09 September 2021

ބިދޭސީން ލައްވާ ހުވަފެން ދައްކައިގެން އިންވެސްޓު ކުރުވާފަ ތަން ހަދާނިމޭއިރަށް ފޭރިގަތުމަކީ ދިވެހިންގެ އާދައަކަށް ވެއްޖެ. އެމރިކަ މުސްކުޅި މީހާވއސް ދަވާލި. ޖޯން ސޭފާރޓް ވާހަކަ މިބުނީ. އެނމެން ދަންނަ ބޮޑުސިއްރެއް

The name is already taken The name is available. Register?

މަރީނާތު

09 September 2021

މިކަހަލަ މަދު ބަޔަކު ރާއްޖޭގެ އަގު ވައްޓަނީ އިންވެސްޓަރުންގެ މެދުގަ. ކޯޓުންވެސް ގުޅިގެން ބައި އަޅާ ގޮތަށް ކުރެވޭ ކަމެއް ކަމަށް ބޮޑަށް ބެލެވެނީ. މިކަހަލަ މަކަރުވެރި މީހުނާ ހެދި ރާޢްޖެއަށް އަންނަން އިންވެސްޓަރުން ބިރުވެސް ގަންނާނެ

The name is already taken The name is available. Register?

ފްރެންޗްޓޯސްޓް

08 September 2021

އެންމެން ބާލާ ތިތަނުން. ތިތަން ބާއްްވާ އަަހަރެމެން ދަތުރުދާން

The name is already taken The name is available. Register?

ދޭސީ

08 September 2021

ރިސޯޓު ދުހެދޭ ވަރުންވެސް ރަށްރަށް ނަގައިގެން ބޭރު ކުންފުނިތައް ލައްވާ ރިސޯޓު ހެދުނީމަ އަތުލަނީތަ؟ އޭނަ އެއްފަހަރު ބުނާ އަޑު އިވޭ “ވީ ހޭވް 50% ޝެއާއޭ’

The name is already taken The name is available. Register?

ޢަރުތަ

08 September 2021

"އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައި ވަގުތީ އަމުރަކަށް އެދިފައި ވިޔަސް އަދި ވަކި ގޮތެއް ކޯޓުން ނުނިންމަ އެވެ". މީ ވަރަށް މުހިއްމު ޕޮއިންޓެއް.

The name is already taken The name is available. Register?

ޙޖހގހވ

08 September 2021

ޔޫރަޕްގެ ދޮންމީހުނަށް ހީވަނީ ދިވެހިންނަކީ ގަމާރުންނޭ. އެހެންނުވާނީ ޔޫރަޕް ދޮންމީހެއްވިއްޔާ އެމީހުންގެ ގައުމުގަ ކުނިޑަސްޕިން ހާވަންއުޅެފަ ރާއްޖެއަޔަސް އެމީހުންނާހެދި ދިވެހިންތިބެނީހޭބަލިވެފަ. ސައުތު އިންޑިއާ ހިސާބުން އަންނަ ބޭރުމީހުންފެނުނަސް ދިވެހިންރުޅިއަރާނެ ހަމުގެ ކުލަ ކަޅުވީމަ.

The name is already taken The name is available. Register?

ހުސެން

08 September 2021

""އަދި ބުނީ ހައި ކޯޓުގެ ހުކުމަކީ ވެސް ކޮރަޕްޓް ހުކުމެއް ކަމަށެވެ"" މިމަންޖެ ކިޔާއެއްޗެއްގެ ހަގީގަތް އެބަޖެހޭބަލަން، ހަމަގައިމުވެސް މިރާއްޖޭގެ ކޯޓުތަކަކަށް ވާނުވާއެނގޭ އެއްވެސްމީހަކު އިތުބާރެއްނުކުރާނެ، ސަބަބެއްއޮވެގެން ކަމަށްގަބޫލުކުރެވޭ "ކެތީ" މިހެންމިއުޅެނީ

The name is already taken The name is available. Register?

ނާމްދި ކާނޫ

08 September 2021

ތި ރަށުގެ މައްސަލާގައި ތި ފުރާންސު މީހުންގެ ބަހެއް ހޯދާ އެމީހުން ބުނަނީ ކީކޭތޯ ބަލާ އެމީހުންގެ ބަހެއްވެސް ނޫހުން ގެނެސްދިނުން މުހިއްމު. ކޮންމެ މައްސަލައެއްގާވެސް ދެފަރާތުގެ ވާހަކަ ބަލާލުމުން މަންޒަރު މާ ސާފުވާނެ!

The name is already taken The name is available. Register?

ދަންނަމޭ

08 September 2021

ދިވެހިން އަތުން ބޭރު މީހުން ރިސޯރޓްސް ތައް ފޭރިގަންނަނީ މިގޮތަށޭ މިރާއްޖޭގައި ދިވެހިން އުފެއްދި އެއްޗެކޭ ޓޫރިޒަމް އަކީ މިހާރު ދިވެއްސެއްގެ އަތުގައި ނެތޭ ރިސޯރޓެއް ހުރިހާ ރިސޯރޓްސް ތައް ބޭރު މީހުން ރާއްޖޭގައި ތިބި ބޮޑެތި ކޮރަޕްޓް ކާރޓެލް ވަކީލުންނާއި ގުޅިގެން ކައްވާލަނީއޭ ރިހިވެލި ރިސޯރޓްގެ އޯނަރަށް އޮޅުވާލައިގެން ރައީސް މައުމޫނުގެ ވެރިކަމުގައި އެޓާނީ އަކަށް އުޅުނު އައްޑޫ ހިތަދޫ މީހަކު ވަނީ އެރިސޯރޓްގެ ބޮޑު ހިއްސާ ފްރާންސް މީހަަކަށް ވެސް ދީފައޭ

The name is already taken The name is available. Register?

ޛޮންމާ

08 September 2021

ކޮސް ނުގޮވާ. ރިސޯރޓެއްގެ ހިއްސާ އަކީ އެގޮތަށްދެވޭ އެއްޗެއްނޫން. ތި ތަނުގެ އަސްލު މައްސަލަ އަދި ސާފުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454