އާ އަހަރު ފާހަގަކުރަން ރޭ އަލިމަސް ކާނިވަލުގައި ބޭއްވި މިއުޒިކް ޝޯގައި އާންމުން ފޯރިނަގަނީ: އާ އަހަރަށް ކަނޑައަޅަން ޖެހޭ އަޒުމްތައް ގިނަ
01 ޖެނުއަރީ 2018 - 08:28
ކޮންމެ އާ ފެށުމަކީ ވެސް އުއްމީދުތަކަށް ހުޅުވާލެވޭ ދޮރެކެވެ. އަޅުގަނޑުމެނަށް 2017 އަލްވަދާޢު ކިޔައި، 2018 ވަނަ އަހަރަށް މަރުޙަބާކިޔާ މި ދަނޑިވަޅަކީ ވެސް ހަމަ އެފަދަ ވަގުތެކެވެ. އުއްމީދުތައް އާކުރުމުގެ ވަގުތެކެވެ. އުއްމީދުތައް ހާސިލު ކުރުމަށް ޢަޒުމު އާކުރުމުގެ ވަގުތެކެވެ.
އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކުމެ މިއަދުގެ މި އާ އަލިވިލުމާ އެކު ކުރާނެ އާ އުއްމީދުތަކެއް ވާނޭކަން ކަށަވަރެވެ. ފަރުދީ ފެންވަރެއްގަ އެވެ. ޖަމާޢަތުގެ ފެންވަރުގަ އެވެ. އަދި ގައުމުގެ ނިސްބަތުން ވެސް މެ އެވެ.
ކޮންމެ ފަރުދެއްމެ ދެކެން ބޭނުންވާނީ ތިމާ އާއި ތިމާގެ ޢާއިލާއަށް އަދަށް ވުރެ ފަހި، ތަނަވަސް، އުފާވެރި މާދަމާއެކެވެ. ތިމާ އުޅެ ބޮޑުވި ހާލަތަށް ވުރެ ތަނަވަސް، ފުދުންތެރި އަދި އުފާވެރި ހާލަތެއްގައި މިނިވަން، ރައްކާތެރި ވެއްޓެއްގައި ތިމާގެ ދަރިން ބޮޑެތި ކުރުމުގެ ފުރުސަތަށެވެ. އަޅުވެތި ކަމެއް ނެތި ބޯހިޔާވަހިކަން ލިބުމަށެވެ. ތަޢުލީމާއި، ޞިއްޙަތާއި، އިޖްތިމާޢީ ދުޅަހެޔޮކަން އިހުނަށް ވުރެ ފުރިހަމަ ވުމަށެވެ. ދޮށީ ޢުމުރަށް ދާއިރު މުޖުތަމަޢުން ބަލައިގަނެ، އިޖްތިމާޢީ ރައްކާތެރިކަމުގެ ވިއުގައެއް ގާއިމުވުމަށެވެ. ނުކުޅެދުންތެރިކަން ކުރިމަތިވެފައިވާ މީސްމީހުންނަށް ވެސް މިކަންކަން ހަމަޖެހުމަށެވެ. އެކަނިވެރި މައިންނަކީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ބައެއް ކަމަށް ޤަބޫލުކުރެވި އިޖުތިމާއީ އަދާލަތުގައި ހިމެނިފައި ވުމަށެވެ. އަނެކާގެ ގާތަށް ސަލާން ޖަހަން ނުގޮސް ތިމާ އާއި ތިމާގެ ޢާއިލާގެ މުހުތާދުތައް ފުއްދައި ފަޚުރުވެރިކަމާ އެކު މުޖުތަމަޢުގައި ހަމަ އިސްކޮޅަށް ތެދުވެ، ޙަލާލު މަސައްކަތުން އާމުދަނީއެއް ހޯދޭނެ ވަޒީފާގެ ފުރުޞަތު ލިބުމަށެވެ. އޮބިނޯންނަ މިންވަރަށް ދަރާ ނުވިކި ޝަރަފުވެރި ދިރިއުޅުމެއް އާރާސްތު ކުރުމަށެވެ. ޒުވާނުންނާއި އަންހެނުން ކުރިއަށް ގެންދިއުމުގެ ވާހަކައަކީ ސިޔާސީ ޕޯޑިއަމްތަކުގައި ސިޔާސީ ކުރިއެރުން ހޯދުމަށް ބޭނުންކުރާ އަތްމަތީ ބަހަކަށް ނުވުމަށެވެ. ތަރައްޤީގެ ވާހަކައަކީ ވައްކަން ކުރަން ދައްކާ ބަހަނާއަކަށް ނުވުމަށެވެ.
ކޮންމެ ފަރުދެއްމެ ދެކެން ބޭނުން ވާނީ ބިރުވެރިކަމާއި އަނިޔާވެރިކަމުން ސަލާމަތް ވެފައިވާ ވެއްޓެކެވެ. ބިރުވެރި ކަމެއް ނެތި ހިތާއިދުލުން ޚިޔާލާއި ފިކުރު ޙިއްޞާ ކުރެވޭނެ ވެއްޓަކަށެވެ. ޑްރަގާއި، ކަޓަރާއި، ޚަންޖަރުގެ ޝިކާރައަކަށް ނުވެ އުޅެވޭނެ ކަމުގެ ޔަޤީން ކަމަށެވެ. ތިމާއަށް ވުރެ ތިމާގެ ދަރިންނަކީ ދުނިޔޭގެ ކަން ހިނގާ މަގުތަކަށް ލޯ ހުޅުވޭ މަޢުލޫމާތު ހުރި ހުށިޔާރު ބަޔަކު ކަމުގައި ހެދުމަށެވެ. މި ކަންކަން ފަހިވެގެން ދާނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާއަށް ދެއްވި އެންމެ މަތިވެރި ނިޢުމަތް ކަމުގައިވާ ބުއްދީގެ ބޭނުން ފުރިހަމައަށް ކުރުމަށް އެންމެ ތުއްތު އިރުއްސުރެ ކުދިންނަށް ފުރުޞަތު ހުޅުވާލެވިފައިވާ ވެއްޓެއް ގާއިމު ކުރެވިގެންނެވެ. ޙަސަދަ އާއި، ފިތުނަ އާއި، ތަޢައްޞަބުން އެއްކިބާވެ، ޒިންމާވެ ޖަވާބުދާރީ ވުމާއި، ހަމަހަމަކަމާއި، އިންސާފަށް ލޯބިކުރުމުގެ އާދަ އަށަގަންނުވައިގެންނެވެ. އާ ކަންތައްތަކާއި އާ ވިސްނުންތަކަށް މަރުޙަބާ ކިޔަން ދަސްކޮށްދީގެންނެވެ. އިންސާނީ ކަރާމަތާއި، އިންސާނީ ޙައްޤުތަކަށް ލޯބިކުރަން ދަސްކޮށްދީގެންނެވެ.
ޖަމާޢަތަކީ ފަރުދުންގެ ބައިވެރިވުމެއް ނެތި ވުޖޫދުވާނެ އެއްޗެއް ނޫނެވެ. ހަމަ އެފަދައިން ގައުމެއް ގައުމަކަށް ވަނީ ވެސް ހަމަ ފަރުދުންތަކެއް ޖަމާޢަތް ހަދާ ބައިވެރިވެގެންނެވެ. އެހެންކަމުން ޖަމާޢަތުގެ އުއްމީދުތަކަކީ ވެސް، އަދި ގައުމެއްގެ އުއްމީދުތަކަކީ ވެސް ފަރުދުންގެ އުއްމީދުތަކާ ސީދާ ގުޅިލާމެހިފައިވާ އެއްޗެކެވެ. ފަރުދުންގެ އުއްމީދުތައް ކަތިލުމަށް ފަހު، ގައުމެއްގެ އުއްމީދުތައް ސިފަކުރެވިދާނެ ކަން ދޭހަކޮށް ވާހަކަ ދައްކާ އެ މަގަށް މަސައްކަތް ކުރާ ފަރާތްތަކުން އެ އިސްކުރަނީ ޖަމާޢަތުގެ ހެވާއި ލާބައަށް ވުރެ އަމިއްލަ ފައިދާ އާއި ބޭނުންތަކެއްކަން ކަށަވަރެވެ.
އާ އަހަރަށް މަރުޙަބާ ކިޔާ ދުވަހުު އަޅުގަނޑުމެން ކޮންމެ ފަރުދަކުމެ އަމިއްލަ ނަފުސާ ކޮށްލަން މުހިންމު ސުވާލުތަކެއް ވެ އެވެ. ނިންމަން ޖެހޭ ނިންމުންތަކެއް ވެ އެވެ: ތިމާ އާއި ތިމާގެ ޢާއިލާއަށް މި ފެށޭ އާ އަހަރު ކުރާ އުއްމީދުތަކަކީ ކޮބައި ހެއްޔެވެ؟ އެއަށް ފަހު، އެ އުއްމީދުތައް ހާސިލު ކުރުމަށް ޢަޒުމު ކަނޑައަޅަންވީ އެވެ. އެ އުއްމީދުތަކަކީ ހާސިލުކުރެވޭނެ އުއްމީދުތަކެއް ކަމުގައި ހިތުގެ އަޑިން ޤަބޫލުކޮށް އެ އުއްމީދުތައް ހާސިލު ކުރުމަށް ރޭވުންތައް ރާވަންވީ އެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކިބަފުޅުން ވާގި އެދި، އާ ހިތްވަރެއްގައި، އާ ޖޯޝެއްގައި މަސައްކަތް ފަށަންވީ އެވެ. މި މަސައްކަތް ކުރިއަށް ގެންދަންވީ އަނިޔާވެރިކަމާއި، ބިރުވެރިކަމާއި، ޙަސަދައިގެ މައްޗަށް ރަޙުމާއި ލޯތްބާއި އޯގާތެރިކަން އަބަދުމެ ކާމިޔާބު ހޯދާނެ ކަމުގެ ޔަޤީންކަމުގަ އެވެ. ވައްކަމާއި، ފަސާދަ އާއި، ފިތުނައިގެ މައްޗަށް ތެދުވެރިކަމާއި، އަމާނަތްތެރިކަމާއި، ސަމާޙަތްތެރިކަން ކުރި ހޯދާނެ ކަމުގެ ފުރިހަމަ ޔަޤީންކަމުގަ އެވެ. ނަޞްރަށް ކާމިޔާބު ލިބޭނެކަމުގެ މަތިވެރި އިލާހީ ބަސްފުޅުން ހިތްތައް ނޫރާނީ ކުރަމުންނެވެ!
މިއީ އުއްމީދާއި ޢަޒުމު އާކުރުމުގައި ސާބިތުވުމުގެ ވަގުތެވެ! އާ އަހަރުގެ ހެޔޮއެދުން އެންމެ ބޭފުޅުންނަށް އަރިސްކުރަމެވެ.
ޝާހިދަކީ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސެވެ. މިހާރު ވެސް އޭނާ ގެންދަވަނީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުން ރައްޔިތުންގެ މަޖިލިހުގައި އެ ޕާޓީ ތަމްސީލްކުރައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަހުޔާ
01 January 2018
އަޅުގަނޑުމެން ހަގީގަތުގަވެސް ވިސްނަން ވެއްޖެ. ސާހިދުގެ ވާހަކަފުޅައް ތާއީދު. މިފަދަ މަޒުމޫން ނުވަތަ ލިޔުންތައް އިތުރު ކޮށްދެއްވާ
މަރިޔަން
01 January 2018
ޝާހިދުގެ ވިސްނުންފުޅު ވަރަށް ރަގަޅު. ބޭނުމީ މިފަދަ ސިޔަސީ ވިސްނުންތެރިން
falaku ain
01 January 2018
އާނ. އާކޮށްލަމާ ހިނގާ. ޖުލައި 26ގެ ކުރިންވާނެ އާކޮށްލަން.
އަލިބެގެ
01 January 2018
އަބްދުﷲ ޝާހިދު ކެމްޕެއިން ކުރާތާ ކިތައްމެ ދުވަހެއް. ނަޝީދަކަށް ޖާގައެއް ނުދޭނެ ޝާހިދުމެން.
ާއަހުމަދު
01 January 2018
ބަރާބަރުވާހަކައެއް. ވައްކަމާފޭރުމުން މިރާއްޖެސަލާމަތްކުރަން ރައްޔިތުން ނުކުންނަންވެއްޖެ
ދޮން އާމިރު
01 January 2018
ޖީލެއް މިއޮތް ނައްތާލަނީ.