ރުއްގަސް މަދުވުމުން ކަންބޮޑުވާން ޖެހެނީ ކީއްވެ؟

ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމެކެވެ. ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވޮލެޕިން ސްޓޭޓްސް (ސިޑްސް)ގެ ތެރެއިން އެންމެ ނާޒުކު އެއް ގައުމަކީ އަހަރެމެން ދިރިއުޅެމުން މިއަންނަ ރާއްޖެ އެވެ. ރާއްޖޭގެ ޖިއޯގްރަފީ އަދި އުފެދުމުގައިވާ ސިފަތަކެއްގެ ސަބަބުން ގައުމުގެ ނާޒުކުކަން ބޮޑުވެ އެވެ. މިގޮތުން ރާއްޖޭގެ ގާތްގަނޑަކަށް 80 ޕަސެންޓް ބިމުގެ ސަރަހައްދު މިވަނީ ކަނޑުގެ ލޮނުގަނޑުން އެންމެ 1.5 މީޓަރު މަތީގަ އެވެ. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 50 ޕަސެންޓް މީހުން ދިރިއުޅެމުން ގެންދަނީ ގޮނޑުދޮށާ އެންމެ 100 މީޓަރުގެ ދުރުމިނުގަ އެވެ. އުމްރާނީ މުހިންމު ވަސީލަތްތައް ކަމުގައިވާ ހޮސްޕިޓަލް، އެއާޕޯޓް، އިންޖީނުގެ، ސުކޫލް އަދި ކުނިކޮށި ފަދަ އިމާރާތްތަކުގެ 70 ޕަސެންޓް ވެސް ވަނީ ގޮނޑުދޮށުން އެންމެ 100 މީޓަރު ދުރުގަ އެވެ.


ރާއްޖެ އަށް 2006-2009 ދެމެދު ކުރިމަތިވި މޫސުން ގޯސްވުމުގެ ހާދިސާތަކުގައި މީހުން ދިރިއުޅޭ 90 ރަށެއްގައި ފެންބޮޑުވި އެވެ. މީގެ ތެރެއިން 37 ރަށެއްގައި އާދަކޮށް ފެންބޮޑުވުމުގެ މައްސަލަ އޮވެ އެވެ. އަދި 2007 ގައި މެދުވެރިވި އުދަ އެރުމުގެ ހާދިސާތަކުގައި 16 އަތޮޅަކުން 68 ރަށެއްގައި ފެންބޮޑުވެ 500ގެ ހަލާކުވެ، 1600 މީހުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހުނެވެ. އޭގެ އިތުރުން 2004 ގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 97 ޕަސެންޓް ރަށުން ރަށްގިރުން ރިޕޯޓްކޮށްފައިވާ އިރު މީގެ ތެރެއިން 65 ޕަސެންޓް ރަށް އާދަޔާ ޚިލާފަށް ބޮޑަށް ގިރާފައިވާ ކަމަށް ރިޕޯޓްކުރި އެވެ.

މަތީގައި ދެންނެވި ތަފާސްހިސާބުތަކާ ނުލައި ވެސް، ރާއްޖޭގައި އުޅެބޮޑުވި މީހެއް ނަމަ، އަހަރެމެންގެ ރަށްތަކުގެ ނާޒުކުކަން ވިސްނައިގަންނަން އުނދަގުލެއް ނުވާނެ އެވެ. ނަމަވެސް ރަށްތަކުގެ ނާޒުކުކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދާކަން އެނގެނީ ކިތައް ދިވެހިންނަށް ބާވަ އެވެ؟ މޫސުމަށް އަންނަ ބަދަލުތައް ނުވަތަ ކްލައިމެޓް ޗޭންޖްގެ ސަބަބުން ދުނިޔޭގެ ގަނޑުފެންތައް ވިރި ކަނޑުގެ ލޮނުގަނޑު އުފުލެމުން ދާ ވާހަކަ މިޒަމާނުގައި މީހަކަށް އަޑުނީވި އޮތުމަކީ ވަރަށް ނާދިރު ކަމެކެވެ. ރާއްޖޭގައި ހަދާފައިވާ ދިރާސާތަކުން ވެސް މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އޮތް ނުރައްކާ ވަރަށް ރަނގަޅަށް ހާމަވެ އެވެ.

އ.ދ. ގެ އިންޓަގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން ބުނާ ގޮތުގައި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ކޮންޓްރޯލް ނުކޮށްފި ނަމަ 2100 ވަނަ އަހަރު އަންނަން ވާއިރަށް ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖޭގެ ގާތްގަނޑަކަށް 80 އޮންނާނީ މޫދު އަޑީގަ އެވެ. ސާކް ގައުމުތަކުގެ މިޓިއޮރޮލޮޖިކަލް ސެންޓަރުގެ ސައިންޓިސްޓުންތަކެއް 2010 ގައި ސ. ގަމާއި ހުޅުލޭ އެއާޕޯޓްގައި ހުރި ކަނޑުގެ ލޮނުގަނޑުގެ އުސްމިން ބަލާ ދެ އާލާތަކުން ރިކޯޑް ކޮށްފައިވާ މަޢުލޫމާތު ދިރާސާ ކުރުމަށް ފަހު ބުނެފައިވަނީ މާލެ ސަރަހައްދުގައި އަހަރަކު އެވްރެޖްކޮށް 4.1 މިލިމީޓަރު އަދި ސ. ގަން ސަރަހައްދުގައި 3.99 މިލިމީޓަރަށް ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ކަމަށެވެ. މިހެން މިގޮތަށް ވަމުންދާ ނަމަ ރާއްޖެ ކަނޑު އަޑިއަށް ދިއުމުގެ ބިރު އޮތްވަރު ލަފާކުރެވެ އެވެ.

ރަށްރަށުގެ ގުދުރަތީ ސިފަތައް ހިމާޔަތްކުރުން

ރާއްޖޭގެ ރަށްތަކުގެ ނާޒުކުކަން ކުޑަކޮށްދީ އަދި ނުރައްކާތެރި ގުދުރަތީ ހާދިސާތަކާ ދެކޮޅަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ރަށްތަކުގެ ގުދުރަތީ ވެއްޓާއި ނިޒާމްތައް ހިމާޔަތްކުރުމެވެ. މިގޮތުން ރަށްރަށުގެ އުފެދުމުގައި ލައްވާފައިވާ ފަރު، ކުޅި، ފާ، ޗަސްބިން، ވަލުތެރެ، ހޭޅިފަށް، ފުއްޓަރު، އާނުގަނޑު ފަދަ ގުދުރަތީ ނިޒާމްތައް ހިމާޔަތްކޮށް ދިރުވާ އާލާކުރަން ކޮންމެހެން ވެސް މަސައްކަތްކުރަން ޖެހެ އެވެ.

ރަށެއް ވަށައިގެން އުފެދިފައި އޮންނަ ގުދުރަތީ އެންމެ މުހިންމު އެއް ވަސީލަތަކީ ރަށުގެ ހޭޅި އެވެ. ރަށުގެ ހޭޅީގައި ހެދޭ މަގޫ، ބޯށި، ކުރެދި އަދި ބޯކަށިކެޔޮ ފަދަ ގަސްތަކަކީ ލޮނުގެ އަސަރު ނުކުރާ، ދޮންވެލީގައި ބާރަށް ހެދި، ގަދަޔަށް މޫ ފައިބާ ބާވަތްތަކެވެ. މި ފަދަ ގަސްތަކުގެ މޫތަކުން ގޮނޑުދޮށުގެ ވެލިގަނޑު ބާރުކޮށްދީ އެކަތިގަނޑެއްގެ ގޮތުގައި ހިފަހައްޓައިދެ އެވެ. ހޭޅިފަށުގައި ހެދިފައިވާ ގަސްތަކާއި އެގަސްތަކުގެ މޫތަކަކީ ކަނޑުން އަރައިގެން އަންނަ ރާޅާއި ރަށާ ދެމެދު ލެވިފައިވާ ގުދުރަތީ ފާރަކަށް ވެ އެވެ. އަދި ހަމަ އަރައިގެން އަންނަ ގަދަ ވައިރޯޅިތަކުގެ ބާރު ދަށްކޮށްދީ ރަށަށް ލިބޭ ގެއްލުން މި ހޭޅީގެ ސަބަބުން ކުޑަކޮށްދެ އެވެ. މީގެ އިތުރުން ވައިގެ ޒަރިއާއިންނާއި ވައި ރޯޅިއާ އެކު ރަށުތެރައަށް ލޮނުގެ ސްޕްރޭ (ވިއްސާ ލޮނުގެ އަސަރު) ދިއުން ކުޑަކޮށް، ޓިނު ފުރާޅު، ގެދޮރު އަދި މުދަލަށް ލިބޭ ގެއްލުން ކުޑަކޮށްދެ އެވެ.

ރާއްޖޭގެ ރަށެއްގެ މޫދު ކައިރިން ދެ މީހަކު ހިނގާލާފައި ދަނީ: ހޭޅިފަށް ސަލާމަތްކުރުމުން ރަށަށް ހިމާޔަތް ލިބޭ

ހޭޅިފަށުގައި ގަސް އިންދައި ރަނގަޅު ކުރުމަކީ އައްސޭރި ފަށުގައި ހިނގާ ކާރިސާތަކުން ސަލާމަތްވާން މިހާރު ދުނިޔޭގެ އެހެން ގައުމުތަކުގައި އެންމެ ގަދަޔަށް ކުރާ އެއް މަސައްކަތެވެ. މިފަދަ ގުދުރަތީ ވަސީލަތްތަކަށް ބަރޯސާވާ މަޝްރޫއުތަކަށް ކިޔަނީ "ސޮފްޓް އިންޖިނިއަރިން ސޮލިއުޝަންސް" އެވެ. މިއީ ބޮޑު ހިލަ ޖެހުން ފަދަ 'ހާޑް އިންޖިނިއަރިން ސޮލިއުޝަންސް" އާ ތަފާތު ކުރުމަށް ކިޔައިއުޅޭ ނަމެކެވެ. ނަމަވެސް ރާއްޖޭގެ ރަށްތަކުގައި "ރިންގް ރޯޑު" ނުވަތަ ރަށް ވަށައި އޮންނަ ގޮތަށް ފުޅާ މަގެއް ހެދުމުގެ ބޭނުމުގައި ގުދުރަތީ ހޭޅި ނެތިކޮށްލާތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ. ހޭޅީގައި ހެދިފައިވާ ރުއްގަސް، މަގުހެދުމުގެ ނަމުގައި ރިސޯޓްތަކަށް ބޭރުކުރުމުގެ މައްސަލަ ވަރަށް ބޮޑަށް މިވަނީ ކުރިމަތި ވެފަ އެވެ. ރަށެއްގެ ހޭޅި މިގޮތަށް ނެތި ކޮށްލުމަކީ އުދަ އެރުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން މުސްތަގުބަލްގައި އިތުރުވާނެ ކަމަށް ލަފާކުރާ ގުދުރަތީ ހާދިސާތަކަށް ހުޅުވޭ ދޮރަކަށް ނޫނީ ނުވާނެ އެވެ. މިހާތަނަށް ކުރިމަތިވެފައިވާ އުދަ އެރުމުގެ ހާދިސާތަކާއި 2004ގެ ސުނާމީ ކާރިސާގައި ވެސް ހޭޅި ހުރި އަދި ރަށްތަކުގެ ހޭޅި ބޯކޮށް ހުރި ދިމާތަކަށް ވީ ގެއްލުން ކުޑަ ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ.

ގަސްތަކުގެ އިތުރުން ރަށުގެ ވަލުތެރޭގައި ހެދިފައިވާ ރުއްގަސް ވެސް ތަފާތު އެކި ޕްރޮޖެކްޓްތައް ހިންގަން ބިން ސާފު ކުރުމުގެ ނަމުގައި ރިސޯޓްތަކަށް އަންނަނީ ގެންދަމުންނެވެ. މިގޮތަށް ރިސޯޓްތަކަށް އެންމެ ގިނައިން ގެންދާ އެއް ބާވަތަކީ ރުކެވެ. ދިވެހި ރުކަކީ އަހަރެމެންނަށް ކިހާ ބޭނުންތެރި އެއްޗެއްކަން އެއްވެސް ފަރާތަކަށް އޮޅިފައެއް ނޯންނާނެ އެވެ. ރަށްތަކަށް ރީތިކަމާއި ފެހިކަން ލިއްބައި ދިނުމުގެ އިތުރުން ރުކަކީ ދިވެހި ސަގާފަތާއި އާދަކާދަ، ރަށްފުށުގެ ދިރިއުޅުން އަދި ތަފާތު އެކި މަސައްކަތްތެރި ކަމާ ވެސް ގުޅިފައިވާ މުހިންމު އެއްޗެކެވެ. މިގޮތުން ކާށި ނުލިބޭ ރަށެއްގައި ކާއްޓަށް ކުރަން ޖެހޭ ޚަރަދަށް ވިސްނާލުމުން ވެސް ރުކެއްގެ މުހިންމުކަން އެނގެ އެވެ. ހެނދުނު ސައިގެ މަސްހުނިން ފެށިގެން ގޮސް، މެންދުރާއި ރޭގަނޑު ކައި އުޅޭ ރިހައިގެ ކިރާއި އެކި ބާވަތުގެ ފޮނި ކާތަކެތި ތައްޔާރުކުރަން ވެސް ކާށި ބޭނުންކުރެ އެވެ. ހަމަ މިގޮތަށް ފުޅާވަމުން އަންނަ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިއާ އެކު ކުރުނބަލަށް އޮންނަ ޑިމާންޑް ވެސް މިވަނީ އިންތިހާއަށް އުފުލިފަ އެވެ.

މިހާރު ގިނައިން ކާށި ހޯދަމުން މިދަނީ މީހުން ދިރިއުޅޭ ރަށްރަށާއި ފަޅުރަށްރަށުގައި ކާބަފައިންގެ ޒަމާނުގައި އިންދާފައިވާ ރުއްދަނޑުތަކުންނެވެ. މިހުރިހާ ރުއްތަކެއް ނެތި ހިނގައްޖެ ނަމަ ރަށްރަށް ކާއްޓަށް ޖެހި، ކާށި އެތެރެ ކުރަން ޖެހިއްޖެ ނަމަ އާއިލާތަކުން ކުރަން ޖެހޭނެ ހަރަދު ވިސްނާލާށެވެ. މިހާރުވެސް މިފަދަ ބައެއް ރުއްދަނޑުތައް މުސްކުޅިވެ މަތިވަރު ގެއްލުމުގެ މައްސަލަ މިވަނީ ކުރިމަތިވެފަ އެވެ.

ކާށީގެ އިތުރުން ރުކުން ވެއްޓޭ ފަން ބޭނުންކޮށްގެން ފަންގި ވިނުމަކީ ވެސް ރަށްފުށު އަންހެނުން އާމްދަނީ ހޯދަން އެންމެ ގަދަޔަށް ކުރާ އެއް މަސަކަތެވެ. މިފަދަ މަސައްކަތްތަކުން ލިބޭ އާމްދަނީއަކީ ރަށްތަކުގެ އާއިލާތަކަށް ވަރަށް މުހިންމު އެއްޗެކެވެ.

ރުކެކޭ އެއްގޮތަށް ވަލުގައި ހެދިފައިވާ ބޮޑެތި ގަސް ވެސް، އެއްވެސް ބެލުމެއްނެތި، ތަރައްގީގެ އެކި ޕްރޮޖެކްޓް ހިންގަން ކަމަށް ބުނެ ރިސޯޓްތަކަށް ބޭރުކުރުން މިވަނީ އާންމު ވެފަ އެވެ. ވަލުގައި ހެދިފައިވާ ގަސްތަކުން ވެސް ރުކެކޭ އެއްފަދައިން އެތައް ފައިދާއެއް ލިއްބައިދެ އެވެ. މިދިލި ގަސްތައް މަދުވެ ކަނަމަދު ނުލިބިއްޖެ ނަމަ ކަނަމަދު ކޭކު ނުލިބުމުގެ އިތުރުން ރަށްފުށުގެ އާމްދަނީ ހޯދަންކުރާ މަސައްކަތަކަށް ވެސް ބުރޫއަރާނެ އެވެ. މާކަށިކެޔޮ، ކުއްޅަވައް ފަދަ ވަލުގައި ހެދޭ އެހެން ގަސްތަކުން ލިބޭ މީރު މޭވާ ވެސް ލިބުން ދަތިވާނެ އެވެ. އަނެއްކޮޅުން ދަރު ނުލިބުމުގެ މައްސަލަ ވެސް ކުރިމަތިވާނެ އެވެ. މިހާރު ވެސް ރިހާކުރު ކެއްކުން، ހަވާދު ހެދުން، ފަތް އަދި ހެދިކާ ތެލުލުމާއި ހާލު ފޮޅި އެޅުމާއި އައްޑޫ ބޮނޑިހިލުން ފަދަ މަސައްކަތްތަކުގައި ދަރު ބޭނުން ކުރުން ވަރަށް އާންމެވެ. އެހެންކަމުން ރަށުގެ ވަލުތެރޭގައި ހެދިފައިވާ ގަސްތައް ބެލުމެއް ނެތި ވަގުތީ ކުޑަ ފައިސާކޮޅަކަށް ރަށުން ބޭރުކުރުމަކީ އާމްދަނީ ހޯދަން ކުރާ އެހެން މަސައްކަތްތަކުގެ ޚަރަދު ކުރިމަގުގައި ބޮޑުވެ އެތައް ބައެއްގެ އާމްދަނީއަށް ހީނަރުކަން އަންނާނެ ކަމެކެވެ.

ރަށެއްގެ ވަށައިގެން ބޮޑު ހިލަ ޖަހާފައި: ގުދުރަތީ ނިޒާމުގެ ފުރިހަމަކަން މާ ބޮޑު

ވަލު ތެރޭގައި ހެދިފައިވާ ގަހާއި ރުއްތަކަކީ ރަށުގެ ވައި ސާފުކޮށްދީ ރީތިކަން ގެނެސް ދިނުމުގެ އިތުރުން ރަށް ފިނިކޮށްދޭ ގުދުރަތީ ނިޒާމެކެވެ. ރަށްތަކުން ގަސްމަދުވެ އިންތިހާއަށް ހޫނު ގަދަވުމުގެ ސަބަބުން ގޭގޭގައި އެއާކޮންޑިޝަން ހަރުކޮށް ކަރަންޓަށް ކުރާ ހޭދަ މިވަނީ އިތުރު ވެފަ އެވެ.

ގުދުރަތީ ވަސީލަތްތައް: ތަރައްގީއަކުން ނުހޯދޭނެ މަންފާއެއް

ރަށްރަށުން ރުއްގަސް މަދުވުމުން ގުދުރަތީ ކާރިސާތަކަށް ރަށްތައް ހުށަހެޅިގެން ދެ އެވެ. މިގޮތުން ހޭޅިއެކޭ އެއްގޮތަށް ރުއްގަހުން ވައި ރޯޅީގެ ބާރު ކުޑަކޮށްދެ އެވެ. އަދި ހަމަ އެގޮތަށް ބިންގަނޑު ބާރުކޮށްދީ ވެލިގަނޑު ހިފަހައްޓައިދީ ރަށް ގިރުން ކޮންޓްރޯލްކޮށްދެ އެވެ. ރުއްގަހުން ރަށުގެ ސާފު ފެން ފަށަލަ ސާފުކޮށް ދަމަހައްޓާށާއި އިއާދަކޮށްދިނުމަށް ކުޅޭ ދައުރު ވެސް ހަނދާން ނައްތާލެވިގެން ނުވާނެ އެވެ. ރުއްގަސް ނަގަން ބިންގަނޑު ފެނާ ޖެހެންދެން ކޮނުމުގެ ސަބަބުން ފެން ފަށަލަ ތަގައްޔަރުވާން މެދުވެރިވެ އެވެ. އަދި ގަސްތަކާ އެއްކޮށް ރަށުގެ ކަޅުފަސް ބޭރުވެ ރަށުގެ ބިންގަނޑުގެ ބޭނުންތެރިކަމާއި ބާރު ދެރަވެ ދަނޑުވެރިކަމަށް ހުރަސް އެޅެ އެވެ.

ރުއްގަހާއި ގުދުރަތީ ވަސީލަތްތަކުން ލިބޭ މަންފާ ތަރައްގީގެ ތެރެއިން އެހެން ގޮތްގޮތުން ހޯދިދާނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ. އެކަމަށް އެތައް ޚަރަދެއް ހިނގާނެ އެވެ. ގުދުރަތީ ނިޒާމްހާ ފުރިހަމަކޮށް އެ މަންފާތަކެއް ނުވެސް ލިބޭނެ އެވެ. ގުދުރަތީ ވަސީލަތްތަކަކީ އެއްވެސް އަގަކާއި ހަރަދަކައި ވެސް ނުލާ އޭގެ ފައިދާއެއް ލިއްބައިދޭ ނިޒާމްތަކެކެވެ.

ކޮންމެ ރަށެއް ތަރައްގީކުރާއިރު ވެސް މިހާރު ހުރި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ގޮނޑުދޮށުން ފެށިގެން 20 މީޓަރު އަދި ހޭޅިއަށް ވާ ސަރަހައްދު ރިންގް ރޯޑު ހެދުން ފަދަ ކަންކަމަށް ހަލާކު ނުކޮށްލައި ބޭއްވުން މުހިންމެވެ. ހޭޅިފަށް މިގޮތަށް ހަލާކުނުކޮށް ސަލާމަތް ކުރުމަކީ ހައުސިން މިނިސްޓްރީގެ "ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމާ ބެހޭ ޤަވަޢިދު' އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ "ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިޔުމާ ބެހޭ ޤަވައިދު" ތަކުން މިހާރު ވެސް ލާޒިމް ކުރާ ކަމެކެވެ.

ކޮންމެ ރަށެއްގައި ވެސް ގްރީން އޭރިއާ (ގުދުރަތީ ފެހި ސަރަހައްދުތަކެއް) ރަށުގެ ބިން ބޭނުން ކުރުމުގެ ޕްލޭން ތެރޭގައި ހިމެނުން މުހިންމެވެ. ރަށުން ކޮންމެހެން ކަނޑަން ޖެހިއްޖެ ގަހެއް ނުވަތަ ރުކެއް، އެރަށެއްގެ ހޭޅިއަށް ބަދަލުކުރެވިދާނެ އެވެ. ވަރަށް ގިނަ ރަށްތަކުގައި އަލަށް ހިއްކާފައި ބިން އޮންނަ އިރު ރަށުން ނަގާ ރުއްގަސް އެ ބިންތަކަށް ބަދަލުކުރަން އިސްކަންދޭން ޖެހެ އެވެ. ނުވަތަ ކައިރީގައި މީހުން ދިރިއުޅޭ މިފަދަ އެހެން ރަށެއް އޮތް ނަމަ އެރަށަކަށް ވެސް ގެންދެވިދާނެ އެވެ. ގިނަ ރަށްރަށުގެ ބަނދަރު، މަގުތަކާއި އެހެނިހެން އޮފީސް އިމާރާތްތަކުގެ ގޯތިތެރެ އާއި ހުސް ބިންތައް ފެންނަނީ ވަރަށް ހަނަފަސްކޮށެވެ. އެހެންކަމުން ރަށުން ނަގާ ގަސް ރަށުން ބޭރު ކުރުމަށް ވުރެ މިފަދަ ތަނެއްގައި އިންދަން ލާޒިމްކުރާ ގޮތަށް ރުއްގަސް ކެނޑުމާއި އުފުރުމާ ބެހޭ ގަވާއިދު އިސްލާހުކުރަން ޖެހެ އެވެ.

ނަގަން ޖެހޭ ރުއްގަސް އެހެން ބިމަކަށް، އެހެން ރަށަކަށް

ރުއްގަހުގެ މުހިންމުކަން ވަރަށް ބޮޑެވެ. އެހެންކަމުން ރަށަކުން ކަނޑާލަން ޖެހޭ ރުއްގަސް، ސަރުކާރުން ވަކި ބަޖެޓެއް ކަނޑައަޅައިގެން ނަމަވެސް، މީހުން ދިރިއުޅޭ އެހެން ރަށަކަށް ބަދަލުކުރެވޭނެ ގޮތަށް ސިޔާސަތު ރޭވުން މުހިންމެވެ. ހަނަފަސްވެފައިވާ ރަށްތަކުގައި ގަސް އިންދުން އިތިރު ކުރަން މިވަނީ ޖެހިފަ އެވެ. މަގު ހެދުން ފަދަ މަޝްރޫއުތައް ހިންގާ އިރު މަޝްރޫއުގެ ލޭންޑްސްކޭޕިންގެ ބައެއްގެ ގޮތުން ގަސް އިންދަން ލާޒިމް ކުރަން ޖެހެ އެވެ. ރުއްދަނޑުތަކާއި، މިދިލި އަދި ކަށިކެޔޮ ގަސް ހުސް ބިންތަކުގައި އިންދައިގެން ޕާކުތަކެއްގެ ގޮތުގައި ބޭނުން ކުރުމަށް ބާރު އެޅިދާނެ އެވެ. އެގޮތަށް އެކަން ކުރެވިއްޖަ ނަމަ ރަށް ފެހިވެ ހިތްހަމަޖެހުން ލިއްބައި ދިނުމުގެ އިތުރުން ކާނާގެ ޔަގީންކަން (ފުޑް ސެކިއުރިޓީ) އަށް ވެސް އެޅޭ ހަރުދަނާ ފިޔަވަޅަކަށް ވާނެ އެވެ. އެގޮތަށް އަމަލު ނުކުރެވިއްޖަ ނަމަ ކާބޯތަކެތި ހޯދާށާއި އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކަށް ދަތިވެ، ޚަރަދުތައް ބޮޑުވެ، ރަށުގެ ރީތިކަމާއި އަރާމުކަން ވެސް ގެއްލި އަދި ގުދުރަތީ ހާދިސާތަކަށް ދޮރެއް ވެސް ހުޅުވާލެވުނީ އެވެ.

ރަށެއްގެ ގޮނޑުދޮއް.

ގުދުރަތީ ވެށި ހަލާކުނުކޮށް ރަށްރަށް ތަރައްގީކުރެވޭނެ ގޮތްތަކުގެ އެތައް މިސާލެއް ލިބެން އެބަ ހުއްޓެވެ. އަދި މިފަދަ ދިރާސާތައް ކުރަމުން ދާއިރު ހޯދުންތަކާ އެއްގޮތަށް ރާއްޖޭގެ މަޝްރޫއުތައް ވެސް ބަދަލު ކުރަން ޖެހެ އެވެ. މި ލިޔުމުގެ ފެށުމުގައި ހިމެނި ތަފާސްހިސާބުތަކަށް ވިސްނާލައިފި ނަމަ އަހަރެމެންގެ ރަށްތަކުގެ ނާޒުކުކަން އެނގޭނެ އެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ހާދިސާތައް އިތުރުވެ ގެއްލުން ބޮޑުވާނެކަމަށް ސައިންސްވެރިން ބުނެ އެވެ. ރަށްތަކުގެ ޤުދުރަތީ ނިޒާމްގެ ތެރޭގައި ހިމެނޭ ގަސްގަހާ ގެއްސާއި ހޭޅިފަށަކީ އެފަދަ ހާދިސާތަކަށް ތައްޔާރުކޮށްދިނުމަށް އެއްވެސް ޚަރަދަކާ ނުލައި ލިބިފައިވާ ވަސީލަތްތަކެވެ. އަހަރެމެންގެ އިސްލާމް ދީނުގައި ވެސް ވާ ފަދައިން ގުދުރަތުގެ ފުރިހަމަކަމަށް ވިސްނައިފި ނަމަ ހަމަޔަގީނުން ވެސް އިންސާނުންނަށް އެތައް އިބުރަތެއް ލިބޭނެ އެވެ.

އެޑިޓަރުގެ ނޯޓު

އެޑަމްއަކީ އެމެރިކާގެ ސިރެކިއުސް ޔުނިވަސިޓީގައި ޕަބްލިކް އެޑްމިނިސްޓްރޭޝަން- އެންވަޔަރަމެންޓަލް ޕޮލިސީގެ ރޮނގުން މާސްޓާސް އަދި ސްޓޭޓް ސްކޫލް އޮފް ނިއު ޔޯކް އެންޑް ފޮރެސްޓްރީގައި އެންވަޔަރަމެންޓަލް ޑިސިޝަން މޭކިންގެ ރޮނގުން ކިޔަވަމުން އަންނަ ރާއްޖޭގެ ތިމާވެއްޓާއި ރަށްފުށުގެ ތަރައްގީގެ ދިފާއުގައި ވަކާލާތުކުރައްވާ ބޭފުޅެކެވެ. ފުލްބުރައިޓް ސްކޮލަޝިޕެއްގައި އެމެރިކާއަށް ވަޑައިގަތުމުގެ ކުރިން އެޑަމް ވަޒީފާ އަދާކުރެއްވީ ޔޫއެންޑީޕީ މާލެ އޮފީހުގަ އެވެ. އޭނާ ފުރަތަމަ ޑިގްރީ ނެންގެވީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވާސިޓީންނެވެ.