ކުޅިވަރު / ބާސެލޯނާ

ހަރަދުކުރާނެ ފައިސާއެއް ބާސާގައި ނެތް، ސޮއިކުރުވީ ހުސްކޮށް ހުރި އަލްވޭސް

ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި އަލްވޭސް ތާރަފްކޮށް ދިނުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ: ގެޓީ އިމޭޖަސް

18 ނޮވެމްބަރ 2021 - 10:12

ބާސެލޯނާ (ނޮވެމްބަރު 18) - އާ ކުޅުންތެރިން ގެންނަން ޓްރާންސްފާގައި ހަރަދު ކުރާނެ ފައިސާ އެފްސީ ބާސެލޯނާގެ އެކައުންޓްގައި ނެތުމުން އެއްވެސް ކްލަބެއްގައި ނެތް ޑެނީ އަލްވޭސް އަލުން ބާސާ އަށް ގެންގޮސްފި އެވެ.

ބާސާގެ އާ ކޯޗު ޒަވީ ހެނާންޑޭޒް އެ ކްލަބަށް ބަދަލުވެ އެންމެ ފުރަތަމަ ސޮއިކުރުވި ކުޅުންތެރިޔަކީ އަލްވޭސް އެވެ. ބްރެޒިލްގެ ސައުޕޯލޯގެ ކޮންޓްރެކްޓް ހަމަވުމުން އަލްވޭސް ހުރީ އެއްވެސް ކްލަބަކާ ނުގުޅެ އެވެ. އެހެންވެ އޭނާ ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ.

ބާސާގެ ޗީފް އެގްޒެކެޓިވް މަޓޭއޫ އަލްމާނީ، ކުރިން ބުނެފައި ވަނީ މި އަހަރު އިތުރު ކުޅުންތެރިއެއް ގެންނާނެ ފައިސާ ބާސާގެ އެކައުންޓްގައި ނެތް ކަމަށެވެ. ކުރީގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއުގެ ދައުރު ނިންމާލިއިރު ބާސާ އޮތީ ބަނގުރޫޓްވާން ކައިރިވެފަ އެވެ. މިހާރުގެ ރައީސް ޔޮއާން ލަޕޯޓާ އަށް ޖެހުނީ ހަރަދު ކުޑަ ކުރާށެވެ. އެ ޓީމުގެ ކުރީގެ ކެޕްޓަން ލިއޮނެލް މެސީ ވެސް ދޫކޮށްލަން ޖެހުނީ އޭނާ އަށް މުސާރަ ދޭނެ ފައިސާ ނެތުމުންވެ.

އަލްވޭސް، 38، ސޮއިކުރީ މި ސީޒަންގެ ނިޔަލަށެވެ. ބާސާ އަށް ކުރިން ކުޅެފައިވާ އަލްވޭސްއާ އެކު ވެސް ބާސާގެ ސްކޮޑަށް ތާޒާކަން ގެނެވޭނެ ކަމަށް ޒަވީ ގަބޫލު ކުރެ އެވެ. ފައިސާ ނެތުމުން ޓްރާންސްފާ ފީ ދައްކާފައި، ކުޅުންތެރިޔަކު ގެނެވޭނެ ގޮތެއް ނެތެވެ. މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔަކު ވިއްކާލައިގެން ނޫނީ ބާސާ އަށް ފައިސާ ހޯދޭކަށް ނެތެވެ. އެ ޓީމުގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯންގް އަށް މެންޗެސްޓާ ސިޓީން ޝައުގުވެރިވެ އެވެ.

ޒަވީއާ އެކު ކުރިން ބާސާ އަށް ކުޅުނު އަލްވޭސް ގެންނަން ޒަވީ ނިންމީ ޓީމުގެ ފަަހަތުގައި ލީޑާޝިޕް ހުރި ކުޅުންތެރިޔަކު ހުރުން މުހިންމުވާތީ އެވެ. އޭނާ އަށް ބާސާ އަށް މެޗެއް ކުޅެވޭނީ ޖުނައަރީ 1 ގެ ފަހުންނެވެ. ބާސާ އަށް ބަދަލުވުމަށް ފަހު އަލްވޭސް ބުނެފައި ވަނީ އެ ކްލަބަށް އަލުން ބަދަލުވާން ޖެހޭނެ ދުވަހެއް އަންނާނެކަން އޭނާ އަށް ކުރިން ވެސް ގަބޫލު ކުރެވިފައި އޮތް ކަމަށެވެ.

"އަހަރެންގެ ހިތުގެ އަޑިން ގަބޫލުކޮށްގެން ހުރީ ކޮންމެވެސް ދުވަހަކުން މި ދުވަސް އެނބުރި އަންނާނެކަން،" ބާސާ އަށް ސޮއިކުރުމަށް ފަހު އަލްވޭސްގެ އިންސްޓަގްރާމްގައި ލިޔެފައިވެ އެވެ. "ދުނިޔޭގެ އެންމެ މޮޅު ކްލަބު އަލުން ބިނާ ކުރުމުގައި އެހީވެދޭން ކުރާ މަސައްކަތުގައި ބައިވެރިވާން އަހަރެން މިހުރީ ތައްޔާރަށް. އިންތިޒާރު ކުރަނީ އެކަމަށް."

އަލްވޭސް ސޮއިކުރުވިކަން އިއުލާން ކުރުމަށް ފަހު ބާސާއިން ބުނެފައި ވަނީ ދުނިޔޭގެ އެންމެ މޮޅު ކަނާތު ބެކް އެ ކްލަބާ އަލުން ގުޅިފައިވާ ކަމަށެވެ. އަލްވޭސް ވަނީ މީގެ ކުރިން އަށް އަހަރު ބާސާ އަށް ކުޅެފަ އެވެ. ބާސާ އަށް އެންމެ ފުރަތަމަ 2008 ގައި އޭނާ ބަދަލުވީ ސެވިއްޔާ އަށް ހަ އަހަރު ކުޅުމަށް ފަހު އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454