ވިޔަފާރި / އިސްޓްޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް (ސީއޭ)

ރާއްޖޭގެ އެކައުންޓެންޓުންގެ ފޯރަމް ފަށައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ އެކައުންޓެންޓުންގެ ފޯރަމް ފައްޓަވައިދެއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

16 ނޮވެމްބަރ 2021 - 07:06

ރާއްޖޭގެ އެކައުންޓިން ދާއިރާގައި ހުރި ކަންކަމާ ގުޅޭ މަޝްވަރާތައް ކުރުމަށް ބާއްވާ އެންމެ ބޮޑު މަހާސިންތާ، "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް" ރޭ ފަށައިފި އެވެ.

ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޯރަމް ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިރަސްމިއްޔާތުގައި އޮޑިޓަ ޖެނެރަލް އަދި ޗާޓަޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ރައީސް ހުސައިން ނިޔާޒީ އާއި ސަރުކާރުގެ ބައެއް އިސްބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

މިއީ އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ މީހުން ޕްރޮމޯޓު ކުރުމަށާއި ދާއިރާ ކުރިއެރުވުމަށް 2017 ވަނަ އަހަރުން ފެށގެން ބާއްވަމުން އަންނަ ފޯރަމެކެވެ. މި އަހަރުގެ ފޯރަމުގެ ތީމަކީ "ރެޑިނަސް މައިންޑްސެޓް: ސްޓްރައިވިން ފޯ އެކްސެލެންސް" އެވެ.

މިިއީ ރާއްޖޭގައި ޗާޓަޑް އެކައުންޓެންޓުގެ އިންސްޓިޓިއުޓެއް އުފެއްދުމަށް ފަހު، އެ ތަނުން ބާއްވާ ފުރަތަމަ އެކައުންޓެންޓުންގެ ފޯރަމެވެ. މީގެ ކުރިން މި ފޯރަމް ބާއްވަމުން އައީ އޮޑިޓް އޮފީހުންނެވެ.

އެކައުންޓެންޓުންގެ ފޮރަމް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

އެކައުންޓެންޓުންގެ ފޯރަމް ފައްޓަވައި ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެކައުންޓެންޓުން އުފެއްދުމަށް ސިއޭ މޯލްޑިވްސްއަށް ބޭނުންވާ އެހިތެރިކަން ސަރުކާރުން ދޭނެ ކަމަށެވެ. އަދި އެކައުންޓިން ދާއިރާއަކީ ދައުލަތުގެ މުޅި ނިޒާމާ ގުޅިފައިވާ ބައެއް ކަމަށް ވުމުން އެ ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލު ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ ތަރައްގީގެ ދުވެލި މިހާރު މި ހުރީ ރަނގަޅަށް. މިއަދު ރާއްޖެ މި އޮތީ ދިވެހި އެކައުންޓެންޓުންނާއި އޮޑިޓަރުން އުފައްދަން އިސްކަމެއް ދޭން ޖެހޭ ހާލަތެއްގައި. މި ދާއިރާ އަށް ވީހާ ވެސް ގިނަ ޒުވާނުން ނެރެން ޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ އެކައުންޓިން ދާއިރާ އަށް ޒުވާނުން ނެރުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މި ފޯރަމުގައި މަޝްވަރާ ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި އެކައުންޓިން ދާއިރާއާ މެދު މީހުންގެ އިތުބާރު ދެމެހެއްޓުމަށް އިސްކަން ދިނުމަށް ވެސް އެ މަނިކުފާނު އެދިވަޑައިގަތެވެ.

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި އޮޑިޓަ ޖެނެރަލް އަދި ސީއޭ މޯލްޑިވްސްގެ ރައީސް ހުސެއިން ނިޔާޒީ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އޮޑިޓަ ޖެނެރަލް އަދި ސީއޭ މޯލްޑިވްސްގެ ރައީސް ނިޔާޒީ ވިދާޅުވީ ރާއްޖޭގައި އިންކަމް ޓެކްސް ދައްކާ މީހުންގެ 15 ޕަސެންޓަކީ އެކައުންޓެންޓުން ކަމަށް ވާއިރު އެ ދާއިރާ އިން މީހުން ބިނާކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެކަން ކުރުމަށް ސަރުކާރާއި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އިންސްޓިޓިއުޓުން ކުރި ދިރާސާއަކުން ދައްކާގޮތުގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓާގައި ގާތްގަނޑަކަށް 4،500 އެއްހާ ބިދޭސީން ހަރަކާތްތެރިވޭ. އަދި އިންކަމް ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 15 ޕަސެންޓަކީ އެކައުންޓިން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް. އަދި މީގެ ތެރެއިން 80 ޕަސެންޓަކީ ބިދޭސީން،" ނިޔާޒީ ވިދާޅުވި އެވެ.

"މި ނަންބަރުތަކުން ހާމަވެގެންދަނީ އެކައުންޓިން ދާއިރާ އަށް މީހުން ބިނާކުރަން ޖެހިފައިވާ މިންވަރު."

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ހުޅުވުމުށް ބޭއްވި ރަސްމިއްޔާތުގައި އެކައުންޓިން ދާއިރާގެ ގިނަބަޔަކު ބައިވެރިވި-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ނިޔާޒީ ވިދާޅުވިގޮތުގައި، ރާއްޖެއަކީ ބައިނަލްއަގްވާމީ ވިޔަފާރި އާއި އިންވެސްޓްމަންޓުތަކަށް ހުޅުވާލާފައިވާ ގައުމަކަށް ވުމުން ޕްރޮފެޝަނަލް އެކައުްންޓެންޓުންގެ ބޭނުން ބޮޑެވެ. އެހެންވެ، އެކައުންޓިން އަދި އޮޑިޓް ދާއިރާ ކުރިއަރުވައި ރެގިއުލޭޓު ކުރަނީ އިންޑަސްޓްރީގެ ސްޓޭކްހޮލްޑަރުންނާ ގުޅިގެން މަޝްވަރާތައް ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ ފޯރަމުގައި ރާއްޖޭގެ އެކައުންޓިން ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އިތުރުން އެ ދާއިރާ އިން ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުންނަށް ވެސް ބައިވެރިވާނެ އެވެ.

އެހެން އަހަރުތަކާ އެއްގޮތަށް މި އަހަރުގެ ފޯރަމުގައި ވެސް ރާއްޖޭން ބޭރުގެ އެކައުންޓިން ދާއިރާގެ އިސް މީހުން ބައިވެރިވާ ގޮތަށް ފަންނީ ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތައް ބާއްވާނެ އެވެ. އެއީ ސީއޭ މޯލްޑިވްސްގެ "ވެރިފަޔަބަލް ސީޕީޑީ" ސެޝަންތަކެކެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454