ޕެންޝަން އޮފީހުގެ ޑިިޖިޓަލް ޕޯޓަލް "ކޮށާރު". ކޮށާރު ޕޯޓަލްއާ އެކު ހުރިހާ ހިދުމަތްތަކެއް ދޭނީ އޮންލައިންކޮށް--ފޮޓޯ: ފަޔާޒް މޫސާ/މިހާރު
01 ޑިސެމްބަރ 2021 - 16:00
އޮފީހުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލްކުރި ސަރުކާރުގެ ފުރަތަމަ އިދާރާއަކަށް ޕެންޝަން އޮފީސް ވެއްޖެ އެވެ.
ޕެންޝަން އޮފީހުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށް އެކަން ތައާރަފްކުރުމަށް "ކޮށާރު" ގެ ނަމުގައި މިއަދު ވަނީ ޕޯޓަލްއެއް ތައާރަފްކޮށްފަ އެވެ.
ޕެންޝަން އޮފީހުން ބުނީ މި ޕޯޓަލް މެދުވެރިކޮށް، އެ އޮފީހުންދޭ ހުރިހާ ހިދުމަތްތައް އަވަސްވެ، އިތުރަށް ފުރިހަމަވާނެ ކަމަށެވެ.
މި ޕޯޓަލް ލޯންޗުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. އޭނާ ވިދާޅުވީ، ރައްޔިތުން އަބަދުވެސް ބޭނުންވަނީ އެންމެ ޒަމާނީ ހިދުމަތްތައް ވީ އެންމެ އަވަހަކަށް ހޯދުން ކަމަށްވާ އިރު އެ ހިސާބަށް ދިއުމަށް އިދާރާތަކުން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ހިދުމަތް ދިނުން އަވަސް ކުރުމުގައި ގޮންޖެހުންތައް ހުރި ނަމަވެސް މިއީ ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އުންމީދުކުރަނީ ޕެންޝަން އޮފީހުގެ މިސާލު ނަންގަވައިގެން ދައުލަތުގެ އެހެން މުއައްސަސާތަކާއި ކުންފުނިތަކުން ރައްޔިތުން އެދޭ އަވަސްމިނުގައި ހިދުމަތް ދެވޭނެ ގޮތްތައް ފަހިކުރުން،" އޭނާ ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ޕެންޝަން އޮފީހުގެ "ކޮށާރު" ޕޯޓަލް ލޯންޗުކޮށްދެއްވަނީ--ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ފައްޔާޒު ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތްތައް ދިނުން އަވަސް ކުރުމުގެ އިތުރަށް ޕެންޝަން ފައިސާ ވެސް މިހާރަށް ވުރެ ރަނގަޅަށް އިންވެސްޓް ކުރުން ވަރަށް މުހިއްމު ކަމަށެވެ. އޭނާ ވިދާޅުވީ، ހަމައެކަނި ސަރުކާރުގެ ބޮންޑަށް އިންވެސްޓް ކުރުމުގެ ބަދަލުގައި ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް ބޭނުންވާ ފައިސާ ލިބޭނެ އިތުރު ގޮތްތައް ބަލައި އެކަންކަމަށް ވެސް އިންވެސްޓް ކުރުން ވަރަށް މުހިއްމު ކަމަށެވެ.
ޕެންޝަން އޮފީހުން ތައާރަފް ކުރި މި ސިސްޓަމްގެ އެހީގައި އޮފީހުގެ ހުރިހާ ހިދުމަތްތައް އޮންލައިންކޮށް، ދުނިޔޭގެ ކޮންމެ ތަނަކުން، 24 ގަޑިއިރު މެދުނުކެނޑި ހިދުމަތް ހޯދޭނެ އެވެ. ސިސްޓަމް ހަދާފައިވަނީ ބޭނުންކުރަން ފަސޭހަކޮށް، ކޮންމެ ވަގުތަކުވެސް ހިދުމަތް ހޯދޭނެ ގޮތަކަށެވެ.
ޕެންޝަން އޮފީހުގެ ހިދުމަތްތައް މޯބައިލް ޑިވައިސްތަކުން ވެސް މިހާރު ހޯދޭނެ އެވެ. ވަޒީފާއަދާކުރާ މީހެއް ނަމަ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ރަޖިސްޓްރީވުމާ ހަމައިން، އެ މީހަކަށް ބޭނުންވާ ހިދުމަތްތައް ކަމަށްވާ ޕެންޝަން އެކައުންޓުގެ ތަފްސީލު ބެލުމާއި، ޕޯޓްފޯލިއޯ ބަދަލުކުރުމާއި، އެ މީހަކަށް ސްކީމުން ލިބޭ ބެނެފިޓްސްތަކުގެ ތަފްސީލު ބެލުމާއި، ޕެންޝަން ޕްލޭން ކުރުމަށް ކަލްކިއުލޭޓާ ފަަދަ ޓޫލްތައް ބޭނުންކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުދާރު ދޮންބެ
01 December 2021
ޖަމާކުރާ ލާރި ލިބޭ ތަނެއް ނޫން. ދެން ކޮން ހިދުމަތްތަކެއް އޮންނާނީ ތިޔަތަކުން އާއްމުން ހޯދަން. އެމްޕްލޯޔަރ އަޕްލޯޑްކުރާ ލާރިއެއް ފިޔަވާ. 50 ވައްތަރުގެ ތަފާތު އެޕްލިކޭޝަން ސަރވިސް ދޭ ސަރުކާރުގެ އޮފީސްތަކާ ތިތަނަކާ އެއްފަދައެއް ނުކުރެވޭނެ.
އިޙްސާސް
01 December 2021
ފައިސާ ދެއްކޭނެ ގޮތެއް ތީގަ އިނދޭތަ؟ ކޮންމެފަހަރަކު ޖެހެނީ ބީއެމްއެލް އޮންލައިންނަށް ވަދެ ޕެންޝަން ފައިސާ ދައްކަން.
އަލްފާނީ
01 December 2021
ހުރިހާ ހިދުމަތެކޭ ބުނާއިރު ތިތަނުން ކޮން ހިދުމަތެއްބާ އެވަރަކަށް މީހުން ހޯދަނީ..ފަންޑް އުފެދުނީއްސުރެ ފައިސާ އަޅަމުން މިދަނީ ޖަމާވެފަ ހުރި އަދަދު އަހަރަކު އެއްފަހަރު ބަލާލުން ފިޔަވައި ތިތަނުގެ ބޭނުމެއް ނުޖެހޭ..އަތްނުލެވޭ ބޭނުން ނުކުރެވޭ ފައިސާ ހުރިތޯ ބަލަން ދުވާލަކު 12ފަހަރު މީހަކު ނޫޅޭނެ.