02 ޑިސެމްބަރ 2021 - 11:11
މެޑްރިޑް (ޑިސެމްބަރު 2) - ރެއާލް މެޑްރިޑުން ސްޕެނިޝް ލަ ލީގާގައި ރޭ އެތުލެޓިކް ބިލްބާއޯ ބަލިކޮށް ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
އަމިއްލަ ދަނޑުގައި ރެއާލުން ބިލްބާއޯ 1-0 އިން ބަލިކުރިއިރު، ރެއާލްގެ ހަމައެކަނި ލަނޑު، ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށްވެފައި ވަނިކޮށް ޖަހައިދިނީ ކެޕްޓަން ކަރީމް ބެންޒެމާ އެވެ. މި ނަތީޖާއާ އެކު ރެއާލުން ވަނީ މިހާތަނަށް ކުޅުނު 15 މެޗުން 36 ޕޮއިންޓް ހޯދައިފަ އެވެ.
ބިލްބާއޯ އިން ރެއާލްގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް މެޗުގައި ފޮނުވާލި ނަމަވެސް ގިނަ ހަމަލާތައް ގޯލާ އަމާޒެއް ނުވި އެވެ. އަދި ރެއާލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ އާއި ގޯލްކީޕަރު ތިބައު ކޯޓުއާ ވަނީ ބިލްބާއޯގެ އެޓޭކްތަކާއި ހަމަލާތައް ހުއްޓުވުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ރޭގެ މެޗުގައި ބެންޒެމާ ޖެހި ލަނޑާ އެކު އޭނާ މި ސީޒަނުގައި ރެއާލަށް 17 ލަނޑު ވަނީ ޖަހައިދީފަ އެވެ. އަދި މިއީ ލީގުގައި މި ސީޒަނުގައި ޖެހި 12 ވަނަ ލަނޑެވެ.
ރެއާލް ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. ރެއާލަށް ވުރެ ހަތް ޕޮއިންޓް ފަހަތުން ލީގު ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން މިދިޔަ ސީޒަނުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑެވެ. އަދި ތިންވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ވެސް ލިބިފައި ވަނީ އެތުލެޓިކޯ މެޑްރިޑާ އެއްވަރަށް، 29 ޕޮއިންޓެވެ.
އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް މޮޅެއް ނުހޯދުނު ބިލްބާއޯ އޮތީ ބާސެލޯނާ އަށް ވުރެ އެއްމެޗު އިތުރަށް ކުޅެގެން އެ ޓީމުގެ ފަހަތުން ޓޭބަލްގެ އަށްވަނައިގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
02 December 2021
މަރުހަބާ ރެއާލް ފޭނުން.މިފަހަރު ސައިކަލް ބުރެއް ބާއްވައްޗޭ.