އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް (ވ) އާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓާރު ހުސެއިން އިސްމާއިލް (ކ) އެޕްރެންޓިސްޝިޕް އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: އެމްޓީސީސީ
06 ޑިސެމްބަރ 2021 - 12:46
ޔޫތު މިނިސްޓްރީގެ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން، ފަންނީ ދާއިރާތަކަށް މީހުން ތަމްރީނު ކުރުމަށް އެ މިނިސްޓްރީއާއެކު އެމްޓީސީސީން މިއަދު އެއްބަސްވެއްޖެ އެވެ.
އެމްޓީސީސީގެ ޓަވަރުގައި ބޭއްވި ރަސއްިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ.
މި އެއްބަސްވުމާއެކު، އެމްޓީސީސީގެ ހުނަވަރު ޓެކްނިކަލް ސްކިލް ޕްރޮގްރާމުގެ ދަށުން ވެލްޑިން އާއި ޕްލަމްބަރިން އާއި ކަރަންޓުގެ މަސައްކަތްތަކާއި އޮޓޮމޯޓިވް މެކޭނިކާއި ވަޑާން ކުރުމާއި ކޮންސްޓްރަކްޝަން ސައިޓުތައް ސުޕަވައިޒު ކުރުން ފަދަ ދާއިރާތަކުން މީހުން ތަމްރީނު ކުރާނެ އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާ ހަ މަސް ދުވަހުގެ މުއްދަތުގައި ބައިވެރިންނަށް މަހަކު 3،000ރ. ގެ އެލަވެންސެއް ލިބޭނެ އެވެ. އަދި ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރާ ނަމަ ހުރުމާއި ކެއުން ވެސް ލިބޭނެ އެވެ.
އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމް ހިންގަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހުނަވަރު ލައިސެންސިން އާއި ހުނަވަރު ޓެކްނިކަލް ސްކިލްސް އެވެ. ޓެކްނިކަލް ސްކިލްސް ޕްރޮގްރާމުގެ ދަށުން ތިން އަހަރުގެ ތެރޭގައި 100 މީހުން ތަމްރީނު ކުރުމަށް ވަނީ ނިންމައިފަ އެވެ. މި އަހަރު ހުޅުވާލާނީ 30 ޖާގަ އެވެ.
އާޒިމް (ވ) މީޑިއާތަކަށް މައުލޫމާތު ދެއްވަނީ- ފޮޓޯ: އެމްޓީސީސީ
އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ފަންނީ ދާއިރާތަކުން މީހުން ހޯދަން ދަތިކަމަށާއި އެހެންވެ، ބިދޭސީން ގެންގުޅުން މަޖުބޫރު ވެފައިވާ ކަމަށެވެ. އެކަމަކު، އެ ދާއިރާއިން ދިވެހިން ބިނާ ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވިގޮތުގައި، އޭނާގެ މަގްސަދަކީ ކުންފުނި ހިންގޭ ވަރުގެ މަސައްކަތްތެރިން ކުރިމަގަށް ބިނާ ކުރުމެވެ. އެކަން ހާސިލް ކުރަން އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ދިވެހިންނަށް ފުރުސަތު ހުޅުވާލަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޓީސީސީގައި އެބަހުރި މަސައްކަތް. އެހެންވީމާ އަޅުގަނޑުމެން ބޭނުންވޭ ދިވެހި ޒުވާނުން މި ކަމަށް ކުރިމަތިލާން. ތި ޒުވާނުންނަކީ މުޖުތަމައުގައި ވަރަށް ވެސް މުހިންމު ބަޔަކަށް ހަދައިދިނުމަށް އެމްޓީސީސީން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނަން،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި މިހާރު ވެސް އެމްޓީސީސީގައި 1،300 އެއްހާ ބިދޭސީން މަސައްކަތް ކުރެ އެވެ. އެ ވަޒީފާތަކަށް ދިވެހިން ލިބޭ ވަރަކަށް ދިވެހިންނަށް އެ ފުރުސަތު ދެމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިއަރައިގެން އަންނަ ގައުމަކަށް ބޭނުންވާ ހުރިހާ ޓެކްނިކަލް ދާއިރާއަކުން މީހުން ބޭނުންވާ ކުންފުންޏެއް އެމްޓީސީސީއަކީ. އެހެންވެ، އަޅުގަނޑު އެދެން ހުރިހާ ދިވެހި ޒުވާނުންނަށް މި ވަޒީފާތަކަށް ކުރިމަތިލާން،"
އެމްޓީސީސީން މި އަހަރުގެ ޖެނުއަރީ މަހު ފެށި ހުނަވަރު ލައިސެންސިން ޕްރޮގްރާމުގެ ދަށުގެ 13 މީހަކު ވަނީ ތަމްރީނު ކޮށްފަ އެވެ. އެ 13 މީހުން މިހާރު މަސައްކަތް ކުރަނީ އެ ކުންފުނީގެ އެކްސްކަވޭޓަ އޮޕަރޭޓަރުންގެ ގޮތުގަ އެވެ؛
ހުނަވަރު ޓެކްނިކަލް ސްކިލް ޕްރޮގްރާމް ހިންގަނީ މުޅި ރާއްޖެ އަށް ހުޅުވާލައިގެންނެވެ. މި ޕްރޮގްރާމްގައި ދެ ޖިންސުންގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ބައިވެރިވެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމަދު.
06 December 2021
ޝާހިދުގެ ކެމްޕޭނު މީހުން ހާދަ ބުރަކޮށް. ފައްޔާޒު އަކީ ޝާހިދުގެ ރަނިންގމޭޓް ތޯ ؟؟