ނަބާހާ އާއި ނަބީހާ
14 ޑިސެމްބަރ 2021 - 12:48
ސްޕެއިންގައި ބާއްވާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕަށް ދާން ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ އަށް ވިސާ ނުލިބުނީ ވިސާ ހޯދަން އެކަށީގެންވާ ވަގުތު ނެތުމުންކަން "މިހާރަ"ށް އެނގިއްޖެ އެވެ.
މި މަހު ޕޯޗްގަލްގައި ބޭއްވި ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕަށް ދާން، ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވެސް ވިސާ ހޯދަން ދެ ހަފުތާ ވަންދެން މަޑުކުރަން ޖެހުނެވެ.
މިދިޔަ އާދިއްތަ ދުވަހު ފެށި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ނަބާހާ އާއި ނަބީހާ އަށް ޖާގަ ދިންކަން ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ޑަބްލިއުބީއެފް) އިން އެންގީ ވެސް މި މަހުގެ ކުރީކޮޅުގަ އެވެ. އޭރު އެ ދެ ކުޅުންތެރިން ތިބީ ބަންގްލަދޭޝް އިންޓަނޭޝަނަލް ސީރީޒްގައި ވާދަކުރަން އެ ގައުމުގަ އެވެ. އެ މުބާރާތުން ބްރޯންޒް މެޑަލް އެ ދެ ކުޅުންތެރިން ހޯދި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ވެސް ވަނީ ނަބީހާ އާއި ނަބާހާ އަށް ވިސާ ހޯދުމަށް މަސައްކަތްކޮށްފަ އެވެ. ވަކި ހިސާބަކުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް އެކަމުގެ ތެރެއަށް ވަދެ، އިންޑިއާގެ ނިއު ދިއްލީގައި ހުންނަ ސްޕެއިންގެ އެމްބަސީ މެދުވެރިކޮށް މަސައްކަތްކުރި އެވެ. އޭގެ އިތުރުން ލަންކާގައި ހުންނަ ފްރާންސް އެމްބަސީ މެދުވެރިކޮށް ޝެންގިން ވިސާ އަށް ފޮރިން މިނިސްޓްރީން މަސައްކަތްކުރި އެވެ. ޕޯޗްގަލްގައި ބޭއްވި ޓީޓީގެ ޖޫނިއާ ޗެމްޕިއަންޝިޕަށް ދީމާ ވެސް ދަތުރުކުރީ ފްރާންސް އެމްބަސީން ޝެންގިން ވިސާ ޖަހައިގެންނެވެ.
ދުނިޔޭގެ 50 ގައުމުން ކުޅުންތެރިން ވާދަކުރާ މުބާރާތުގައި ނަބާހާ އާއި އޭނާގެ ދައްތަ ނަބީހާ ވާދަކުރަން ހަމަޖެހިފައި އޮތީ އެލިމިނޭޝަން ރައުންޑުގަ އެވެ. އެ ރައުންޑްގައި ނަބާހާ އާއި ނަބީހާގެ ޕެއާ ކުޅޭގޮތަށް އޮތީ ރަޝިއާގެ އަލީނާ ޑަވެލްޓޮވާ އާއި އިކަޓެރީނާ މަލްކޮވާއާ ދެކޮޅަށެވެ. އެ ދެ ކުޅުންތެރިންނަކީ ވޯލްޑް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ބެޑްމިންޓަން ޕެއާއަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. މުބާރާތް ނިމެނީ އަންނަ އާދިއްތަ ދުވަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނުލް ބ
14 December 2021
ތިއީ އެސޯސިއޭޝަންތަކުގަ ތިބޭ މީހުންގެ ދޯދިޔާ ކަމާއި ވަރިހަމަ ކަމުން ލިބޭ ލަނޑު. ތި ވިސާ ޖައްސަންޖެހޭ ކަން އެނގޭނެދޯ ބައިެރިވާން ނިޔަތްގަންނަ ހިސާބުން؟
މުހައމަަދ
14 December 2021
ކޮބާ އަހަރެމެންގެ ޓެކްސް ފައިސާއިން ދުނިޔޭގެ ވެރިކަމަށް އާދެވިގެން ކަަމަށް ހީވެގެން އުޅޭ ފޯރިން މިނިސްޓަރ، ކަމަކަށް ވާވަރުގެ ކަމެއް ލައްވާލީމާ ހަމަ ދިޔައީ ސުމަކުން، ވިސާ ގަނޑެއްވެސް ނުލިބުނުދޯ!
645454
14 December 2021
މަހޭ އިސްތިއުފާ!
ާއަހަދު
14 December 2021
މަހޭ އިސްތިއުފާ ދޭންވި ސަބަބެއް ނެތް…މިނިޓަރ ތަ ވިސާ ދެނީ؟ ވަރަށް ވަގުތު ނެތީސް އޯ ފުރުސަތު ލިބުނީ…